ލަސްލަހުން ތަރައްގީ ގެންނާކަށް ބޭނުމެއްނޫން ކަމަށާއި، ފަސް އަހަރު ތެރޭގައި ރައްޔިތުން ހަވާލުކުރި ޒިންމާ ފުރިހަމަޔަށް ނިންމާނެ ކަަމަށް ރައީސުލްޖުމްހުރިއްޔާ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ ފ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ފ. ނިލަނދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ވެރިކަމަށް ވަޑައިގަތީ ރައްޔިތުންނަށް އަދާކުރަން ގަސްތުކުރެއްވި ޒިންމާ ފުރިހަމަޔަށް އަދާކުރުމަށް ގަސްތު ކޮށްގެން ކަމަށެވެ. އެހެންކަމުން އެ ޒިންމާ އަދާކުރައްވާނެ ކަމަށާއި، މި ކަމުގައި ރައްޔިތުންގެ އެއްބާރުލުންވެސް ބޭނުންވާ ކަމަށެވެ.
“މި ފަސް އަހަރުތެރޭގައި ރައްޔިތުން އަޅުގަނޑަށް ހަވާލުކުރި ޒިންމާ ފުރިހަމަޔަށް އަދާކުރާނަން. އެ ޒިންމާ އަދާކުރުމުގެ މަގުފަހި ކޮށެދެވެން އޮތީ ރައްޔިތުންނަށް. އެއީ ވޯޓް ލައިގެން ކުރާ ކަމެއް. އޭރުން މަޖިލީހުގެ އެއްބާރުލުން ލިބޭނީ. މިއީ ރާއްޖޭގެ ގާނޫނު އަސާސީ އޮތް ގޮތުން ނިޒާމު އޮތް ގޮތުގެ ވާހަކަ. ސަރުކާރެއް ހިންގަންޏާ ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން ލިބެންޖެހޭ.” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިއީ ގައުމެއްގެ ތަރައްގީގެ ވާހަކަ ކަމަށާއި، ރައްޔިތުންނަށް ބޭނުންނީ ގައުމުގެ ތަރައްގީ ކަމަށެވެ. ރައްޔިތުންގެ އުއްމީދުތަކުގައި ކުލަ ޖެއްސުމުގައި ދެމިހުންނާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ފާހަަގަކުރެއްވީ ގައުމުގެ ހަމަޖެހުންވެސް ގާއިމް ވެގެންދާނީ ރައްޔިތުންދޭ އެއްބާރުލުމަކަށް ކަމަށާއި، ރައްޔިތުންގެ މަޖިލިސް އިންތިހާބުން ސަރުކާރު ކެންޑިޑޭޓުން ހޯދުމަށް މަސައްކަތް ކުރުމުގައި ދެމި ތިބުމަށެވެ.

