ޒަކާތު ފަންޑުން ފަލަސްތީނުގެ ޣައްޒާ އަށް އެހީވުމަށް އެއް ލައްކަ ޑޮލަރު ފޮނުވުމަށް ނިންމައިފިއެވެ.
އިސްލާމިކް މިނިސްޓަރު އަދި ޒަކާތުގެ ހައުސްގެ ޗެއާމަން ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވި ގޮތުގައި ޒަކާތު ފަންޑުން ޣައްޒާގެ އަހުންނާ އުހުތުންނަށް ފޮނުވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދޭނީ ގަތަރުގެ ރެޑްކްރެސެންޓް މެދުވެރިކޮށް ކަމަށެވެ.
މީގެ ކުރިން ވެސް ދިވެހި ރައްޔިތުންގެ ގައުމީ ފެންވަރުގެ އެހީ ދެ ފަހަރެއްގެ މަތިން ގަތަރުގެ ރެޑްކްރެސެންޓް މެދުވެރިކޮށް ޣައްޒާއަސް ފޮނުވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ޒަކާތު ފަންޑުން ފުރަތަމަ މަރުހަލާގައި ފޮނުވަން ގަސްތުކުރަނީ އެއް ލައްކަ ޑޮލަރު. މި ފައިސާ ފޮނުވާނީ ދެ ޕޭމަންޓަކަށް ބަހައިގެން، މި ފައިސާއަކީ ޣައްޒާގެ ރައްޔިތުންގެ ކާބޯތަކެއްޗަށް ހޭދަކުރުމަށްޓަކައި ފޮނުވޭ އެހީއެއް." މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދާ ކަމެއް ކަމަށެވެ. އަދި މިއީ ރާއްޖޭގެ ޒަކާތު ފަންޑުން ބޭރުގެ ފަރާތްތަކަށް އެހީވާ ފުރަތަމަ ފަހަރު ކަމަށް ވެސް ވިދާޅުވިއެވެ.
ނިރުބަވެރި އިސްރާއީލުން ދަނީ ޣައްޒާއަށް ގިނަ ހަމަލާތަކެއް ދެމުންނެވެ. މި ރޯދަ މަހުގައި ވެސް އިސްރާއީލުގެ ހަމަލާތަކަށް މަޑުޖެހުމެއް ނާދެއެވެ. ރޯދަ ވިއްލުމަށް ކާނެ އެއްޗެއް ނެތިގެން ގައްޒާގެ ރައްޔިތުން ވިނަ ކެއި މަންޒަރު ވެސް ފެނިފައިވެއެވެ.

