މިއަަހަރުގެ ފިތުރުއީދު ބަންދާ ދިމާކޮށް އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސްކޮޑްރަންއިން ކަނޑުދަތުރުކުރާ އުޅަނދުފަހަރު ޗެކްކުރުމުގެ ގޮތުން “އޮޕަރޭޝަން ފިތުރު” ފަށައިފިއެވެ.
މިއީ ކޮންމެއަހަރެއްގެވެސް އީދުބަންދާ ދިމާކޮށް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށްގެންދާ އޮޕަރޭޝަނެކެވެ. އީދު ބަަަންދުގައި ގިނަ ބަޔަކު ކަނޑުމަގުން ދަތުރުކުރުމާ ގުޅިގެން އެމްއެންޑީއެފުން ކުރިއަށް ގެންދާ މި އޮޕަރޭޝަނަކީ ދަތުރުކުރާ އުޅަނދާއި ޕަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވޭތޯ ބެލުމުގެ ގޮތުން ކުރިއަށްގެންދާ އޮޕަރޭޝަނެއް ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
އެގޮތުން އޭޕްރިލް 12 އާއި އޭޕްރިލް 13 ވަނަ ދުވަހު، އިއްޔެ އާއި މިއަދު، ކުރިއަށްގެންދާ މި އޮޕަރޭޝަންގައި އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓްގައި ބަޔާންކޮށްފައި ހުންނަ ކަންކަން ފުރިހަމަ ކުރެވިފައިވޭތޯ، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑު ސްކޮޑްރަންއިން ދަނީ ބަލަމުންނެވެ.
އޭގެ ތެރޭގައި މެރިން ވީއެޗްއެފް ޗެކް ކުރުމާއި އުޅަނދުފަހަރުގެ ކެޕްޓަން އަތުގައި ކަނޑުގެ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އޮތްތޯ ބެލުމުގެ އިތުރުން ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގިނަ ކަންތައްތައް ބަލަމުން ދާނެއެވެ.

