ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ކުރެވޭ ތުހުމަތުގައި ފިޔަވަޅު އަޅަންޖެހޭ ހާލަތެއް ނެތް ކަމަށް އެމްޑީޕީން ބުނެފިއެވެ.
ކުރިއަށް އޮތް މަޖިލީސް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ކުޅުދުއްފުށީ ދެކުނު ދާއިރާއަށް އަލީ ވަހީދު ވާދަކުރައްވައެވެ. ނަމަވެސް އަލީ ވަހީދު މައްޗަށް ޖިނާއީ ކުށެއް އޮތްކަމަށްބުނެ ގިނަބަޔަކިދަނީ ފާޑު ކިޔަމުންނެވެ. އަލީވަހީދު މައްޗަށް ޖިންސީ ގޯނާ އާއި ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތު ކުރެވުނު ނަމަވެސް އޭނާ އާއި ގުޅޭ ގޮތުން މިހާރު މައްސަލައެއް ނެތްކަމަށް ވަނީ ނިންމާފައެވެ.
އަލީ ވަހީދުގެ މައްޗަށް ތުހުމަތުކުރެވޭ ޖިނާއީ މައްސަލައެއް އޮތްވާ އަލީ ވަހީދު މަޖިލީހަށް ކުރިމަތިލެއްވުން އެއީ މަޖިލީހަށް ހޮވޭ އަންހެނުންނަށް އޮތް ބިރެއް ކަމަށް ޕީޕީއެމް/ޕީއެންސީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ ވިދާޅުވެފައެވެ.
ހީނާ ވިދާޅުވީ އަލީ ވަހީދުގެ މައްސަލަތައް ފެންމަތިވުމާއިއެކު އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުވެސް ވަރަށް ބޮޑަށް ކީރިތި ކުރެއްވި ކަމަށާއި، ނަމަވެސް އޭގެ ފަހުން މައްސަލަ އޮއްބާލެވިގެން ދިއުމަކީ އަންހެނުންނަށް ވެނުނު ވަރަށް ބޮޑު ބޭއިންސާފެއް ކަމަށެވެ. އަދި އެފަދަ މީހަކަށް އެމްޑީޕީގެ ޓިކެޓު ދީފައިވާ ދިނުން، އެއީ ބަލައިގަނެވޭނެ ކަމެއް ވެސް ނޫން ކަމަށެވެ.
މީގެ އިތުރުން ހީނާ ވަނީ އަލީ ވަހީދުގެ މި މައްސަލައިގައި އެމްޑީޕީން ބަސްބުނަން ޖެހޭނެ ކަމަށްވެސް ވިދާޅުވެފައެވެ. އެހެންކަމުން އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ތަރުޖަމާނު އަހުމަދު އީސަ ވިދާޅުވީ އަލީ ވަހީދުގެ މައްޗަށް ކުރެވޭ ތުހުމަތަށް އެކަށީގެންވާ ހެއްކެއް ނެތްކަމަށެވެ. އަދި ތަހުގީގީ އިދާރާތަކުން އަލީވަހީދާއި ގުޅޭ އެއްވެސް ހެއްކެއް ފެނިއްޖެނަމަ ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.
އީސަ ވިދާޅުވީ އެމްޑީޕީ އަކީ ޑިމޮކްރެޓިކް އުސޫލުތައް ދަމަހައްޓާނެ ޕާޓީއެއް ކަމަށާއި، އެކަން ރައްޔިތުންނަށް ޔަގީންކަން ދެއްވާ ކަމަށެވެ.

