ލ. ގަމުގައި މަސްތުވާތަކެއްޗާއެކު ޕާޓީކުރަމުން ދަނިކޮށް އަންހެނަކާއި 5 ފިރިހެނަަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ހުވަދޫ މީޑިއާއަށް މައުލޫމާތު ދެމުން ބުނީ ލ. ގަމު ތުނޑި އަވަށުން ރޭ ދަންވަރު 12:04 ހާއިރު ޕާޓީ ކުރަން ތިބި 6 މީހަކު ހައްޔަރު ކުރި ކަމަށެވެ. އެގޮތުން 5 ފިރިހެނުންނާއި 1 އަންހެނަކު ވަނީ ހައްޔަރުކޮށްފައި ކަމަށެވެ.
އަންހެންމީހާގެ އުމުރަކީ 22 އަހަރު ކަމަށާއި ފިރިހެނުންގެ އުމުރަކީ: 21 އަަހަރުގެ ދެ ފިރިހެނަކާއި 24، 26 އަދި 30 ކަމުގައި ފުލުހުން ވަނީ މަައުލޫމާތު ދީފައެވެ.
މި މީހުން ހައްޔަރު ކުރީ، ގަމުގައި ހުންނަ ސީޝާ ބުއިމަށް މީހުން އާއްމުކޮށް ގޮސް އުޅޭ ކެފޭއެއް ކަމަށްވާ ޕެންޑޯރާ ލޯންޖު ކެފޭ ތެރެއިންނެވެ،
ފުލުހުން ބުނީ މި މީހުން ހައްޔަރުކޮށްފައި ވަނީ އެ ކެފޭ ތެރޭފައި ޕާޓީކޮށް މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން އެތަނަށް ގޮސް ބަލައި ފާސްކޮށްގެން ކަމަށެވެ.
ފުލުހުން ބުނީ އެތަން ބަލައި ފާސްކުރުމުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ޒާތުގެ އެއްޗެއް ހުރި 2 ރަބަރު ޕެކެޓާއި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައިވާ ލައިފް ފުޅިއެއް ފެނިފައިވާ ކަމަށެވެ.
ފަހަކަށް އައިސް މަސްތުވާތަކެތީގެ މައްސަލަތަކުގައި މީހުން ހައްޔަރު ކުރެވޭއިރު ޕާޓީ ކުރުމުގެ ތެރެއިން ހިފަހައްޓާއިރު، އެތަންތަނުން ޕާޓީ ޑްރަގްސް ފެންނަ މިންވަރު ދަނީ އިތުރުވަމުންނެވެ.

