ބަންދުކޮށްގެން ކުޑަކުދިން އިސްލާހުކުރުމަކީ އެންމެ ރަނގަޅު ނިންމުން ނޫން ކަމަށާއި އެކަމުގެ ސަބަބުން ލިބޭނީ ގެއްލުން ކަމަށް ބުނެ މަދަނީ ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އއ. ރަސްދޫގެ މިސްކިތެއްގައި ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލަ ސީރިޔަސް މައްސަލައެއް ފެންމަތިވެ ސީރިޔަސް މައްސަލައެއްގެ އެ މައްސަލަ ބަލަން ވަނީ ފަށާފައެވެ.
އެ ވީޑިއޯއިން ފެންނަނީ މިސްކިތެއްގެ ފާހާނާގެ ތެރޭގައި ކުޑަކުއްޖަކަށް ބުލީކޮށް، އެ ކުއްޖާގެ ގައިގައި އެހެން ކުދިންތަކެއް ގޮށްމުށުންނާއި ކޮޅުފައިން ޖަހައި އަނިޔާކުރާ ތަނެވެ. އަދި ހަޑިހުތުރުބަހުން އެ ކުއްޖާ ދިމާލަށް އެއްޗެހި ކިޔާ އަޑުވެސް އިވެއެވެ.
އެ މައްސަލައާ އެކު ކުށުގެ ޒިންމާ އުފުލަން ޖެހޭ އުމުރު 15 އަހަރުން 12 އަށް ދަށްކުރަން ސަރުކާރުން ވަނީ ނިންމާފައެވެ. އަދި ކުށުގެ ވެށީގައި އުޅޭ ކުދިން ރިހެބިލިޓޭޓް ކުރަން އެކަމަށް ވަކިން ރަށެއް ތަރައްގީކުރަން ނިންމާފައިވާކަން ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވަނީ ހާމަކުރައްވާފައެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސް، އުތެމާ، ފެމެލީ ލީގަލް ކްލިނިކް، އާކް އަދި ހޯޕް ފޯ ވިމެން ޖަމިއްޔާ ގުޅިގެން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 12 ވަނަ މާއްދާގެ މައިގަނޑު މަގުސަދަކީ ހައްޔަރުކުރުމާއި ބަންދުކުރުމަކީ އެންމެ ފަހުގެ ފިޔަވަޅެއްގެ ކަމުގައި ކަމަށެވެ. އެ މާއްދާ ގައި ކުއްޖާ ޒިންމާ ނެގުމަށާއި މުޖުތަމައަށް އަނބުރާ ގެންނަން ބާރުއެޅުން ކަމަށެވެ.
ކުއްޖާ އިސްލާހުކުރަން އެންމެ ރަގަޅީ މުޖުތަމައުގައި ބަހައްޓައިގެންކަން ގިނަ ދިރާސާތަކުން ދައްކާކަން ފާހަގަކޮށް އެ ބަޔާނުގައި ބަޔާނުގައި ބުނީ، ކުދިން މަރުކަޒު ކުރުމުނެ އިއާދަނުކުރެވޭ ނަފްސާނީ ބޮޑެތި ގެއްލުން ލިބުމާއި މުޖުތަމައުއިން ބާކީވުމުގެ ފުރުސަތު ބޮޑުވާނެ ކަމަށެވެ. އަދި އެ ގާނޫނުން ލާޒިމުކުރާ މަރުކަޒުތަކަކީ ބޮޑެތި ކުށްތަކަށް އަރައިގަންނަ، ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން މަރުކަޒުކުރުން ނޫން ގޮތެއް ނެތް 18 އަހަރުން ދަށުގެ ކުދިން ހައްޔަރުގައި ބޭތިއްބުމަށް ބޭނުންކުރާ މަރުކަޒުތަކެކެވެ.
ކުށަށް ހުށަހެޅުމުގެ ފުރުސަތު އޮތް ކުދިން ނުވަތަ "އެޓްރިސްކް" ކުދިންނަކީ ރައްކާތެރިކަމާއި ރިހެބިލިޓޭޝަން ލިބެންޖެހޭ ކުދިން ކަމަށާއި އެ ކުދިންނާމެދު އަމަލުކުރަން ޖެހޭ ގޮތް ގާނޫނީ ނިޒާމުގައި ލިޔެވިފައި އޮތްއިރު، ޑިޕާޓްމަންޓް އޮފް ޖުވެއިނަލް ޖަސްޓިސްގެ މަރުކަޒުތައް އަދި އޮޕަރޭޝަންއަށް ގެނެވޭނެ ހާލަތެއްގައި ނެތް ތަންތަނަށް 200 ވަރަކަށް ކުދިންލުމަކީ، މިވަގުތަށް އެންމެ އެކަށީގެންވާ އަދި އެންމެ ރަގަޅު ނިންމުމެއް ކަމަށް އެ ޖަމިއްޔާތަކުން ދެކެއެވެ.
"ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރު 15 އަހަރަށް ބަދަލުކުރުމަކީ އޭރުގެ ސަރުކާރުން ނިންމި ނިމުމަކަށްވާއިރު އެ އުމުރު 12 އަހަރަށް ތިރިކުރުމުން ކުރާނެ އަސަރުތަކާއިމެދު މުޖުތަމައު ހިމެނޭހެން މަޝްވަރާކޮށް ކުޑަކުދިންގެ އަސާސީ ހައްގުތައް ހިމާޔަތްކުރާނެހެން، އަދި ކުދިން މުޖުތަމަޢަށް އަނބުރާ ރުޖޫއަކުރެވޭނެ ވިސްނުމަކުން ގޮތެއް ނިންމުމަކީ އަސްލު ހަގީގީ މައްސަލައަށް ވާސިލްވުމަށް އެންމެ ރަގަޅު ގޮތްކަމުގައި ދެކެން" އެ ބަޔާނުގައި ބުނެފައިވެއެވެ.
އަވަސް ރިހެބިލިޓޭޝަން ނިޒާމަކާއި މުޖުތަމައުއަށް އަނބުރާ ގެނެއުމަށް ބާރުއަޅާ ނިޒާމެއް ގާއިމްކުރުން މުހިންމު ކަމަށާއި، 200 ވަރަކަށް ކުދިން އެކުދިންގެ ނާޖާއިޒް ފައިދާ ނަގާ ބަޔަކު މުޖުތަމައުގައި އުޅޭއިރު، ހަމައެކަނި އެކުދިން ބަންދުކުރުމަކުން އެފަދަ އަމަލުތައް ހިންގާ މީހުން ނުހުއްޓުވޭނެ ކަމަށް ޖަމިއްޔާތަކުން ވަނީ ބުނެފައެވެ.

