އެންމެން އެއްބައިވަންތަކަމާއެކު، އެކުގައި ކުރިއަށް ދިޔުމުން އުންމީދުތައް ހާސިލްވާނެ ކަަމުގައި ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ސިޓީތަކާއި ވެރިކަންކުރާ ރަށްތައް ފިތުރު އީދަށް ދިއްލުން ފައްޓަވައިދެއްވުމަށް ޖުމްހޫރީ މައިދާނުގައި ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ހަފްލާގައި ރައީސް ވިދާޅުވީ، މި އަހަރުގެ ފިތުރު އީދާ ދިމާކޮށް ސިޓީތަކާއި ވެރިކަން ކުރާ ރަށްތައް ދިއްލާލި ނަމަވެސް އަޟްހާ އީދަށް އެއަށްވުރެ ގިނަ ރަށްރަށް ދިއްލާލަ ދެއްވާނެ ކަމުގައެވެ.
"މިހާރުވެސް ވަރަށް ގިނަ ރަށްތަކުން ރިކުއެސްޓް އާދޭ އެ ރަށްތަކުގައި އީދު ލައިޓް ހަރުކޮށްދިނުމަށް. އިރާދަކުރެއްވިއްޔާ ސަރުކާރުގެ ކެރި ފޯރުންތެރިކަން ހުރި މިންވަރަކުން، މި އަންނަ އަހަރަށް އަދި އަޟްހާ އީދަށް ދިއްލާ ރަށްތައް މިއަށްވުރެ ގިނަ ކުރާނަން." ރައީސް ވިދާޅުވިއެވެ.
ޖުމްހޫރީ މައިދާނުގައި ބޭއްވުނު މި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށްވާއިރު އީދުގެ އުފަލުގައި ބައިވެރިވެ އީދުގެ އުފާ ފާޅުކުރަންޖެހޭ ކަމަށާއި އީދަށް ރާއްޖޭގެ ރަށްތައް ދިއްލުމަށް އެ މަނިކުފާނު ނިންމެވި އެއް ސަބަބަކީވެސް އެއީ ކަމަށެވެ.
އަދި މި އަހަރުގެ ފިތުރު އީދާ ދިމާކޮށް ސިޓީތަކާއި ވެރިކަން ކުރާ ރަށްތައް ދިއްލާލާފައިވާއިރު، އެހެން ރަށްރަށުންވެސް އީދަށް ދިއްލާލުމަށް އެދެމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.
ސިޓީތަކާއި އިދާރީ ދާއިރާގެ މަރުކަޒީ ރަށްތަކުގައި އީދު އަލި ދިއްލާ، ޖުމްހޫރީ މައިދާނުގެ ފައްވާރާ ނުވަތަ ފެންއަރުވާ ވަޑާން އަލުން ހުޅުއްވައިދެއްވާ ޖުމްހޫރީ މައިދާނުގައި މިރޭ އޮތް ޚާއްސަ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އެންމެނަކީ އިސްލާމް ދީނުގެ މަތީގައި ތިބި ފަޚުރުވެރި ދިވެހިން ކަމަށެވެ. އަދި އަޅުގަނޑުމެންނަކީ އިސްލާމްދީނަށް ނަސްރުދީ އިސްލާމް ދީން ކުރިއެރުވުމަށް ފަޚުރުވެރިވާ ބަޔަކަށް ވާންޖެހޭނެ ކަމަށެވެ.

ރައީސް ޑރ މުއިއްޒު ވާހަކަފުޅުދެއްކުން….ފޮޓޯ: ރައީސް އޮފީސް
ރައީސް ވިދާޅުވީ އީދު ދުވަހަށްޓަކައި ތައްޔާރުވެ، އީދުގެ އުފަލުގައި ދީނުގެ ހަމަތަކުގެ މަތިން ބައިވެރިވެ އީދުގެ އުފާ ފާޅުކުރަންޖެހޭނެ ކަމަށެވެ. މުޅި ރާއްޖޭގައި އީދު މިގޮތަށް ފާހަގަކުރަން ފެށޭތީ އުފާ ކުރައްވާ ކަމަށާއި އީދުގެ ދިއްލުންތައް ގިނަ ރަށްތަކުގައި އަންނަ އަހަރު ދިއްލޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެކި ރަށްތަކުން އީދަށް ދިއްލުންތައް ދިއްލުމަށް އެދެމުންދާ ކަމަށާއި ސަރުކާރުގެ ކެރި ފޯރުންތެރިކަން ހުރި މިންވަރަކުން ދިއްލުންތައް ދިއްލާނެ ކަމަށެވެ.
"އަޅުގަނޑު ބޭނުންވަނީ އަޅުގަނޑުމެން އެއް ރޫހެއްގައި އެއްބަޔެއްގެ ގޮތުގައި އީދު ފާހަގަކުރަން. އެކުވެރިކަން އަޅުގަނޑުމެންގެ ތެރެއިން ނެތިގެން ގޮސްގެން ނުވާނެ ކޮންމެ ކަހަލަ ހިޔާލުތަފާތުވުންތަކެއް އަޔަސް، ހުރިހާ ކުޑަކުދިންނަށް ވެސް މައިންބަފައިން ދަސްކޮށްދޭންވީ އެންމެނަކީ އެއްބައިވަން ބަޔެއްކަން" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެންމެން އެއްބައިވަންތަކަމާއެކު، އެކުގައި ކުރިއަށް ދިޔުމުން އުންމީދުތައް ހާސިލްވާނެ ކަމަށެވެ. ރައީސް ވަނީ މިފަހަރުގެ އީދު ހުރިހާ ރައްޔިތުން ވެސް އިސްލާމީ އުސޫލުތަކާއި އެއްގޮތަށް ފާހަގަކުރެއްވުމަށް ބާރު އަޅުއްވާފައެވެ.
"މި އީދުގައި އުފާވެރިކަމާއެކު ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް އަޅުގަނޑު ބާރު އަޅަން، ތިބޭފުޅުން ބޭނުންވާ ގޮތަށް މަގުތަކާއި ގޯޅިތަކުގައި ވެސް ހަރަކާތްތައް ހިންގަން އަޅުގަނޑު އެދެން،" ރައީސް ވިދާޅުވިއެވެ.
ސިޓީތަކާއި އިދާރީ ދާއިރާގެ މަރުކަޒީ ރަށްތަކުގައި އީދު އަލި ދިއްލުމުގެ ބުރަ މަސައްކަތް މިހިސާބަށް ގެނައުމުގައި ބައިވެރިވި އިދާރާތަކަށް ރައީސް ޝުކުރު އަދާކުރެއްވިއެވެ. އަދި ދިވެހިންނަކީ ފަޚުރުވެރިކަމާއެކު އިސްލާމްދީނުގެ މަތީގައި ފައިތިލަ ސާބިތުކޮށްގެން ތިބި ބަޔެއްކަމުގައި ލެއްވުމަށް އެދި ރައީސް ވަނީ ދުޢާ ކުރައްވާފައެވެ.

