"ނަތިންގ އިޒް އިމްޕޮސިބަލް،"
އިންޕޮސިބަލް ކަމެއް ނެތެވެ. އެއީވެސް ކިޔާއުޅޭ އެއްޗެކެވެ. އެހެން ނަމަވެސް ވަރަށް މަދުން އިންޕޮސިބަލް ކަންތައް ހުންނާނެއެވެ.
އޭގެ ތެރޭގައި ހިމެނޭ އެއްކަމެއް ކަމުގައި ހިންދީ މިޔުޒިކް ރާއްޖޭން ވަކިކޮށްލުން ހިމެނެއެވެ. ސަބަބެއްކަމަށްވަނީ އެމިޔުޒިކު ރާއްޖޭގައި ހިއްޕާލާފައި އޮންނަތާ މާގިނަދުވަސް ވުމެވެ. އައްސުލްޠާނު މުޙައްމަދު ޢިމާދުއްދީން ހަތަރެއް، މުސްކުޅި ބަންޑާރައިން ރަސްކަމަށް އިސްކުރީ ހިޖުރައިން ބާރަސަތޭކަ ފަންސާސް ވަނަ އަހަރު ރަމަޟާން މަހު ބާވީސް ވަނަ ދުވަހުއެވެ. އަވަހާރަވެގެން ރަސްކަމާއި ވަކިވެވަޑައިގަތީ ބާރަސަތޭކަ ނުވަދިހަ ނުވަވަނަ އަހަރު ޞަފަރު މަހު ވިހިވަނަ ދުވަހުއެވެ. ރަސްކަންކުރެއްވީ ބައިގަރުނު ހަމަވުމާއި ވަރަށްގާތް، ދިގުމުއްދަތެއްގައެވެ.
"ދިވެހި ތާރީޚު" މިނަން ކިޔާފޮތުގައި ބުނާގޮތުގައި ހިންދުކަރައިގެ ލަވަކިޔާ މީހުނާއި ލަވަކިޔާފައި ނަށާ އަންހެންކުދީންނާ ގެންނަވައިގެން ބޮޑުގަނޑުވަރުގައި މިޔުޒިކުގެ ކުޅިވަރު ކުޅުއްވައެވެ. މި ދެންނެވީ ހިންދީ މިޔުޒިކެވެ. އަދިހަމަ އެފޮތުގައި ބުނާގޮތުން ބޮޑުން ސާހިބުންގެ ގޭގޭގައިވެސް މިކަންތައް އޮވެއެވެ. މުސްކުޅި ބަންޑާރައިންނަކީ ވަރަށް ވަރުގަދަ ނުފޫޒެކެވެ. އެރަސްގެފާނު އަވަހާރަވުމާއި ހަމައަށް އެންމެ ބާރުގަދައީ ހަމަ ރަސްގެފާނުގެއެވެ. މައުޟޫޢުން ބޭރުވާތީ ދޫކޮށްލަމެވެ.
ވިއްސަކަށް އަހަރު ހިންދީ މިއުޒިކު ކުޑަކޮށް ބަލިކަށިވެލިއެވެ. އެހެން ނަމަވެސް އައްސުލްޠާނު މުޙައްމަދު ޝަމްސުއްދީން ތިނެއްގެ ރަސްކަމުގެ ވަރަށް ކުރީކޮޅުގައި އަނެއްކާވެސް ހިންދީ މިއުޒިކު އޭގެ އެންމެ ފުރިހަމަ ބާރާއެކު ޙަރަކާތްތެރިވާން ފަށައިފިއެވެ. މުޙައްމަދު ޝަމްސުއްދީން ތިނެއް ދެވަނަ ފަހަރަށް ރަސްކަމަށް އިސްކުރީ 1320 ވަނަ އަހަރު ޙައްޖުމަހު 11 ވިލޭރެއެވެ.
މުޙައްމަދު ޝަމްސުއްދީން ތިނެއްގެ ދަރިކަލުން އަލްއަމީރު ޙަސަން ޢިއްޒުއްދީން ހުންނަވާ ގެކޮޅަކަށް ސަރުކާރުން ޢިމާރާތް ކޮށްދެއްވީ މިހާރުވެސް ފެންނަންއެހުރި މުލީއާގެއެވެ. އެދުވަސްވަރު ކިޔަނީ ހެންވޭރު ގަނޑުވަރެވެ. އިބްރާހިމްފުޅު ފަރިއްސެއްގައިވެސް އޮވެއެވެ. "އަރާއިރު ފެންޑާގެ މައްޗަށް، ހެންވޭރު ގަނޑުވަރު ފެންނާނެހެން" މިފަރިހީގައިވެސް އެގަނޑުވަރަށް ކިޔާފައި އެވަނީ ހެންވޭރު ގަނޑުވަރަށެވެ.
އަލްއަމީރު ޙަސަން ޢިއްޒުއްދީން ލަންކާއިން ކިޔަވާ ވިދާޅުވެގެން ވަޑައިގެން މާކަލަހެއްނުވެ ފެއްޓެވީ ހިންދީ މިއުޒިކުގެ ގައްވާލީންގެ ލަވަތައް ކިޔާފައި ފިރިހެން ކުދިން އަންހެން ހެދުން އަޅައިގެން ފައިގައި ގިގުނި އަޅައިގެން ނެށުމުގެ ބަލާހިތްވާ ކުޅިވަރެވެ. އެރު އިންޑިޔާގައި އެންމެ ވިދާ ގައްވާލީ ލަވަކިޔުންތެރީންގެ ތެރޭން އެއްލަވަ ކިޔުންތެރިޔަކީ ޕިޔާރޯ ގައްވާލެވެ. އަނެކެއްގެ ނަމަކީ ކާލޫ ގައްވާލެވެ.
މަނިއްޕުޅު ވިދާޅުވަނީ ޕިޔާރޯ ގައްވާލުގެ ލަވައެވެ. މަނިއްޕުޅުގެ ކަކާ ބޭކަލުންގެ ތެރެއިން އެންމެ އިސް ކަކާ ބޭކަލަކީ ފުތު އަލިފުޅުގެ ތުއްތުއެވެ. މީނާ ކިއުއްވަނީ ކާލޫ ގައްވާލުގެ ލަވައެވެ. ދެންވެސް މިޔުޒިކު ސާމާނު އެދުވަސްވަރުގެ ގޮތަށް ބޭނުންކުރަނީ ތަބުލާއާއި ޕިޔާނޯއާއި ހަރުމޯނިޔާއެވެ. މަނިއްޕުޅުގެ މަންމަގެ ފަރާތްޕުޅުން އެންމެ ތިމާގެ ކަޅުހުރާގޭ ސީދީއެއް ހަރުމޯނިއާ ކުޑަސީދީގެ ނަމުން މަޝްހޫރުވިއެވެ.
ތަބުލާއަށް އެންމެ މޮޅީ ދުންމާރި ކަޅު ހުއްތުގެ ސީދީއެވެ. އަދި ގަލޮޅު ގަނޑުވަރު ސީދީވެސް ތަބުލާއާއި ހަރުމޯނިޔާއަށް ވަރަށް މޮޅެވެ. މިއީވެސް މަނިއްޕުޅުގެ މަންމާގެ ފަރާތުން ތިމާގެވެފައިވާ ކަޅުހުރާގެ ސީދީއެކެވެ. އަލްއަމީރު ޙަސަން އިއްޒުއްދީނުގެ އެންމެ ފަހު ވަގުތާ ހަމައަށްވެސް ހިންދީ ގައްވާލީ މިޔުޒިކު ވަރުގަދައަށް ހިނގަމުންއައެވެ.

ބެޝަރަމް ރަންގްގެ މަންޒަރެއް….ފޮޓޯ:އައިސްޓޮކް
މަތިގޭގައި މުޙައްމަދު ޝަމްސުއްދީން ރަދުންވެސް ކޮންމެ ރެޔަކު ހިންދީ މިޔުޒިކުގެ ކުޅިވަރު ބާއްވަވައެވެ. އެންމެ ރީތިކޮށް ގައްވާލީ ލަވަކިޔަނީ ފުތުއަލިފުޅުގެ ދޮންތުއްތުއެވެ. ފުތުއަލިފުޅަކީ ޝަމްސުއްދީނުގެ އިސްކަކާ ދެބޭކަލުންގެ ތެރޭން އެއްބޭކަލެކެވެ. ދަރިކަލުންގެ އަރިހުގައި ލަވަކިޔަނީ ދެވަނައަށް ފުތުއަލިފުޅު ތުއްތުއޭ އޮންނާނީ ދެންނެވިފައެވެ. ބައްޕާފުޅުގެ އަރިހުގައި ބޮޑުގަނޑުވަރުގައި ހުންނަ މަތިގޭގައި ލަވަކިޔަނީ ފުތުއަލިފުޅުގެ ދޮންތުއްތުއެވެ.
މުޙައްމަދު ޝަމްސުއްދީނުގެ ރަސްކަން ނިމުނީ 1353 ޖުމާދިލްއާޚިރު 23 ވަނަ ދުވަހުއެވެ. ދިގުވާތީ ދޫކޮށްލަމެވެ. އެއޮތް ވަރުގަދަ ރަސްކަން ނިމިގެން ދިޔައިރުވެސް އިއްޒަތްތެރި ދެބަފައިކަލުން ގެ އަރިހުގައި ކުޅެވެމުން އައި ހިންދީ މިއުޒިކު ހުއްޓިގެންދާ ގޮތެއް ނުވިއެވެ. އައްނަބީލު ޙަސަންފަރީދު ދިވެހި ލަވައަށް ގެންނެވި ބަދަލުގައި ހަތަރު އަވަށުން ހެދި ލަވަތަކުގައި ހިމެނެނީ މުޅިން ހިންދީ ރާގެވެ.
ޙުސައިން ޞަލާޙުއްދީނާއި ބޮޑު ފެންވަޅުގޭ ސީދީގެ ޅެންތައް ވެސް ގިނައިން ހުރީ ހިންދީ މިޔުޒިކަށް ފައްތަވާފައެވެ. ދެން މިހެން އަންނަމުން އައިސް ދިވެހި ފިލްމު އިންޑަސްޓްރީ ފެށުނީމާވެސް އެއިގެ ފުރާނަޔަކަށް ވީ ހިންދީ މިޔުޒިކެވެ. ހިންދީ ރާގުތަކެވެ. ހިންދީ ފިލްމުސްޓާރުންގެ ހަރަކާތްތަކެވެ. މިހާރު ދިވެހި ފިލްމް އިންޑަސްޓުރީ ވަރަށް ކުރިޔަށް ހިނގައްޖެއެވެ.
ފިލްމު ސުޓާރުން ވައްތަރުވަމުން ދަނީވެސް ހިންދީ ފިލްމު ސުޓާރުންނާއެވެ. ވާނީވެސް އެހެންނެވެ. ދިވެހިންނާއި އިންޑިޔާގައި އުޅޭ މީހުންނަކީ އޭރިޔަނުން ކަމަށްވަނީ ތަޙުޤީޤުން ސާބިތުވެފައެވެ. "ދިވެހި ތާރީޚަށް އަލިކަމެއް" މި ނަމުން އޮންނަ ބޮޑު ފޮތުން ރަނގަޅަށް އެނގެން އޮންނާނެއެވެ.
މިލިޔާ މީހަކީވެސް އެފޮތް އެއްކުރި ކޮމެޓީއަށް ވަޒީރުލް އަޢުޡަމް އައްޔަން ކުރެއްވި މެމްބަރެކެވެ. އަދި އެހެނިހެން ލިޔުންތަކުގައިވެސް މިގަލަމުން، ސަރުކާރު ގެ ޚަބަރެއްގެ ނަމްބަރެއްގައި ދިވެހިންނަކީ އޭރިޔަނުންކަން ސާބިތުކޮށްދީފައި އޮންނާނެއެވެ.
މުޙައްމަދު ޢިމާދުއްދީން (ހަތަރެއް) ގެ ރަސްކަމުން ފެށިގެން މިއަދަށް މިވަނީ ސަތޭކަ ފަސްދޮޅަސް ނުވަ އަހަރެވެ. ރަސްކަން ފެށުނު އަހަރަކީ 1250 ހ. ވަނަ އަހަރެވެ. ދެންނެވެން އޮތީ ގައްވާލީ ގޮތަށާއި އެނޫންގޮތަށް ހިންދީ މިޔުޒިކު މިހާ ގިނަދުވަހު ރާއްޖޭގައި އެންމެމަތީ ވެރިންނާއި ޢާންމުންގެ ހިތްހަމަޖައްސައިދިން މިޔުޒިކު ( ހިންދީ މިޔުޒިކު) ރާއްޖޭން ފަސޭހަޔަކުން ނުދާނެއެވެ.
ދެންވާނެ ގޮތަކީ މީގެ ތެރެއަށް އިނގިރޭސި މިޔުޒިކު އައުމެވެ. ހޮލީވުޑްގެ ފިލްމުތަކާއި ލަވަތައް އަނެއްކާވެސް ރާއްޖެއަށް ވެރިވުމެވެ. މިކަންތައްވަމުންވެސް އެބަދެއެވެ.
**** ***** *****
[މިއީ 2000 ވަނަ އަހަރުގެ މާޗް މަހުގެ "ފަތްތޫރަ" (252 ވަނަ ޢަދަދު) ގައި އަލްމަރްޙޫމް ޢަބްދުލްޙަކީމް ޙުސައިން މަނިކު ލިޔުއްވައިފައިވާ މަޒުމޫނެކެވެ. ލިޔުން ނަގާފައިވަނީ ލިޔުންތެރިންގެ ގުޅުމުގައި ޝާއިއުކޮށްފައިވާ ގޮތަށް އެއްވެސް އުނިއިތުރުކުރުމަކާ ނުލައި ނަކަަލުކޮށެވެ.]
(މިލިޔުން ގެނެސްދިނުމުގެ އެންމެ މުހިންމު އެއްބޭނުމަކީ އަލްމަރްޙޫމް ޢަބްދުލްޙަކީމް ޙުސައިން މަނިކު ފަދަ ގައުމަށް އެތައް ގިނަގުނަ ހިދުމަތްތައް އެބޭބޭފުޅުންގެ ގަލަމުގެ ޒަރީއާއިން ކޮށްދެއްވާފައިވާ ފަރާތްތަކުގެ ހަނދާންތައް އައުކޮށްލުމެވެ، އެޒިކުރާ އައުކޮށްލުމެވެ، މާތްﷲ ޢަބްދުލްޙަކީމް ޙުސައިން މަނިކަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރުކޮށްދެއްވާށި! އާމީން!)

