ބޯކޮށް ވާރޭވެހި، ތ. ކަނޑޫދޫގެ މަގުތަކުގައި ފެންބޮޑުވެއްޖެއެވެ.
އިއްޔެ އާއި ރޭ ދަންވަރު އެރަށަށް ބޯކޮށް ވާރޭ ވެހި މަގުތަކުގައި ފެން ބޮޑުވެ ބައެއް ގޭތަކަށްވެސް ފެން ވަދެފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ނަމަވެސް އޭރު ގޭގެއަށް ވަންނަ ވަރަށް ހެދުނު ފެންގަނޑު މިހާރު ވަނީ ހިނދިފައިއެވެ.
ބޯކޮށް ވާރޭ ވެހިއްޖެނަމަ އެރަށުގައި އާންމުކޮށް ފެން ބޮޑުވުމުގެ މައްސަލަ ކުރިމަތިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ލަފާކޮށްފައި ވަނީ މެދުރާއްޖެތެރެ އާއި ދެކުނުގެ އަތޮޅުތަކަށް ކަނޑު ގަދަވާނެ ކަމަށާއި އެ ސަރަހައްދުގެއަތޮޅުތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ.
އެހެންކަމުން އާންމު ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި ހާއްސަކޮށް ކަނޑު ދަތުރު ކުރާފަރާތްތަކުން ދަތުރަށް ފެށުމުގެ ކުރިން މޫސުމާއި ބެހޭ މައުލޫމާތު ހޯދުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ.

