ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް އަލަށް އުފައްދަވާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމަށް ބާއްވަންޖެހޭ ޖަލްސާ ބޭއްވުމަށް ޣިޔާސުއްދީން ސްކޫލްގައި ތައްޔާރީތައް ވެފައިވަނިކޮށް، ފުލުހުން ރޭ އެ ޖަލްސާ ހުއްޓުވަން އެސްއޯ ފުލުހުން ބޭނުންކޮށްގެން ބާރުގެ ބޭނުންކޮށްފައިވަނީ އެމަނިކުފާނުގެ އެންގުމާ ޚިލާފަށް ކަމަށާއި، އެކަން ހިގައިދިޔަ ގޮތް ތަހުގީގު ކުރުމަށްފަހު މިއަދު އިރުއޮއްސުމުގެ ކުރިން އެމަނިކުފާނަށް ރިޕޯޓު ފޮނުވަން އަންގަވާފައި ވާނެކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރޭގެ ޖަލްސާ ފެށުމުގެ ކުރިން ވެސް ފުލުހުން ވަނީ އެ ސަރަޙައްދަށް އެއްވެ ޖަލްސާއަށް ގަދަ ބާރުން ހުރަސްއަޅައި ހުއްޓުވައިފިއެވެ.
މިކަމާއިގުޅިގެން މިއަދު މިނިސްޓަރ އިހުސާންވެސް ވިދާޅުވެފައިވަނީ ކަންހިނގައި ދިޔަގޮތަށް ރިޢާޔަތްކޮށް ސްޕެޝަލް އޮޕަރޭޝަންސް (އެސްއޯ) ފުލުހުން ބޭނުން ކުރަންޖެހުނު ސަބަބު ހޯދުމަށް ޕޮލިސްކަމިޝަނަރގެ ކިބައިން އެދިވައިގެންފައިވާނެކަމަށެވެ.
ރައީސް މިހެން ވިދާޅުވީ މިއަދު މުލިއާގޭގައި އޮތް ރައީސްގެ ދެކަނބަލުން އީދު ސަލާމް ކުރެއްވުން ނިންމަވާލެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުންނެވެ،
މީގެ ކުރީގައި އެހެން ވެރިން ގެންގުޅުއްވި ސިޔާސީ ބަދަލުހިފުމުގެ ރޫހު ނުގެންގުޅުއްވާނެކަމަށާއި ސިޔާސީ ވީތީ އަދަބު ދެއްވުމެއް ނޯންނާނެ ކަމުގައި އަދި ފުލުހުން މެދުވެރިކޮށް ސުވާލުކުރުމަށް ސިޔާސީ ބޭފުޅުން ފުލުހަށް ހާޒިރުކުރުން ފަދަ އެއްވެސް ކަމެއް، ތަކުރާރުކޮށް، ނުކުރައްވާނެ ކަމަށް ވައުދުވެފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ޑރ މުއިއްޒު ވިދާޅުވީ ރޭގެ ޖަލްސާ ހުއްޓުވަން އެސްއޯ ފުލުހުން ފޮނުވައިގެން ނުވާނެކަމަށް ވަރަށް “ކުލިއަރ އިންސްޓްރަކްޝަން” ދީފައި އޮންނާނެ ކަމުގައެވެ.
“ފޮނުވަން ޖެހިއްޖެއްޔާ އަޅުގަޑަށް އިނގޭނެއޭ މިގައުމުގަ އެ ހިސާބަށް ދިޔައިމަ. އަޅުގަޑު ދަންނަވާނަމޭ އެވަރުގެ ކަމެއް ކުރަން ޖެހިއްޖެއްޔާ. އެއީ ބައެއްގެ މުދަލަށް ގެއްލުންދީ، ތަނެއްގަ ރޯކޮށް، މީހުންނަށް އަނިޔާކޮށް، ޖިސްމާނީ އަނިޔާކޮށް، މިކަހަލަ ކަންތައްތައް ނޫނިއްޔާމު މުގައްދަަސްތަނެއްގަ، މިސްކިތެއްކަހަލަ ތަނަކަށް ގެއްލުންދީ މިހެންގޮސް އިނގޭނެ އެންމެންނަށްވެސް، އެހިސާބަށް ނުދަންޏާ، ނުވެސްދާނެ އިރާދަކުރެއްވިއްޔާ.. އެހާ ކުލިއަޔ އިންސްޓްރަކްޝަނެއް ދީފަ އޮއްވާ.. އަޅުގަޑު ރޭގަ އުޅުނީ ދެ އިވެންޓެއްގަ.. އޭޒް ޔޫޝުއަލީ.. އިވެންޓު ނިމިގެން އަޅުގަޑަށް މައުލޫމާތު މިއަންނަނީ އަދި ނޫހުން އަޅުގަޑަށް ފޮޓޯ މި ފެންނަނީ އެސްއޯ ފުލުހުން ގޮއްސަ އެތަނުގެ ބެރިކޭޑް ޖަހާ ދެން އެކިކަންތައްތައް ހިނގިކަން، އެއީ ވަރަށް ހިތާމަ ކުރާކަމެއް،” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސާފު އިންސްޓްރަކްޝަން ދީފަ އޮތް ކަމެއްގައި އެކަން ހިނގީމަ މިނިސްޓަރަށްވެސް އަދި ސީޕީއަށްވެސް ގުޅުއްވި ކަމަށެވެ.
އަދި ރައީސް ވިދާޅުވީ މިއަދު އިރު އޮއްސުމުގެ ކުރިން އެކަން ހިގައިދިޔަ ގޮތުގެ ތަހުގީގު ރިޕޯޓެއް ފޮނުވުމަށް އަންގާފައިވާނެ ކަމަށާއި، އެކަމަކީ ޓޮލެރޭޓް ކުރާނެ ކަމެއް ނޫންކަމުގައެވެ. އަދި ކުރީގަ ކަން ހިގައިދިޔަ ގޮތަށް، ކަންކަން ތަކުރާރުވާން ބޭނުން ނުވާކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.
“އަޅުގަނޑު ބޭނުމޭ މިކަން ހިނގި ގޮތް ބަލަން. ކާކު، ކޮން ގޮތަކަށް ދިން އިންސްޓްރަކްޝަނެއްތޯ؟ ކިހިނެއް ވީ ކަމެއްތޯ؟ ހޯމް މިނިސްޓަރަށް ވެސް އޮންނާނީ ދަންނަވާފައި. މިރޭ އިރުއޮއްސެންވާއިރަށް އަޅުގަނޑަށް ލިބެން ޖެހޭނެއޭ އިންވެސްޓިގޭޝަން ހަދާފައި ރިޕޯޓެއް،
“އަޅުގަނޑު މިއަދު އިންވެސްޓިގޭޝަން ރިޕޯޓް ހޯދާފައި އެކަން ކުރި ބަޔަކަށް އަޅަންޖެހޭ ފިޔަވަޅު އަޅާނަން. ފުލުހުންގެ މުއައްސަސާ އަށް ރައްޔިތުންގެ އިތުބާރު އަނބުރާ ގެންނަން ބޭނުން. އަޅުގަނޑުގެ ސަރުކާރުގެ އިތުބާރު އޮންނަން ބޭނުން.”
ރޭގެ އެއްވުން ރޫޅާލުމާއިގުޅޭގޮތުން ފުލުހުން ބުނެފައިވަނީ އެއްވުން ރޫޅާލަންޖެހުނީ ސްކޫލާއި ޕީއެންއެފް އާއިދެމެދު ވެފައިވާ އެއްބަސްވުން ކެންސަލްކޮށްފައިވާތީ، އެފަރާތުގެ ކަންބޮޑުވުމާއިއެކު، މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އެދިލެއްވުމަކަށްކަމަށެވެ. ނަމަވެސް ފުލުހުން ވިދާޅުވާފަދައިން އެއްބަސްވުން ބާޠީލްކުރެވިފައިނުވާކަމަށާއި، ފުލުހުން އެއްވުން ރުޅާލީ ބާރުގެ ނަަހަމަ ބޭނުން ކޮށްގެން ކަމަށް ޕީއެންއެފް އިން ވަނީ ބުނެފައެވެ

