1800މީޓަރު ދިގު ރަންވޭއެއް، ޖެޓް ޖެއްސޭވަރުގެ ފުރިހަމަ އެއަޕޯޓަކާއި އާބަން ސެންޓަރެއް ގާއިމުކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ފ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ނިލަންދޫއަށް ވަޑައިގެން ރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި ރައީސް ވިދާޅުވީ، އެމަނިކުފާނަށް މުހިންމީ ރާއްޖެއަށް ތަރައްގީ ގެނެސްދެއްވުން ކަމަށާއި ރައްޔިތުންނަށް ތަރައްގީގެ ނަތީޖާ ނެރެދެއްވުން ކަމުގައެވެ.
ަރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި އެމަނިކުފާނު ފާފު އަތޮޅުގެ ނިލަންދޫއަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި އެރަށުގެ ރައްޔިތުންގެ އުއްމީދުތަކުގައި ކުލަޖައްސަވައިދެއްވާނެ ކަމަށް ވިދާޅުވެފައިވާނެ ކަމަށެވެ. ރައްޔިތުންނަށް ވައުދެއް ވެވަޑައިގެންފިނަމަ އެވައުދެއް ފުއްދަވާނެ ކަމަށާއި އެހެން ބައެއް ފަރާތްތަކުން ކަންތައްކުރާ ގޮތަށް އެމަނިކުފާނު ކަންތައް ނުކުރައްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ ނިލަންދޫގެ ރައްޔިތުންނަށް ތަރައްގީގެ ލިސްޓުގައި އެކެއްދޭއް ތިނެއް ހަތަރެއް މިހެން ގޮސް ދިހަ ވަނައަކާ، ސަތޭކަ ވަނަ އާ ހަމައަށް އޮތް އެއަރޕޯޓުގެ މަސައްކަތް ހަގީގަތަކަށް ހަދައިދީ އަމަލީ ގޮތުން ބިންހިއްކަން ވަނީ ފެށިފައި ަކަމަށާއި ބާރުސްޕީޑުގައި ގޮސް މަސައްކަތްނިމޭއިރު، އެންމެ ފުރިހަމަ ފެންވަރުގެ ރަނގަޅު އެއަރޕޯޓެއް އޮންނާނެ ކަަމުގައެވެ.
“1800މީޓަރު ދިގު ރަންވޭއެއް، ޖެޓް ޖެއްސޭވަރުގެ ފުރިހަމަ އެއަޕޯޓެއް މިރަށުގައި ހެދިގެންދާނެ،” ރައީސް ވިދާޅުވިއެވެ،
ކެމްޕެއިންގެ އެންމެ ފުރަތަމަ ދުވަހު މެނިފެސްޓޯ އިއުލާން ކުރެއްވިއިރު ދެއްކެވި ވާހަކަތައް ކަމަށާއި ސަބަބަކީ އެމަނިކުފާނު ވަހަކަ ދައްކަވަނީ ތެދު ބަހުން ހިތުގެ އެންމެ ފުނުން ނަތީޖާ ނެރެދެއްވުމަށްޓަކައި ކަމަށެވެ.
މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް އެމަނިކުފާނުގެ ކުރިމަތީގައި ހަމަހަމަކަމަށާއި އެންމެ ކުޑަރަށެކޭ އެންމެ ބޮޑު ރަށެކޭ ތަރައްގީ އެއްހަމައެއްގައި ލިއްބައިދެއްވާނެ ކަމަށެވެ. ނަމަވެސް ހަމަ އެތަރައްގީ ގެނެސްދެއްވާއިރު ދުރުރާސްތާ އަށް ވިސްނާލާއިރު ހުރިހާ ރަށެއްގެ ރައްޔިތުންނަށް، މާލެސިޓީގެ ރައްޔިތުންނަށް ލިބޭ ގޮތަށް އެންމެ މަތީ ފެންވަރުގެ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ދެވޭނީ ސަރަހައްދުތަކެއް ތަރައްގީ ކުރެވިގެން ކަމަށެވެ.
ދެމެހެއްޓެނިވި ތަރައްގީ ރައްޔިތުންނަށް ދެއްވުމަށް އެކުލަވާލި ޕްލޭން ރައްޔިތުން ބަލައިގެންފައިވާ ކަމަށާއި ހަތް ސަރަހައްދެއްގައި އާބަން ސެންޓަރުތައް ގާއިމު ކުރާއިރު، ނިލަންދޫގައިވެސް އާބަން ސެންޓަރެއް ގާއިމު ކުރެވޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ..
ރައީސް ވިދާޅުވީ، ނިލަންދޫ ރައްޔިތުންނަށް މިހާ ގިނަ ދުވަސްވީއިރު، ބޭނުންވާ ކަންކަން ނުވުމުން މާޔޫސްވާނެކަން ގަބޫލުފުޅު ކުރައްވާ ކަމަށާއި ނަމަވެސް ދެން މިއީ މާޔޫސްކަން ދޫކޮށްލަންވީ ވަގުތު ކަމަށެވެ. “އެދިވަޑައިގެންނެވި ވަރަށް ވުރެ ގިނަ ކަންކަން އަޅުގަނޑުމެންގެ ޕްލޭންގަ އެބަހުރި، އެކަންކަމުގެ އިތުރަށް އެކި ސިނާއަތްތައް މިތަނުގައި [ނިލަންދޫ] ގެންދެވޭ ފެންވަރުގެ ފުރިހަމަ މާސްޓަރ ޕްލޭނެއް އަޅުގަނޑުމެންގެ އޮތީ” ރައީސް ވިދާޅުވިއެވެ.

