ރާއްޖޭގައި ފުރަތަމަ ފަހަރަށް ތައާރަފުކޮށްފައިވާ އެއަރ އެމްބިއުލާންސްގެ ހިދުމަތް ދިނުމުގައި، މިހާތަނަށް 75 ފްލައިޓެއް ދަތުރުކޮށްފައިވާ ކަމަށް ޤައުމީ އެއަރލައިން މޯލްޑިވިއަނުން ބުނެފިއެވެ.
ސަރުކާރުން އެއާ އެމްބިއުލާންސްގެ ޚިދުމަތް ފޯރުކޮށްދެނީ އައިލެންޑް އޭވިއޭޝަނާ ގުޅިގެންނެވެ.
އެއަރ އެމްބިއުލާންސްގެ ގޮތުގައި ބޭނުން ކުރާ ޑޭޝް8ގެ މަތިންދާ ބޯޓުގައި އެއްފަހަރާ ދެ ބަލިމީހުން އުފުލޭނެއެވެ. އެއަރ އެމްބިއުލާންސަށް ހާއްސަކޮށް 15 މުވައްޒަފުން ވަނީ ތަމްރީން ކޮށްފައެވެ. އޭގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުން ހިމެނެއެވެ.
ރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާކޮށް ރައްޔިތުންނަށް ލުއިފަސޭހަ ހިދުމަތްތަކެއް ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ސިޔާސަތެވެ.
އެއަރ އެމްބިއުލާންސް ހިދުމަތް ފެށުމުން ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް 24 ގަޑިއިރު މި ހިދުމަތް ފޯރުކޮށްދޭނެއެވެ.
އެއަރ އެމްބިއުލާންސްގެ ޚިދުމަތް ދެނީ ސިއްހީ ވުޒާރާ އައިލެންޑް އޭވިއޭޝަން އަދި އެންސްޕާއާ ގުޅިގެންނެވެ.
ރައީސް އޮފީހުން ވިދާޅުވި ގޮތުގައި، ސިއްހީ އިމަޖެންސީ ހާލަތްތަކުގައި ރާއްޖެއިން ބޭރު ގައުމުތަކަށް ބަލިމީހުން އުފުލުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން ލަންކާއަށް އެއަރ އެންބިއުލާންސް އޮޕަރޭޓްކުރުމަށް ހޯދަންޖެހޭ ހުއްދަ ހޯދުމަށް ހޭދަވާ ވަގުތު ވަރަށް ބޮޑަށް ވަނީ ކުޑަވެފައެވެ.
މިގޮތުން އެކަމަށް ހޭދަވާ ވަގުތު ކުޑަކުރަން ހަމަޖެހުނީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން މިދިޔަ ޖެނުއަރީ މަހުގެ 29 އިން 30 އަށް ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅުގައި އެ ޤައުމުގެ ސަރުކާރާއެކު ކުރެއްވި މަޝްވަރާތަކުގައި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
މީގެ ކުރިން ރާއްޖެއިން ލަންކާއަށް ބަލިމީހުން އުފުލުމަށް ހޯދަންޖެހޭ ހުއްދަތައް ހޯދުމަށް މަދުވެގެން 6 ގަޑިއިރާ 24 ގަޑިއިރާ ދެމެދުގެ ވަގުތެއް ހޭދަވެއެވެ.
ނަމަވެސް، މި މަޝްވަރާތަކަށްފަހު އެއްބަސްވެފައި ވަނީ ރާއްޖެއިން ލަންކާއަށް އެއަރ އެންބިއުލާންސް އަދި އެނޫންވެސް އެމަޖެންސީއެއްގައި ފްލައިޓް އޮޕަރޭޓްކުރުމަށް ބޭނުންވާ އެންމެހައި ހުއްދައެއް ގިނަވެގެން ދެ ގަޑިއިރުގެ ތެރޭގައި ހަމަޖެއްސުމަށެވެ. އެގޮތުން، މިކަން ކުރުމަށް ހަމަޖައްސަންޖެހޭ އިންތިޒާމްތައް ކޮލޮމްބޯގެ ބަންޑާރަނާޔަކަ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ލަންކާގެ ސަރުކާރުން މިހާރު ވަނީ ހަމަޖައްސަވައިދެއްވާފައެވެ.
އެއަރ އެންބިއުލާންސްގެ ހިދުމަތް ތައާރަފްކުރެއްވުމާއި އެ ޚިދުމަތް ފުޅާކުރެއްވުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ.
ރައީސް މުއިއްޒުގެ ތަސައްވުރަކީ ރާއްޖެއާއި ރާއްޖެއިން ބޭރަށް އެއަރ އެންބިއުލާންސްގައި ބަލިމީހުން ފަސޭހައިން އުފުލޭނެ އިންތިޒާމް ހަމަޖެއްސެވުމެވެ. އަދި ރާއްޖޭގެ އަވައްޓެރި ގައުމުތަކުގެ އިތުރުން ދުބާއީ އާއި ތައިލެންޑް ފަދަ ޤައުމުތަކުން ދިވެހީންނަށް ބޭސްފަރުވާގެ ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެއްސެވުމާއި، އެ ގައުމުތަކަށް ވެސް ރާއްޖެއިން އެއަރ އެންބިއުލާންސުގައި ބަލިމީހުން އުފުލުމުގެ އަވަސް އިންތިޒާމް ހަމަޖެއްސެވުމަކީ ސަރުކާރުގެ ސިޔާސަތެކެވެ.

