ދިވެހިންނަކީ ވަކި ސަގާފަތަކާއި ވަކި އާދަކާދައެއް ގެންގުޅޭ ބައެކެވެ. ސަގާފަތާއި ދިވެހިންގެ އާދަކާދަތަކަކީ އެކި ރަށްރަށުގައި ވަރަށް ތަފާތުކޮށް ކުރަމުން އަންނަ ކަމެކެވެ. އެގޮތުން ސަގާފަތުގެ ތެރެއިން އީދު ދުވަހަށް ހާއްސަކޮށްގެން ވެސް ތަފާތު ހަރަކާތްތައް ހިންގައެވެ.
އީދުގެ އެކި ކުޅިވަރުތަކުގެ ތެރެއިން އީދު މަޅި އާއި، ކޯޑި ކެނޑުމާއި ބޮޑު ބެރު ޖެހުމާއި މާލި ހެދުމަކީވެސް ވަރަށް އާންމު ކޮށް ކޮށްއުޅޭ ކަންތައްތަކެވެ. މީކަންކަމުގެ އިތުރަށް ވަކި ވަކި ރަށްރަށުން ހާއްސަކޮށްވެސް ކުރާ ކަންތައް ހުރެއެވެ. އެގޮތުން އަތޮޅުތައްވެސް ތަފާތެވެ. އުތުރާއި ދެކުނު ވެސް ތަފާތެވެ. މި ތަފާތާއިއެކު ހދ. ކުރިނބީ އީދު ހަރަކާތުގެ ތެރެން ކުރާ ތަފާތު ކަމަކަށް ބަލާލާނަމެވެ.
އީދު ނައު މިއީ ކޯއްޗެއް
ނާ އަކީ ކަނޑުމަތީގައި ދަތުރުކުރާ އުޅަނދެކެވެ. ނަމަވެސް ކުރިނބީ މީހުން އީދު ދުވަހު މި ނާ ދުއްވަނީ ރަށުގެ ބޮޑުމަގުގައެވެ. މިއީ ދޮންވެލިން ކުރަހާ އެތައް މެސެޖެއް ބުނެދޭ ނާއެވެ. އެރަށުގައި ވަރަށް ކުރީ ޒަމާނުއްސުރެ ކުރަމުން އަންނަ ކަމެކެވެ. ފޭސް ބުކުގައި މިއަދު ދައުރުވި ޕޯސްޓަކުން ފެނުނީ ކުރުނބީ ބޮޑުމަގުގައި އެއްކޮޅުން އަނެއްކޮޅަށް ދޮންވެލިން އެކި ޒާތްޒާތަށް ކުރަހާފައިވާތަނެވެ. މި ނާ ފެށޭ ކޮޅުން ފުރަތަމަ ފެންނަނީ ރަށުގެ ކޯޑެވެ. ބީ 10 އެކެވެ. ދެން އޮތީ ޕޯސްޓަލް ކޯޑެވެ. 02090 އެއަށް ފަހު އީދު މުބާރިކް ބޮޑުއަކުރުން ލިޔެފައި ވެއެވެ.

އަކުރުތަކާއި ގޮޅިތަކާއި،އެކި ނަންތައްވެސް މި ނާ ތެރެއިން ފެންނަން ހުއްޓެވެ. އަދި އެކި ކުރަހެންތަކަށް ބަލާއިރު، މާތަކާއި، ޖެޓް އާއި، ފްލައިޓްއާއި، ކަޅުވަކުރު އޮޑިއާއި، ރަށުގެ މީހުންގެ ފޯން ނަމްބްރާއި، ފްރީ ފަލަސްތީން ޖަހާފައިވާ ދިދައެއް ވެސް ކުރަހާފައެވެ. އަދި މަސް ވެސް ކުރަހާފައި ހުއްޓެވެ. އަދި ތުއްތުބޭގެ އަލަ ޑަބިޔަލާއި، ބަރަބޯ އާއި، ގައުމީ ދިދަވެސް ފެންނަން ހުއްޓެވެ. އަދި ކާރެއް ކުރަހާފައިވާއިރު ފްރީ ޕިއްޒާ ލިބޭ ކަމަށް ލިޔެފައި ވެއެވެ.
މީގެ ކޮންމެ ލިއުމަކުން ފެންނަނީ ނިމުނު އަހަރުގައި އެ ރަށުގައު ހިނގާފައިވާ ކޮންމެވެސް ހާދިސާއެކެވެ. މަޖާ ކަމެކެވެ. މަގުގައި ކުރަހާފައިވާ މި ކުރެހުންތައް ކިޔައިދެމުން މި ޕޯސްޓް ޝެއާކުރި މީހާ ބުނީ މި ނައު ހާއްސަ ވެގެންދާ ކަމަކީ އެ ކުރެހުންތަކުން މުޅި އަހަރުތެރޭގައި ސިއްރުން ކޮށްފައި ހުންނަ ކަންތައްތައް ފެންނަން ގޮތަށް ހުންނާތީ ކަމަށެވެ.
މި ނައުގެ އެންމެ ހާއްސަ ކަމީ ރަށުގައި ލޯބީގެ ގޮތުން ގުޅިގެ އުޅޭ މީހުންގެ ގެގޭގައާއި ހަމަޔަށް ނައުގެ ނަގިލި ގުޅާލާފައި އޮތުމެވެ. މިއީވެސް ދޮންވެލިން ކުރަހާފައެވެ.

ކުރިނބީގެ އިދު ނާ،/ފޮޓޯ އަމާޒު ލަތީފް
މިކަން ކުރަނީ އެއްމެ ރެއަކުންނެވެ. އެއީ އީދު ވިލޭރޭއެވެ. އަދި އެންމެން ނިދީމަ ސިއްރުންނެވެ. އީދަށް އަލިވިލުމާއި އެކީ ރަށުގެ ކުދި ބޮޑު އެންމެން މި ނާ ބަލާލުމަށް މަގުމައްޗަށް ނުކުމެއެވެ. މި ނައު އިން ފެންނާނީ ރަށުގެ ކާކުގެ ވާހަކައެއް ކަމެއް ނޭގޭތީ މި ވަނީ ވަރަށް މަޖާ ސަޕްޒަކަށެވެ. އެހެންކަމުން ގިނަ ބަޔަކު އީދު ވިލޭރޭ އަށް އިންތިޒާރު ކުރެއެވެ.
ހާއްސަކޮށް މީ ނައު ގައި އެންމެ މަޖާ ކަމަކަށްވަނީ ވަގަށް ލޯބީގެ ގޮތުން ގުޅިގެން އުޅޭމީހުން ފަޅާއަރާތީއެވެ. ނާ ގެ ބޮޑެތި ވާތަށް ދެ ލޯބިވެރިންގެ ގޭގެ އާއި ހަމަޔަށް ދޮންވެލިން ދަމާފައި ހުންނައިރު ވާ ދާ ހިސާބެއް ބެލުމަށްވެސް އެ ރަށުގެ ކުދިން ބޮޑު އެންމެން ޝައުގުވެރިވެއެވެ. ނައު ނިމޭ ހިސާބުގައި ނައުގެ ކެޕްޓަންވެސް ކުރަހާފައި ހުރެއެވެ.
އޭނާވެސް ހުންނަނީ ބޮޑު ބަޑެއްލާފައި ބޮޑު ނާ ދުއްވެވޭ ވަރުގެ ވަރުގަދަ މީހެއްގެ ގޮތުގައެވެ. އެއީ ނާގެ ބޮޑު މީހާއެވެ. މިއީ ސިއްރުތައް ހާމަކޮށްލާ ކުނރުބީ ގެ އީދު ނާ ވާހަކައެވެ

