މިއަދު ހެނދުން ފެށިގެން މާލެއަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވެ ނަޖިސް ލީކްވުމުގެ ސަބަބުން ގެއްލުންވި މާލޭގެ ފަސް ގެއަކުން މީހުން ބަދަލު ކުރަން ޖެހިފައިވާ ކަމަަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ވިދާޅުވެއްޖެއެވެ.
މިއަދު ހަވީރުން ފެށިގެން މާލެ ސިޓީ ހިމެނޭހެން ބޮޑު ސަރަހައްދަކަށް ދަނީ ވިއްސާރަ ކުރަމުންނެވެ. ވިއްސާރައިގައި އެކި ހިސާބުތަކުގައި ގެތަކަަށް ވަރަށް ބޮޑަށް ފެންވަދެފައި ވެއެވެ
އެންޑީއެމްއޭއިން ވިދާޅުވީ ރެޕިޑް އެސެސްމަންޓްއިން އުޅެން ދަތިވާ ވަރަށް ފާހަގަ ކުރެވުނު ނުވަ ގެއެއްގެ ތެރެއިން ފަސް ގެއެއްގެ 34 ފަރާތެއް ބަދަލުކުރުމަށް ނިންމާ ވަގުތީބޯހިޔާވަހިކަން ހަމަޖައްސަމުންދާ ކަމަަަށެވެ.

އެމްއެންޑީއެފުން މަގުތަކުގައި ފެންހިއްކަނީ….ފޮޓޯ: ޝާމިން/ހުވަދޫ
އެންޑީއެމުން ބުނީ އެ ފަސް ގޭގައި، ދިރިއުޅެން ދަތިވާ ވަރަށް ފެން ބޮޑުވުމުގެ ސަބަބުން ފާހާނާ ކުރުމަށް ބުރޫ އަރާ ނަޖިސް ލީކުވެފައިވާ ކަމަށެވެ.
މާދަމާއަކީ ސްކޫލްތަކުގެ އިމްތިހާން ވެސް ފެށޭ ދުވަހެއް ކަމުން ސްކޫލް ދަރިވަރުންނަށްވެސް ކަންކަން ފަސޭހަވާނެ ގޮތަށް އިންތިޒާމްތައް ހަމަޖައްސަމުންދާ ކަމަށް އެންޑީއެމުން ބުންޏެވެ. އަދި މިހާތަނަށް 73 ތަނެއްގައި 495 ވެލިބަސްތާ ޖަހާފައިވާ ކަމަށްވެސް އެ އިދާރާއިން މައުލޫމާތުދެއެވެ.
"ވަގުތީބޯހިޔާވަހިކަމާއެކު ކެއިންބުއިންވެސް ހަމަޖައްސައިދެވޭނެ، އަދި މާދަމާއަކީ ސްކޫލްތަކުގެ އިމްތިހާން ވެސް ފެށޭ ދުވަހެއް ކަމުން ސްކޫލް ދަރިވަރުންނަށްވެސް ކަންކަން ފަސޭހަވާނެ ގޮތަށް އިންތިޒާމްތައް މިދަނީ ހަމަޖައްސަމުން،"

