ބޯކޮށް ވާރޭ ވެހުމުގެ ސަބަބަން މާލޭގެ ގެ ތަކަށް ފެންވަންނަމުންދާތީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފުން ނުކުމެއްޖެއެވެ.
މޫސުން ގޯސްވެ ރާއްޖޭގެ ގިނަ ސަރަހައްދުތައް މި ވަގުތު އޮތީ ރީނދޫ ސަމާލު ނެރެފައެވެ.
މެޓްއިން މިއަދު ހެނދުނު ވަނީ ހުދު ސަމާލުވެސް ނެރެފައެވެ. އެހެންނަމަވެސް މިހާރު އޮތީ ރިދޫ ސަމާލުގައެވެ. ރިދޫ ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހިސާބަށެވެ. މިއަދު 16:00އާ ހަމައަށް ހުދު ސަމާލު ނެރުނުއިރު، ފަހުން ހއ. އަތޮޅުން ބ. އަތޮޅާއި ހަމައަށް ރީނދޫ ސަމާލު ނެރެފައި ވެއެވެ.
މެޓް އޮފީހުން އެންމެ ފަހުން ނެރުނު ރީނދޫ ސަމާލުގައި ބުނެފައި ވަނީ ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ހަމައަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށެވެ.
މެޓް އިން ބުނެފައިވާގޮތުގައި ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މިއަދާއި އަދި މާދަމާގެ މޫސުން ގޯސްވާނެއެވެ. މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ ރާއްޖޭގެ ސަރަހައްދުގައި ބޯ ވިލާތަކެއް އުފެދުމުގެ ސަބަބުން ކުރަމުންދާ ވިއްސާރައެކެވެ.
މާލެއަށް ވާރޭއަށް ވެހެން ފަށާފައިވާއިރު، މާލޭގެ ސަރަހައްދުތައްވެސް ވަނީ ވަރަށް ބޮޑަށް ފެން ބޮޑުވެފައެވެ.
ވިއްސާރައާއި ގުޅިގެން އެމްއެންޑީއެފް އިން ބުނީ ބޯކޮށް ވާރޭ ވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން، މަގުތަކުން ފެން ހިންދުމާއި އަދި ބައެއް ގެތަކަށް ފެންވަންނަމުންދާތީ، ވެލި ބަސްތާ ޖެއްސުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
ފެންބޮޑުވެފައިވާ ގެތަކަށް އެހީތެރިކަން ފޯރު ކޮށްދިނުމުގައި އެމްއެންޑީއެފް އެފްއާރުއެސްއާއި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުގެ ސިފައިން ވަނީ ހަރަކާތްތެރިވާން ފަށާފައި ކަމަށްވެސް ބުނެފައި ވެއެވެ.

