މަރާމާތު ކުރުމަށްފަހު، ޖުމްހޫރީ މައިދާނުގައި ހުރި ފެންއަރުވާ ވަޑާން މިރޭ އަލުން ދިއްލައިލާނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފު މިކަން ހާމަކުރައްވާފައި ވަނީ އެކްސް.ކޮމްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ފެންއަރުވާ ވަޑާމުގެ މަރާމާތުގެ މަސައްކަތް ކުރިއަށް ދަނިކޮށް…ފޮޓޯ: އެކްސްޕޯސްޓް
އެކްސްގެ ޕޯސްޓުގައި ޝަރީފު ވަނީ މިރޭ 9:30 ގައި ފެންއަރުވާ ވަޑާން ހުޅުވާނެ ކަމަށް ވިދާޅުވެފައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަ ކުރަން، ޖުމްހޫރީ މައިދާނުގެ އެ ފެންއަރުވާ ވަޑާން ބިނާކޮށްފައި ވަނީ ޔާމީންގެ ވެރިކަމުގައި އޭރުގެ ހައުސިން މިނިސްޓަރު އަދި މިހާރުގެ ރައީސް ޑރ މުއިއްޒުގެ ބެއްލެވުމުގެ ދަށުންނެވެ.
މީގެ ކުރިން ވެސް އެކްސްޕޯސްޓެއްގައި ވަޒީރު އާދަމްޝަރީފު ވަނީ މި ފިތުރު އީދަށް އެ ފެންއަރުވާ ވަޑާން ހުޅުވާނެކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ޑރ މުހައްމަދު މުއިއްޒުގެ ހާއްސަ އެދިވަޑައިގަތުމަކަށް ވީރާނާވެ ހަލާކުވަމުން ދިޔަ ފެންއަރުވާ ވަޑާން އަލުން އާބާތުރަފިލުވައި މަރާމާތު ކުރުމުގެ މަސައްކަތް އެ މިނިސްޓްރީން ކުރަމުން ދާ ކަމަށެވެ. ކުޑަ އީދަށް އަލުން ހުޅުވުމުގެ މަސައްކަތް ބާރަށް ކުރިޔަށްދާކަމަށް މިނިސްޓަރު ވަނީ އެ ޕޯސްޓުގައި ވިދާޅުވެފައެވެ.
(ކޮންމެއަކަސް މިހިތްގައިމު މަންޒަރު ދިއްލައިލާ އުފާވެރިވަގުތުކޮޅު އާއިލާއާއި ލޯބިވާ ފަރާތްތަކާއެކު ހަނދާންތައް ރައްކާކޮށްލުމަށް ދިއުމަކީ ގުޅުންތައް ބަދަހިވެ ލޯތްބާއި ހިތްހަމަޖެހުން އާވެއާލާވެގެންދާނެފަދަ ކަމެއްކަން ޔަގީނެވެ. އެހެންކަމުން މި މަންޒަރު މިސްކޮށްނުލައި ދާން އަވަހަށް ތައްޔާރުވަމާތޯއެވެ!)

