ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ލ. އަދި އައްޑު އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ފުރާވަޑައިގެން ލާމަށް ކުރެއްވީ ރަސްމީ ދަތުރުފުޅެކެވެ. އަދި އައްޑޫސިޓީއަށް ކުރެއްވީ މަޖިލިސް އިންތިހާބުގައި ސަރުކާރުން ވާދަކުރާ ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރެއްވުމަށް ކުރެއްވި ނުރަސްމި ދަތުރުފުޅެކެވެ.
ލ. އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގެން ރައީސް ޑރ މުއިއްޒު ވަނީ އެ ރަށްރަށުގެ ރައްޔިތުންނާއި ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވާފައެވެ. އަދި އެރަށްރަށުގެ ތަރައްގީ އަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭކަންކަމާ ގުޅޭގޮތުންވެސް ރައީސް ވަނީ މަޝްވަރާ ކުރައްވާފައެވެ.
ރައީސް ލާމުގެ ދަތުރުފުޅަށްފަހު، އިއްޔެ އައްޑޫ ސިޓީއަށް ވަޑައިގެންނެވުމުން އެސިޓީއިން ރައީސް އަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

