އައްޑޫސިޓީގައި ޤާއިމްކޮށްފައިވާ ފެނުގެ ނިޒާމް އަޕްގްރޭޑް ކުރުމުގެ އެއްބަސްވުމުގައި ކޮންސްޓްރެކްޝަން ކަންތަކާއި ބެހޭ މިނިސްޓްރީއާއިއެކު އެމްޑަބްލިޔުއެސްސީން މިއަދު ސޮއިކޮށްފިއެވެ.
އައްޑޫ ސިޓީގައި ޤާއިމްކޮށްފައިވާ ފެނުގެ ނިޒާމް އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ދަށުން، ސ. ހިތަދޫގައި އާރްއޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމާއި، ބޯހޯލް ތޮރުފުމާއި، ދުވާލަކަށް 1500 ޓަނުގެ ބޯފެން އުފެއްދޭ 2 އާރް.އޯ ޕްލާންޓް ބެހެއްޓުން ވެސް ހިމެނެއެވެ.
މީގެ އިތުރުން ފެން ރައްކާ ކުރުމަށްޓަކައި 2000 ޓަނުގެ 3 ތާންގީ އާއި 1000 ޓަނުގެ ތިން ތާންގީ އާއި އެކު ސޯލަރ ޕީވީ ސިސްޓަމް ހަރުކުރެވޭނެ ކަމަށް ވަނީ ބުނެފައެވެ.
އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އައްޑޫސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެމްޑަބްލިޔުއެސްސީގެ ފަރާތުން ސޮއި ކުރެއްވީ ކޮންސްޓްރަކްޝަނާއި ބެހޭ މިނިސްޓްރީން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހީމް ޠަޢާމު މުޙައްމަދުއާއި، އަދި މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދެވެ.

އައްޑޫސިޓީގައި ޤާއިމްކޮށްފައިވާ ފެނުގެ ނިޒާމް އަޕްގްރޭޑް ކުރުމުގެ އެއްބަސްވުމުގައި ކޮންސްޓްރެކްޝަން ކަންތަކާއި ބެހޭ މިނިސްޓްރީއާއިއެކު އެމްޑަބްލިޔުއެސްސީން މިއަދު ސޮއިކުރުން
އައްޑޫ ސިޓީގެ ފެނުގެ ނިޒާމު އަޕްގްރޭޑް ކުރުމުގެ އަމަލީ މަސައްކަތް މި ހަފްތާ ތެރޭ ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
އައްޑޫ ސިޓީ ހިތަދޫ ރައްޔިތުންނާ ބައްދަލުކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އައްޑޫގެ ހުރިހާ ރަށެއްގައި ފެނުގެ ނިޒާމު އަޕްގްރޭޑް ކުރަން ޖެހިފައިވާ ކަމަށާއި އެއީ ގާތްގަނޑަކަށް 282 މިލިއަން ރުފިޔާގެ މަޝްރޫއުއެއް ކަމަށެވެ.
ރައީސް ވިދާޅުވީ އައްޑޫގެ ބައެއް މަގުތައް ހެދުމަށް އެންމެ އާދައިގެ ސިމެންތި ފަށަލަ އެކަނި އަޅާފައި ހުރުމުގެ ސަބަބުން މަގުތައް ހަލާކުވަމުންދާކަމަށެވެ.
އެހެންކަމުން 100 ކިލޯމީޓަރުގެ ތެރެއިން އެފަދައިން ހުރި 60 ކިލޯމީޓަރުގައި ކޮންސްޓްރަކްޝަން މިނިސްޓްރީއިން އާރްޑީސީއާ ހަވާލުކޮށްގެން ތާރު އަޅައިދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މީގެއިތުރުން ހިތަދޫ ހޮސްޕިޓަލް އަޕްގްރޭޑް ކުރުމުގެ މަޝްރޫއު ވެސް ވަރަށް އަވަހަށް ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

