ރައީސް ޑރ މުހައްމަދު މުއިއްޒު އައްޑޫ ސިޓީ ރައްޔިތުންނަށް އާ އުއްމީދުތަކެއްދީ މުޅި ސިޓީ ސަރުކާރާ އެކު އޮތްކަން ހާމަކޮށް ދެއްވައިފިއެވެ.
ރައީސް ވިދާޅުވީ އައްޑޫ ސިޓީ ހިމެނޭހެން މުޅި ރާއްޖެ ތަރައްޤީ ކުރުމަށް ވެވަޑައިގެންފައިވާ އެންމެ ވަޢުދެއްވެސް ދޫކޮށް ނުލާނެކަމަށެވެ.
ރައީސް މިހެން ވިދާޅުވީ، އަތޮޅުތެރެއަށް ކުރައްވާ ދަތުރުފުޅުގައި ހައްދުންމައްޗަށް ވަޑައިގަތުމަށްފަހު މިއަދު ހަވީރު އައްޑޫ ސިޓީގެ ރައްޔިތުންނާއި ބައްދަލުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އައްޑޫސިޓީގައި ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، މާލެއާއި އެއް ފެންވަރުގެ ޚިދުމަތް ނުވަތަ އެއަށްވުރެ މަތީ ފެންވަރަށް އައްޑޫ ސިޓީ ތަރައްޤީކުރައްވާނެކަމަށެވެ. ރައީސް ވަނީ ދެކުނު ޒޯންގެ މައި ހަބަކީ އައްޑޫ ސިޓީކަމުގައި ހަދާނެކަމުގެ ޔަޤީންކަން ދެއްވާކަމަށް ވިދާޅުވެފައެވެ.
ރައީސް މީގެ ކުރިން ވިދާޅުވެފައިވަނީ އައްޑޫގެ ބޯހިޔާވަހިކަމާއި އައްޑޫ އަށް ޓުއަރިޒަމް ފުޅާ ކުރުމާއި، އައްޑޫގެ ހުރިހާ ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމާއި، އާބަން ސެންޓަރުތައް ވެސް ތަރައްގީ ކުރާނެ ކަމަށެވެ. މިއީ މި ސަރުކާރުން އައްޑޫގެ ތަރައްގީ އަށް އަމާޒު ހިފާފައިވާ މުހިންމު ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަންތައްތައްތައް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ މުއިއްޒު އައްޑޫ ސިޓީ ރައްޔިތުންނަށް ދިނީ އާ އުންމީދުތަކެއް/ފޮޓޯ ޕީއެންސީ
އައްޑޫގެ ތަރައްޤީއަށް ބޮޑެތި މަޝްރޫޢުތަކެއް ހުރިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވަޢުދުތައް ފުއްދަން އިންތިޚާބެއް އަންނަންދެން މަޑުނުކުރައްވާނެކަމަށެވެ. އެހެންކަމުން އެމަނިކުފާނުގެ ސަރުކާރުގެ ފުރަތަމަ ހަފްތާ 14ގައިވެސް އައްޑޫގެ ބްރިޖު މަޝްރޫޢުގެ މަސައްކަތް ހިމަނާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވެރިކަމުގެ ކުރީ ކޮޅުގައި މަސައްކަތް ފައްޓަވާ ކުރައްވަނީ ވެސް ދައުރުގެ ތެރޭގައި އެކަންކަން ކުރެއްވުމަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ މިއަހަރު ނިމުމުގެ ކުރިން އައްޑޫގައި އަޅަން ގަސްތުކުރި ބްރިޖުގެ ޢަމަލީ މަސައްކަތް ފަށާނެ ކަމަށެވެ. އަދި ބޭނުންވަނީ މިދައުރު ނިމޭއިރު ބްރިޖު އެއްކޮށް ނިންމަން ކަމަށްވެސް ރައީސް ވިދާޅުވިއެވެ. 2028 އައީމަ ކުރާކަމަކަށް ބާއްވަން ބޭނުމެއް ނޫން ކަމަށްވެސް ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.

