އަތޮޅުތަކާއި ސިޓީތައް އީދަށް ދިއްލާލުން ރައްޔިތުންނާއި ވެރިންގެ ތައުރީފް ސަރުކާރަށް އޮހެން ފަށައިފިއެެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާއި އެއްގޮތަށް ރާއްޖޭގެ ހުރިހާ ސިޓީތަކާއި އަތޮޅުވެރިކަން ކުރާ ރަށްތަކުގައި ޢީދުގެ މުނާސަބަތުގައި ރާއްޖެ ދިއްލާލާ ތަކުބީރު އަޑުން ގުގުމާލުވުމުގެ މަސައްކަތް ސަރުކާރުން ފެށީ ކުރިއަށް އޮތް ފިތުރު އީދާ ގުޅިގެންނެވެ.
މި ގޮތަށް ރާއްޖެ ދިއްލާލުމަކީ މީގެ ކުރިން ކޮށްފައިވާ ކަމެއްނޫން ކަމުގައިވިޔަސް ރައީސް ޑރ. މުހައްމަދު މުއިއްޒު މާލެ ސިޓީ މޭޔަރަކަށް ހުންނެވިއިރު، މިދިޔަ އަހަރުގެ އީދަށްވެސް މާލެ ސިޓީ ވަނީ އެއްކޮށް ދިއްލާލާފައެވެ.

އަތޮޅުތަކާއި ސިޓީތައް އީދަށް ދިއްލާލުން ރައްޔިތުންނާއި ވެރިންގެ ތައުރީފް/ގއ. ވިލިގިލީގައި ލައިޓް ހަރުކުރެވިފައި
އެގޮތުން އޭރު މާލެ ސިޓީ ދިއްލާލާ ތަކުބީރުގެ އަޑު މާލެއިން އިވިގެން ދިޔަ ދިއުމަކީ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިންހަމަ ޖެހުމަކަށްވިއެވެ. އަދި އޭރު ރައީސް މުއިއްޒު ވިދާޅުވީ މާލެ މި ގޮތަށް ދިއްލާލުމާއި އެކު ދެން ފެނިގެނދާނީ މުޅި ރާއްޖެ ދިއްލާލެވޭތަން ކަމަށެވެ. އެހެންކަމުން މިހާރު މި ފެންނަނީ އަންނަ ފިތުރު އީދަށް ތައްޔާރުވުމުގެ ގޮތުން އަތޮޅު ތަކާއި ސިޓީ ތަކުގައި ލައިޓް ހަރުކުރެވި ތަކުބީރު އިއްވުމައްޓަކާއި، ސައުންޑް ސިސްޓަމް ހަރުކުރެވުމުގެ މަސައްކަތް ކުރެވޭތަނެވެ.
މިހާރުވެސް ގއ. ވިލިގިއްޔާއި ފުވައްމުލައް ސިޓީވެސް ކުލަ ބޮކިތަކުން ޒީނަތްތެރި ކޮށްފައިވާއިރު މިއީ އެކި އުމުރުފުރާގެ ބޭފުންނަށް ވެސް ވަރަށް ބޮޑު ހިންހަމަޖެހުމެއް ލިބިގެންދިޔަ ކަމެކެވެ. މިކަން ސޯޝަލް މީޑިއާއިންނާއި، އާންމުންގެ ޝުއޫރުތަކަށް ބަލާލުމުން ވެސް އެނގިގެން ދެއެވެ. އަދި ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ އެކްސްގައި ކުރެެއްވި ޕޯސްޓެއްގައި ވިދާޅުވީ ސިޓީތަކާއި ރަށްތައް ދިއްލާލުމަކީ ވަރަށް އުފާވެރިކަމެއް ކަމަށެވެ.

އީދަށް ލައިޓް ހަރުކުރުން ކުލަބޮކީގެ މާ ބަގީޗާއެއް ފަދަ
ކައުންސިލް މިނިސްޓީން ބުނީ ހޯމަ ދުވަހުގެ ޝިއާރުތައް ދިއްލުމާއި އެކު ތަކްބީރުގެ އަޑު އިއްވާދޭނެ ވަސީލަތްތައް ޤާއިމްކުރުމުގެ މަސައްކަތުގެ މިހާރު ފެށިގެން ކުރިއަށްދާ ކަމަށެވެ. އަދި ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގަތް ވައުދުފުޅާއި އެއްގޮތައް ރާއްޖޭގެ ހުރިހާ ސިޓީތަކާއި އަތޮޅު ވެރިކަން ކުރާ ރަށްތައް ދިއްލުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި، އަދި ސަރުކާރުގެ ބައެއް ކުންފުނިތައް ގުޅުގެން ދަނީ ކުރެވެމުން ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.
މިހަރަކާތުގެ ތެރޭގައި އީދަށް ރަށްތައް ޒީނަތްތެރި ކުރުމުގައި އިސްލާމީވަންތަކަން ދައްކުވައިދޭ ލައިޓްތައް ހަރުކުރުމުގެ އިތުރުން ތަކްބީރުގެ އަޑު އިއްވުމަށް ރަށުތެރޭގައި ސްޕީކަރު ހަރުކުރުން ހިމެނެއެވެ.
މިގޮތުން ރަށްރަށުގެ ބޮޑެތި މަގުތަކުގައި އީދަށް ހާއްސަ ކުލަބޮކި ލުމާއި މަގުމަތީގައި ގިޑިގެ ހެދުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް ވެސް ބުނެފައި ވެއެވެ. އެމިނިސްޓްރީން އިތުރަށް ބުނީ ގިނަ ރަށްރަށުގައި މަސައްކަތުގެ ބޮޑުބައި ވަނީ މިހާރު ނިމިފައި ކަމަށެެވެ. އަތޮޅު ތެރޭގައި މިމަސައްކަތުގައި ކައުންސިލުގެ އިތުރުން ފެނަކަ އާއި ސްޓެލްކޯގެ ބައިވެރި ވުމާއެކު ކުރިއަށް ދާއިރު ސިޓީތަކުގައި ސިޓީ ކައުންސިލު ތަކުން މިމަސައްކަތުގައި ވަރަށް ބޮޑު ދައުރެއް ދަނީ އަދާކޮށްފައި ކަމަށްވެސް އެ ކައުންސިލުން ބުނެއެވެ.

