މުސްލިމުންގެ މިސާލަކީ އެއްހަށިގަނޑެއްގެ މިސާލުކަމަށާއި އެހަށިގަނޑުން ގުނަވަނެއްގައި ވޭން އަޅާނަމަ މުޅި ހަށިގަނޑުގެ ބާކީ ހުރި ގުނަންތައް އެވޭނުގައި ބައިވެރިވާކަމުގައާއި އެހެންކަމުން ފަލަސްތީނުގެ މުސްލިމުންނަކީ އަޅުގަނޑުމެން ދިވެހިންގެ ހަށިގަނޑުގެ އެއްބައިކަމުގައި އީދު ހުތުބާގައި ބުނެފިއެވެ.
މިއަދު، ރަމަޟާންމަސް ނިމި، ޝައްވާލުމަސް ފެށި، ކުރިއަށް މިދާ ފިތުރު އީދު ހުތުބާ ފަށްޓަމުން ބުންޏެވެ، “މާތްﷲ ވަހީ ކުރައްވާފައިވާ ބަަސްފުޅެއްގެ މާނައިގައި ވެއެވެ، “އެދުވަހެއްގައި ﷲގެ ޙަޟްރަތަށް ތިޔަަބައި މީހުން ރުޖޫއަ ކުރައްވާނޭ ދުވަހަކަަށް ތިޔަބައިމީހުން ރައްކާތެރިވެ ބިރު ގަންނާށެވެ. ދެން ކޮންމެ ނަފުސަކަށްމެ އެ ނަފުސެއް ހޯދި ކަމެއްގެ ޖަޒާ އެދުވަހުން ލިބޭނެތެވެ. އަދި އެއުރެންނަށް ބޭއިންސާފެއް ނުކުރައްވާ ހުއްޓެވެ.”
މިއަދަކީ މުސްލިމުންގެ އުފާވެރި ފިތުރު އީދު ދުވަސްކަން ހާމަކުރުމާއެކު، މިމަތިވެރި ފިތުރުއީދު ދުވަހުގައި ރަމަޟާންމަހުގެ މަތިވެރި ރޯދައިގެ އަޅުކަން ފުރިހަމަކުރުމުގެ ތައުފީގު ދެއްވިކަމަށްޓަކައި ﷲ އަށް ހަމްދުކުރުމަށް، ހުތުބާގައި ވަނީ ގޮވާލާފައެވެ. އަދި އެމަހުގައި އަޅަމެން ކުޅަ އަމަލުތައް ގަބޫލުކުރެއްވުން އެދި ﷲއަށް ދުއާކުރުމަށާއި އަދި އެކަލާނގެ ފަޟްލުވަންތަވެރިކަމުން ދެއްވާފައިވާ ނިއުމަތްތަކަށް ޝުކުރުކޮށް ތަކުބީރު ކިޔުމަށް ހުތުބާގައި ނަސޭހަތްތެރިވެފައިވެއެވެ.
“މާތްﷲ ވަހީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ، “ތިޔަ ބައިމީހުން އެ މައްސަރުގެ ދުވަސްތަކުގެ އަދަދު ފުރިހަމަ ކުރުމަށްޓަކައެެވެ. އަދި ތިޔަބައިމީހުންނށް ތެދުމަގު ދެއްކެވިކަން މައްޗަށް ﷲ އަށް ތަކުބީރުކިޔައި އުޅުމަށްޓަކައި، އަދި ތިޔަބައިމީހން އެކަލާނގެއަށް ޝުކުރުވެރިވުމަށްޓަކައެވެ،” (ހުތުބާ)
އަހަރެމެން މިވަނީ މަތިވެރި މަހަކާއި އަޅުކަމުގެ ބޮޑު މޫސުމަކަށް އަލްވަދާއު ކިޔާފައިކަން ފާހަގަކޮށް ހުތުބާގައި ބުނީ އެމަހުގައި އަހަރެމެން ގުރުއާން ކިޔެވުމާއި ދުވާލުގެ ވަގުތުގައި ރޯދަހިފައި ރޭގަނޑުގެ ވަގުތުގައި ރޭ އަޅުކަން ކުރިކަމަށެވެ. ގިނަގިނައިން ޒިކުރުކޮށް ދުއާކޮށް އުޅުނުކަމަށާއި ތަނަވަސްކަމާއި ދަތި ހާލުގައިވެސް ﷲގެ މަގުގައި ހޭދަކުރިކަމަށާއި ފިތުރު ޒަކާތް ނެރުމާއި ކިޔަމަންތެރިކަން އަދާކުރުމުގެ އެކިއެކި އަމަލުތަކުން ﷲއާ ކުއްތަންވުމަށް މަސައްކަތް ކުރިކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.
“އެކަލާނގެ ސަވާބަށް އުއްމީދުކޮށް އެކަލާނގެ އަޒާބަށް ބިރުވެތިވާ ހާލުގައެވެ. މުސްލިމުންގެ މި މަތިވެރި ފިތުރު އީދުދުވަހުގައި ރަމަޟާން މަހުން އަހަރެމެންނަށް ދަސްވި ފިލާވަޅުތަކުގެ ފައިދާ ލިބިގަތުމަށް އަޒުމު ކަނޑައަޅާށެވެ، މަސްދުވަހުގެ ތަމްރީނަކަށްފަހު ރޯދައިގެ ތަރުބަވީ މަދަރުސާއިން އަހަރެމެން ނިކުތްއިރު، އަހަރެމެންގެ އީމާންކަން ވަނީ އިތުރުވެފައެވެ. ހެޔޮކަންކަން ކުރުމަށް ނަފްސު އާދަވެ އެކަމަށް މިވަނީ ފަސޭހަވެފައެވެ. އަހަރެމެންގެ މި އީމާންކަން މިގޮތުގައި ދެމެހެއްޓުމަށް މަަސައްކަތް ކުރާށެވެ! ގިނަގިނައން ސުންނަތް ނަމާދުކުރާ ބަޔަކަށް ވާށެވެ! ފަތިސްނަމާދުގެ އިހު ސުންނަތާއި ޟުޙާ ނަމާދާއ ރަވާތިބު ސުންނަތްތަކާއި، ވިތުރިއާއި، ދަމުނަމާދު ވީހާ ގިނައިން ކުރެވޭތޯ މަސައްކަތް ކުރާށެވެ، ހޯމަ ބުރާސްފަތީގެ ރޯދައާއި މެދުފޮއި ރޯދައާއި އާޝޫރާ ދުވަހާއި އަރަފާތު ދުވަހުގެ ރޯދަ ހިފުމަށް ފަރުވާތެރިވާށެވެ! އަދި ހާއްސަކޮށް ޝަައްވާލުމަހުގެ ހަ ރޯދަ ހިފުމަށް ސަމާލުކަން ދޭށޭވެ!” އީދު ހުތުބާ
ނަބިއްޔާ ޞައްލަﷲ އަލައިހި ވަސައްލަމަ ހަދީޘްފުޅެއްގެ މާނައިގައިވެއެވެ، “ރަމަޟާން މަަހު ރޯދަ ހިފައި ދެން އެއާ ވިދިގެން ޝައްވާލުމަހުން ހަ ރޯދަ ހިފައިފި މީހާ މުޅި އަހަރު ރޯދަހިފި ފަދައެވެ!”
“މި ހަ ރޯދަ ހިފުމުގައި މޮޅު އިތުރުވެގެން ވަނީ ޝައްވާލުމަހުގެ ދެވަނަ ދުވަހުން ފެށިގެން ވިދިވިދިގެން ހިފުމެވެ. ފިތުރު ޒަކާތަށް ރައްކާތެރިވީ ފަދައިން ޒަކާތަށްވެސް ރައްކާތެރިވާށެވެ! ﷲ ފަރުޟު ކުރެއްވި ޒަކާތުގެ އިތުރުން ގިނަގިނައިން ޞަދަޤާތްދީ، މީސްތަކުންނަށް ހެޔޮ ފޯރުވައި އުޅޭށެވެ! މިގޮތުގައި ހަރުދަނާ އީމާންކަން މަތީގައި ﷲގެ މިންވަރު ފުޅާއެކު ޖެހިގެން އަންނަ އަހަރުގެ ރޯދަމަހާ ބައްދަލުވުމަށް އުއްމީދު ކުރާށެވެ! ރޯދައިގެ ސަބަަބުން ނަފުސު ތާހިރުވާ ގޮތަކީ މިއީއެވެ”.
ފިތުރުއީދުގެ މިއުފާވެރި ދުވަހުގައި މުސްލިމުން އުފާ ފާޅުކުރުމަކީ އެދެވިގެންވާ ކަމެއްކަމަށާއި އެހެންނަމަވެސް ހައްދު ފަހަނައަޅައި ދިޔުމެއް ނެތިއެވެ އެފަދަ އުފާ ފާޅު ކުރުމުގެ ދުވަހެކެވެ.
ކޮންމެ އުއްމަތެއްގެ އީދަކީވެސް އެ އުއްމަތެއް ރަމްޒުކޮށްދޭ އަލާމާތެކެވެ. ރަސޫލާ ހަދީސްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. “ހަމަކަށަވަރުން ކޮންމެ ބަޔަކަށްވެސް އީދެއްވެއެވެ. އަދި މިއީ އަހަރެމެން މުސްލިމުންގެ އީދެވެ!”
އިސްލާމްދީނަކީ ފިތުރަތުގެ ދީނެވެ. މުސްލިމުން އެމީހުންގެ އީދުގައި އުފާފާޅުކުރަނީ ﷲ ހުއްދަ ކުރެއްވި އިމުގެ ތެރެއިންނެވެ.
މި އުފާވެރި އީދު ދުވަހުގައި އެންމެ މުހިންމު ކަމެއް ދޭން ޖެހޭ އެއްކަމަކީ އަަހަރެމެންގެ އިޖުތިމާއީ ގުޅުންތައް ވަރުގަދަ ކުރުމެވެ. މިއީ އެ ގުޅުންތައް އާލާކޮށް ދެމެހެއްޓުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ. ދަރިން އެމީހުންގެ މައިންބަފައިންނަށް، އިހުސާންތެރިވާށެވެ! މައިންބަފައިން އެމީހުންގެ ދަރިންނަށް ލޯބިދީ އިސްލާމީ ތަރުބިއްޔަތުން ތަރުބިއްޔަތު ކުރާށެވެ! އަނބިން އެމީހުންގެ ފިރިންނަށް ކިޔަމަންތެރިވާށެވެ! ފިރިން އެމީހުންގެ އަނބިންނަށް އޯގާތެރިވާށެވެ. މުއްސަނދިން ފަގީރުންނަށް އެހީތެރިވާށެވެ! ބޮޑެތި ކުޑަކުދިންނަށް އޯގާތެރިވުމަށާއި ކުޑަކުދިން ބޮޑެތި މީހުންނަށް އިހުތިރާމް ކުުރުމަށް ގޮވާލިއެވެ. އަދި ވެރިން ރައްޔިތުންގެ ހައްގުތަކަށް ރައްކާތެރިވުމަށާއި ރައްޔިތުން ވެރިންނަށް ކިޔަމަންތެރިވުމަށް ނަސޭހަތްތެރިވެފައިވެއެވެ.
ބައެއްގެ އިޖުތިމާއީ ފޭރާން ވަރުގަދަ ވުމަކީ އެމުޖުތަމައަކަށް ފާގަތިކަމާއި އަމަންއަމާންކަން ގެނުވާނެ ކަމެއްކަން ފާހަގަކޮށް ހުތުބާގައި ބުނީ ބައެއްގެ ތެރޭގައި ރިވެތި އަހުލާގު ފެތުރިއްޖެނަމަ އެބައެއްގެ މެދުގައި އެއްބައިވަންތަކަން އާލާވާނެކަމުގައެވެ. ހިޔާލު ތަފާތު ވުމުގެ ސަބަބުން ޒަމާނުއްސުރެ މި ދިވެހި މުޖުތަމައު ތެރޭގައި އޮތް އިސްލާމީ އުހްވަތްތެރިކަމާއި ރިވެތި އަހުލާގު ވީރާނާވިޔަ ނުދިނުމަށް ހުތުުބާގައި ނަސޭހަތްތެރިވެފައިވެއެވެ. އަދި ދުކކުގެ އާފާތްތަކުގެ ޝިކާރައަކަށްވެ އީބަ ބުނުމާއި ދެބައޮޑުވުމާއި ދޮގުހެކި ދިނުމާއި މަލާމާތްކޮށް ފުރައްސާރަކުރުމާއި ހަޑިހުތުރު ބަހުން ވާހަކަދައްކާ ބަޔަކަށް ނުވުމަށްވެސް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.
ރަސޫލާގެ ހަދީސްފުޅެއްގެ މާނައިގައިވެއެވެ. “ހިތްސީދާ ނުވާހާ ހިނދަކު، އަޅާގެ އީމާންކަން ސީދާ ނުވާހުއްޓެެވެ. އަދި އޭނާގެ ދޫ ސީދާ ނުވާހާ ހިނދަކު އޭނާގެ ހިތް ސީދާނުވާ ހުއްޓެވެ!”
ފިތުރުއީދުގެ މި އުފާވެރި މުނާސަބާގައި އެކަކު އަނެކަކާ ހިނިތުންވުމާއެކު ބައްދަލުވެ ސަލާންގަލާންކޮށް ހަދިޔާބަދިޔާ ބަދަލުކޮށް ކުޅިވަރާއި އުފާފާޅުކުރުމުގެ އެކިއެކި ހަރަކާތްތައް ކުރިއަށްގެންދާއިރު ފަލަސްތީނުގެ ލޮބުވެތި އަހުންނާއި އުހުތުން މަތިން ހަނދާން ނައްތާނުލުމަށްވެސް ހުތުބާގައި ބުންޏެވެ.
އެ ލޮބުވެތި އަހުންނާއި އުހުތުން މާތްވެގެންވާ އަލްމަސްޖިދުލްއަގްސާ އާއި އެބަރަކާތްތެރި ފަަސްގަނޑުގެ ދިފާއުގައި ޖިހާދުކުރަމުންދާކަން ހަނދުމަކޮށްދެއްވައި ހުތުބާގައި ވަނީ ފަލަސްތީނުގެ މުސްލިމުން ވޭތިވެދިޔަ ރަމަޟާން މަހު އުޅުނު އަދި މި ރަމަޟާން މަހުވެސް އުޅެމުންދާ ހިތްދަތި ނިކަމެތި ހާލުގެ ވާހަކަ ބަޔާންކޮށްފަައެވެ. ހުތުބާގައި ބުނީ މުސްލިމުންގެ މިސާލަކީ އެއްހަށިގަނޑެއްގެ މިސާލުކަމަށާއި އެހަށިގަނޑުން ގުނަވަނެއްގައި ވޭން އަޅާނަމަ މުޅި ހަށިގަނޑުގެ ބާކީ ހުރި ގުނަންތައް އެވޭނުގައި ބައިވެރިވާކަމުގައެވެ. އެހެންކަމުން ފަލަސްތީނުގެ މުސްލިމުންނަކީ އަޅުގަނޑުމެން ދިވެހިންގެ ހަށިގަނޑުގެ އެއްބައިކަމުގައެވެ. އެހެންކަމުން އެއަހުންނާއި އުހުތުންނަށް ވެވެން އޮތް މިންވަރަކުން އެހީތެރިވުމަށް ހުތުބާގައި ވަނީ އެދިފައެވެ. އަދި މިމަތިވެރި އީދު ދުވަހުގައި ﷲ އަށާއި އެކަލާނގެ ދީނަށާއި އެދީނުގެ އަހުލުވެރިންނަށް ނަސްރުދޭ ބަޔަކު ކަމުގައި ވުމަށް ހުތުބާގައި ތަކުރާރުކޮށް ވަނީ ގޮވާލާފައެވެ.

