ފެނަކަ ކޯޕަރޭޝަނުން ހދ. ކުޅުދުއްފުށި ސިޓީގެ، މި އޭޕްރިލް މަހުގެ ކަރަންޓު ބިލުން 50 އިންސައްތަ ޑިސްކައުންޓެއް ދޭން ނިންމައިފިއެވެ.
ފެނަކަ ކޯޕަރޭޝަނުން މިކަން ހާމަކޮށްފައި ވަނީ އެކޯޕަރޭޝަނުން ނެރުނު ނޫސްބަޔާނެއްގައެވެ.
އޭޕްރިލް މަހުގެ ބިލުން މި ލުއި ދޭން ނިންމާފައިވަނީ އެކަމުގެ ފުރިހަމަ ޒިންމާ ފެނަކައިން ނެގުމުގެ ގޮތުން ކަމަށް ބުނެފައިވެއެވެ.
އެބަޔާނުގައި ބުނީ ހދ. ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނަށް މެދުކެނޑުމެއް ނެތި ކަރަންޓުގެ ހިދުމަތް ލިބުމުގައި ރަމަޟާން މަހު ދިމާވި ގިނަގުނަ ގޮންޖެހުންތަކަށް ނިހާޔަތަށް މައާފަށް އެދޭ ކަމަށެވެ.
ފެނަކައިން ބުނީ އެ ސިޓީގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރަން ޖެހޭ މަސައްކަތްތައް ހުއްޓާނުލާ ކުރަމުން އަންނަކަމަށެވެ. އަދި މިހާރު ވެސް އާ ޖެންސެޓެއް ގެންދެވި އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެ ޖެންސެޓު އިންސްޓޯލް ކުރުމުން މިހާރު ދިމާވެފައިވާ މައްސަލައަށް ވަގުތީ ހައްލެއް ލިބިގެންދާނެ ކަމަށް ފެނަކައިން ބުންޏެވެ.
ރަމަޟާން މަހު ކަރަންޓުގެ ހިދުމަތް ލިބުމުގައި ދިމާވި ދަތިތަކުގެ ސަބަބުން ކުޅުދުއްފުށި ސިޓީގެ ރައްޔިތުން އުފުލަންޖެހޭ ތަކުލީފުތަކަކީ އެ ކުންފުނިން ނުހަނު ކަންބޮޑުވެ ހިތާމަކުރާ ކަމަކަށްވާތީ އެކަމުގެ ފުރިހަމަ ޒިންމާ ނެގުމުގެ ގޮތުން އެ ސިޓީގެ ރައްޔިތުންނަށް މި ހިނގާ އޭޕްރިލް މަހުގެ ބިލުން 50 އިންސައްތަ ޑިސްކައުންޓް ދިނުމަށް ނިންމާފައިވާ ކަމަށް ފެނަކައިން ބުންޏެވެ.
ފާއިތުވެދިޔަ ފަސް އަހަރު ބޮޑެތި އިހުމާލުތަކެއް ވެފައިވުމުގެ ސަބަބުން އެތައް ރަށެއްގެ ކަރަންޓަށް ދިމާވަމުންދާ މައްސަލަތަކަށް އެކަށީގެންވާ އަވަސް ހައްލެއް ހޯދުމަށް ސަރުކާރުން ކަމާއި ބެހޭ ފަރާތްތަކާއި އެކުގައި މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވެސް ފެނަކައިން ބުންޏެވެ.
ފެނަކައިން ބުނީ ކުޅުދުއްފުށީގެ އިންސްޓޯލިން ކެޕޭސިޓީއަކީ 7 މެގަ ވޮޓްކަމަށާއި އަލަށް ގެނެވުނު ޖަނަރޭޓަރާއެކު އެ އަދަދު 7.8 މެގަ ވޮޓަށް އިތުރު ވެގެންދާނެ ކަމަށެވެ.

