އެއްވެސް ދަރަންޏެއް ނުދައްކާ ނުބަހައްޓާނެ ކަމަށާއި، ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ތެޔޮ އިމްޕޯޓުކުރުމަށްފަހުވެސް ފައިސާ ދައްކަމުންދަނީ ފައިސާ ޗާޕުނުކޮށްކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ
ލ މާވަށަށް ކުރެއްވާ ދަތުރުފުޅުގެ ތެރެއިން ރައީސްވަނީ އެ އަތޮޅު މާވަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކޮށް ވާހަފުޅުކަދައްކަވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ސަރުކާރުން މަސައްކަތްކުރަމުންދަނީ މަޝްރޫޢުތައެް ހިންގުމުގައި ތަރުތީބު ގޮތެެއްގެ މަތިން އިންތިޒާމުތައްކޮށް، ފައިސާ ޗާޕުނުކޮށް އާމްދަނީ އިތުރުކޮށް ދަރަނިތައްވެސް ދެއްކުމަށްކަމަށެވެ. އަދި މިހާތަނަށް މަސައްކަތްތައް ކުރަމުން އައިސްފައިވަނީ އެގޮތުގެ މަތިންކަމަށާއި ސަރުކާރާއި ހަވާލުވިއިރު ޑެޑްލައިން ހަމަވެފައިވާ ހުރިހާ ދަރަންޏެއް ދައްކާފައިވާކަންވެސް ހާމަކުރެއްވިއެވެ.
އެމަނިކުފާނު ވިދާޅުވީ، އެއްވެސް އެއްޗެއް ނުދައްކާ ނުބާއްވާކަމަށާއި ސަރުކާރުންދަނީ ރައްޔިތުންގެ ނަމުގައި ނަގާފައިވާ ލޯނުތަކުގެ އިތުރުން އެތެރޭގެ ބިލުތައްވެސް ދައްކައި މަޝްރޫއުތައްވެސް ފަށަމުންކަމަށް ވިދާޅުވއިެވެ. ރައީސް ވިދާޅުވީ، މަސައްކަތްކުރައްވަމުންދަނީ ދިވެހިރާއްޖޭގެ އިގްތިސާދުވެސް އެކަންކަމާއިއެކު މެނޭޖުކުރެއްވުމަށްކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، ބައިނަލްއަގުވާމީ ދެ މާލީ މުއައްސަސާއަކުން ސަރުކާރުގެ މާލީ އިގްތިސާދީ ސިޔާސަތުތައް ބަލައިގަނެފައިވަނީވެސް އެ ސަބަބުތަކާއި ގުޅިގެންކަމަށެވެ. އަދި އެ ނޫން ނަމަ ރާއްޖެ ފުން ވަޅުގަނޑަކަށް ވެއްޓޭނެކަމަށާއި ދާދި ފަހުން އަވައްޓެރި ބައެއް ގައުމުތަކަށް ވީ ގޮތަކަށް ދަރަނިވެރިވެ ހާލަތުން އަރައިނުގަނެވޭނެކަމަށްވެސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ، ސަރުކާރުން ގެންދަނީ ރާއްޖެއަށް ބޭނުންވާ ތެޔޮ އިމްޕޯޓުކޮށް އެތަކެއްޗަށްވެސް ފައިސާ ދައްކަމުންކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެ ހުރިހާ ކަމެއް ސަރުކާރުން ކުރަމުންދަނީ ފައިސާ ޗާޕުނުކޮށްކަމަށާއި އެހެންކަމުން މާވަށުގެ ތަރައްގީއަށްކުރަން ހުރި މަސައްކަތްތައްވެސް އެގޮތުގެމަތިން ކުރިއަށް ގެންދާނެކަމަށް ވިދާޅުވިއެވެ.

