ޤާނޫނީ ހަމަތަކުގެ މަތީން ހިންގާ ސިޔާސީ އެއްވެސް ހަރަކާތަކަށް މި ސަރުކާރުން ހުރަހެއް ނާޅާނެ ކަމަށާއި، އަދި ފަހިކޮށްދެވެން އޮތް ހުރިހާ ފުރުޞަތެއް ފަހިކޮށްދޭނެ ކަމަށް ސަރުކާރުން ހާމަކޮށްފިއެެވެ.
ޕީއެންއެފް އުފައްދަން މިރޭ ބާއްވަން ރާވާފައިވާ ޖަލްސާ ރާއްޖޭގެ ޕްރައިވެޓް ސްކޫލެއްގައި ބާއްވައިދޭން އެ ސްކޫލުން ޢުޒުރުވެރިވެފައި ވާތީ، އެ ސްކޫލުގެ ސަލާމަތާ ރައްކައުތެރިކަން ބަލަހައްޓައިދިނުމުގައި ފުލުހުން ވަނީ މިރޭ އެ ސުކޫލަށް ބޭނުންވާ އެހީތެރިކަން ދެއްވާފައިވާ ކަމަށެވެ. އަދި ދެ ހަފުތާއަށްވުރެ ދިގު ބަންދު ދުވަސްތަކަކަށްފަހު، އަންނަ އާދީއްތަދުވަހު ސްކޫލްތައް ހުޅުވުމަށް ތައްޔާރުވަމުންދާތީއާ، އަދި އަހަރު ފަހު އިމްތިޙާން ސްކޫލްތަކުގައި ކުރިއަށް ގެންދާ ދުވަސްވަރުކަމަށް ވާތީ، އެއްވެސް ޙަރަކާތެއް ހިންގުމަށް ސްކޫލް ހޯލްތައް ދޫކުރުމަކީ މި ވަގުތު ސްކޫލްތަކަށް ވަރަށް ދަތިކަމެއްް ކަމަށް ސުކޫލުން ދެކޭތީ އެކަމުގައި ސުކޫލުގެ ރައްކާތެރިކަމަށް ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވީ ކަމަށ ވެސް ބުނެފައި ވެއެވެ.
އެހެންކަމުން، މާލެ ސިޓީގެ އެއްވެސް ސްކޫލް ހޯލެއް ލިބުމުގައި އޮތް ދަތިކަމަށް ޙައްލެއް ހޯދައިދީ، ސިޔާސީ ޕާޓީ އުފައްދަން މަސައްކަތްކުރާ ފަރާތަށް މިރެއިން މިރެއަށް އެ ފަރާތުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ މަގު ސަރުކާރުން ފަހިކޮށްދިނުމުގެ ގޮތުން، ސޯޝަލް ސެންޓަރުގެ މައި ހޯލުގައި ސިޔާސީ ޕާޓީ އުފެއްދުމުގެ ޖަލްސާ ބޭއްވޭނެ އިންތިޒާމު އެކަން ކުރައްވާ ފަރާތަށް ސަރުކާރުގެ އަމިއްލަ އިސްނެންގެވުމުގައި ވަގުތުން ވާނީ ހަމަޖައްސައިދީފައި ކަމަށްވެސް ބުނެފައި ވެއެެވެ.
ޤާނޫނީ ހަމަތަކުގެ މަތީން ހިންގާ ސިޔާސީ ކޮންމެ ޙަރަކާތަކަށްވެސް ފަހިކޮށްދެވެން އޮތް ކޮންމެ ކަމެއް ކުރިމަގުގައިވެސް ހެޔޮ ނިޔަތާއެކު މި ސަރުކާރުން ދާނީ ފަހިކޮށްދެމުން ކަމަށާއި، މި ސަރުކާރުން އަބަދުވެސް ކުރިއަށް ދާނީ ސިޔާސީ ޙަރަކާތްތަކަށް ޖާގަދީގެން، ޤައުމުގެ ކުރިއެރުމާ ރައްޔިތުންނަށް ލާބަޔާ މަންފާ ހޯދައިދިނުމުގެ ވިސްނުން އިސްކޮށްގެން ކަމަށްވެސް ވަނީ ބުނެފައެވެ.

