ތުއްތުކުދީން ގޮވައިގެން ހަވީރުފިންޏަށް ހިނގާލަން ނުކުތުމަކީ ދިވެހީންގެ ޒަމާންވީ އާދައެކެވެ. މިއަދު ވެސް ހަވީރުވުމުން ގިނަ ބަޔަކު ކުޑަކުދިންގެ ޕާކުތަކަށާއި އަތިރިމައްޗަށް ތުއްތުކުދީން ގޮވައިގެން ނުކުމެ އުޅެއެވެ. މިފަދައިން ނުކުމެ އުޅޭ ގިނަ ބަޔަކު، އިރު އޮއްސި އެތައްއިރެއް ވާއިރު ވެސް އެ ކުދިންނާ އެކު ޕާކުތަކުގައި ނުވަތަ އަތިރިމަތީގައި އުޅޭކަން ފާހަގަކޮށްލަން ޖެހެއެވެ.
އިރުއޮއްސޭ ދަޅަމައްޗަށް ތުއްތުކުދީން ގެއަށް ވެއްދުމަކީ ޖިންނި ޝައިޠާނުންގެ އުނދަގޫތަކުން އެ ކުދިން ރައްކާތެރިކޮށްދޭނޭ ކަމެކެވެ. އިރު އޮއްސެން ކައިރުވުމުން، އެ ކުދިން ގޮވައިގެން ގެއަށް ވަނުމަށް ކީރިތި ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ވަނީ އަމުރުކުރައްވައިފައެވެ. އަދި ގޭގެ ދޮރު ލެއްޕުމަށާއި، ލައްޕާއިރު ބިސްމި ކިޔުމަށާއި، ނިދުމުގެ ކުރިން ތެލިތަށި، ފެންކަންވާރު ފަދަ ތަކެތީގެ މަތި ޖެހުމަށް ވެސް އެކަލޭގެފާނު ވަނީ އަންގަވައިފައެވެ.
ކީރިތި ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރައްވައިފައި ވެއެވެ. [إِذَا كَانَ جُنْحُ اللَّيْلِ – أَوْ أَمْسَيْتُمْ – فَكُفُّوا صِبْيَانَكُمْ، فَإِنَّ الشَّيْطَانَ يَنْتَشِرُ حِينَئِذٍ، فَإِذَا ذَهَبَ سَاعَةٌ مِنَ اللَّيْلِ فَخَلُّوهُمْ، وَأَغْلِقُوا الْأَبْوَابَ، وَاذْكُرُوا اسْمَ اللهِ، فَإِنَّ الشَّيْطَانَ لَا يَفْتَحُ بَابًا مُغْلَقًا، وَأَوْكُوا قِرَبَكُمْ، وَاذْكُرُوا اسْمَ اللهِ، وَخَمِّرُوا آنِيَتَكُمْ وَاذْكُرُوا اسْمَ اللهِ، وَلَوْ أَنْ تَعْرُضُوا عَلَيْهَا شَيْئًا، وَأَطْفِئُوا مَصَابِيحَكُمْ] (متفق عليه) މާނައީ: [ރޭގަނޑުގެ އަނދިރިކަން ވެރިވާ ވަގުތު، ނުވަތަ އިރުއޮއްސޭ ވަގުތު، ތިޔަބައިމީހުންގެ ޅަދަރީން ގެއިން ނިކުތަނުދީ ހިފަހައްޓާށެވެ. އެހެނީ ހަމަކަށަވަރުން އެ ވަގުތު (ބިންމަތީގައި) ޝައިޠާނުން ފެތުރިގަނެއެވެ. ފަހެ، ރޭގަނޑުން ބައެއް ވޭތުވުމުން އެ ކުދިން ދޫކޮށްލާށެވެ. އަދި بِسْمَ اللهِ ކިޔާފައި، ދޮރުތައް ލައްޕާށެވެ. އެހެނީ، އެ ގޮތަށް ލައްޕާފައިހުންނަ ދޮރަކުން ޝައިޠާނާ ނުވަންނާނެތެވެ. އަދި ފެންއަޅާ ހަންތަކުގެ ތުން بِسْمَ اللهِ ކިޔައިފައި އައްސާށެވެ. އަދި بِسْمَ اللهِ ކިޔައިފައި ތެލިތަށީގެ މަތި ޖަހާށެވެ. އަދި އޭގެ މަތި ނެތް ނަމަ ކޮންމެވެސް އެއްޗެއް އޭގެ އަނގަމަތީ ބާއްވާށެވެ. އަދި ބައްތިތައް ނިއްވާށެވެ.]
އިރުއޮއްސޭ ގަޑިއަށް ކުދިން ގެއަށް ވެއްދުމަކީ ޝައިޠާނާގެ ބީހުންތަކުން ޅަދަރީން ރައްކައުތެރިކޮށްދޭ ކަމެކެވެ. އިރުއޮއްސުމުގެ ކުރިން އެ ކުދިން ގޮވައިގެން ގެއަށް އައުމާއި، އިރުއޮއްސޭ ގަޑިޔަށް ޅަދަރީން ގެއަށް ވެއްދުމާއި، ގޯތިގެދޮރުގެ ދޮރުތައް ލައްޕާއިރު بِسْمَ اللهِ ކިޔާފައި ދޮރުތައް ލެއްޕުން ފަދަ ކަންކަމީ ރައްކައުތެރިކަން ލިބެނިވި ކަންކަމެވެ. އަދި ނިދުމުގެ ކުރިން ތެލިތައްޓާއި ކަންވާރުތަކުގައި މަތި ޖެހުމަކީ ވެސް ބަލިތަކުން ރައްކައުތެރިކޮށްދޭނޭ ކަންކަމެވެ. އަދި ނިދުމުގެ ކުރިން ފުޅިބައްތި ނިންވައިލުން ނުވަތަ ރޯކޮށްފައި ހުންނަ އުނދުން ނިއްވައިލުމަކީ ނަބަވީ އިރުޝާދުތަކުގެ ތެރެއިން ހިމެނޭ ކަންކަމެވެ. މިއީ މީސްތަކުންނަށް ރައްކައުތެރިކަން ދޭނޭ ކަންކަމެވެ. އަދި މިއީ ރިވެތި އާދަތަކާއި ރަނގަޅު އަޚުލާޤެވެ.
މި ކަންކަން ކުރުމުން، ޝައިޠާނުންގެ ކިބައިން ރައްކައުތެރިވެ ތިބުމުގެ އިތުރަށް، އިރުއޮއްސި އަނދިރިވެގެން އަންނަ ގަޑީގައި ފެތުރިއުޅޭ ސޫފާސޫފިތަކުން ވެސް ސަލާމަތްވެ ތިބެވޭނެއެވެ. މަދިރި ފަދަ ތަކެތި ގޭތެރެއަށް ނުވަނުމާއި އެ ފަދަ ސޫފާސޫފިން ޖެހޭ ބަލިތަކުން ސަލާމަތްވުމެއް ކަމުގައި ވެސް މި ޢަމަލުތައް ފުދެއެވެ. މާތްވެގެން ވާ އިސްލާމްދީނުގެ ހިދާޔަތަކީ ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން ލިއްބައިދޭ ކަމެކެވެ. އަމާންކަމާއި ރައްކައުތެރިކަމުގައި ދިރިއުޅުމަށް ދީނީ ކަންކަމަށް ސަމާލުވާށެވެ!
މައުލޫމާތު: الشَّيْخ حَسَن مُوسَى فِكْرِي / ދީނުގެމަގު

