މިއަހަރުގެ ފިތުރު އީދު ދުވަހަކީ އަންނަ ބުދަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފި އެވެ.
އަންގާރަ ދުވަހަކީ ރަމަޟާންމަހުގެ 30 ވަނަ ދުވަސްކަމަށާއި ބުދަ ދުވަހަކީ ފިތުރު އީދު ދުވަސްކަމަށް ކަނޑައެޅީ ޝައްވާލުމަހުގެ ހަނދު ސާބިތުކުރުމާއި ގުޅޭގޮތުން މިރޭ ބޭއްވި ޖަލްސާއަށްފަހު، އިއްވެވި ހަނދާގުޅޭ ގަރާރުގަ އެވެ.
މި އަހަރުގެ ޝައްވާލު މަހުގެ ހަނދާ ބެހޭ ގޮތުން ގޮތް ނިންމަން ބޭއްވި ފަލަކީ ކޮމެޓީގެ ބައްދަލްވުމަށް ފަހު، މިނިސްޓްރީން ނެރުނު ބަޔާނެއް ގައި ބުނަނީ ރާއްޖޭގެ އެއްވެސް ސަރަހައްދަކަށް ޝައްވާލު މަހުގެ ހަނދު ފެނިފައި ނުވާ ކަމަށާއި އަދި އިސްލާމީ އެއްވެސް ގައުމަކަށް މިރޭ ހަނދު ފެންމަތި ނުވާނެ ކަމަށް އިތުބާރު ހުރި ފަލަކީ ހިސާބުތަކުން ކަށަވަރު ވާ ކަމަށެވެ.
އެހެން ކަމުން ރަމަޟާން މަހާއި ޝައްވާލު މަހުގެ ހަނދު ސާބިތު ކުރުމަށް ރާއްޖޭގައި ޢަމަލު ކުރަން ހަމަޖެހިފައިވާ އުސޫލުގެ މަތީން މާދަމާ އަކީ މި އަހަރުގެ ރަމަޟާން މަހުގެ ފަހު ދުވަސް ކަމަށް ކަނޑައަޅާ ކަމަށެވެ. އަދި އޭޕްރީލް 10 ވާ ބުދަ ދުވަހަކީ މި އަހަރުގެ ފިތުރު އީދު ދުވަސް ކަމަށް ކަނޑައަޅާ ކަމަށެވެ.

