މަނީ ލޯންޑަރިންގ ކުށް ސާބިތުވެ، އެކުށުގެ އުގޫބާތެއްގެ ގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދައުލަތަށް ދައްކަން ޖެހޭ 5 މިލިއަން ޔޫއެސް ޑޮލަރު އެކީ އެއްފަހަރާ ހޯދުމަށް އެޓާނީ ޖެނެރަލް އޮފީހުން ކޯޓުގައި އެދިއްޖެއެވެ.
ބަންޑާރަނައިބުގެ އޮފީހުން ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ މަނީ ލޯންޑަރިންގެ ކުށް ސާބިތުވާ ކަމަށް ރައީސް ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވި ހުކުމުގައި ހިމެނޭ ޖޫރިމަނާ ބައި ތަންފީޒުކޮށްދިނުމުގެ އަމުރަކަށެވެ.
ރައީސް ޔާމީނުގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި ކުރިމިނަލް ކޯޓުން އިއްވި ހުކުމުގައި 5 އަހަރަށް ޖަލަށް ލުމުގެ އިތުރަށް 5 މިލިއަން އެމެރިކާ ޑޮލަރު 6 މަސްދުވަހުގެ ތެރޭގައި ދެއްކުމަށްވަނީ ހުކުމްކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ބަންޑާރަނައިބުގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރައީސް ޔާމީނުގެ މައްޗަށް ދައްކަވަން ހުކުމްކުރި ޖޫރިމަނާ ފައިސާ 30 ދުވަހުގެ ތެރޭގައި މޯލްޑިވް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކުމަށް އަންގައި 26 ޖޫން 2021 ގައި ނޯޓިސް ފޮނުވުމުން އެ ނޯޓިސްއާ އެމަނިކުފާނު ހަވާލުވެވަޑައިގެންފައިވާ ކަމަށާއި ނަމަވެސް އެފައިސާ އެމުއްދަތުގައި ދައްކަވާފައި ނުވާކަމަށެވެ.
ބަންޑާރަނައިބުގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެމަނިކުފާނު އެ ފައިސާ އަދިވެސް ދައްކަވާފައިނުވާތީ އެކަމުގައި ޓެކުސް ނެގުމާ ބެހޭ އިދާރީ ޤާނޫނުގެ ދަށުން ޙުކުމް ތަންފީޒުކޮށްދިނުމުގެ މައްސަލައެއް ސިވިލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. މައްސަލަ ހުށަހެޅީ އޯގަސްޓު މަހުގެ 24 ވަނަ ދުވަހުގައި ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
އެ ޤާނޫނުގައި ބުނެފަިއވަނީ އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ޓެކުސް ފިޔަވައި ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ލިބެންޖެހި ނުލިބި ހުރި ފައިސާ ހޯދުމަށް ޝަރީޢަތް މެދުވެރިކޮށް މަސައްކަތްކުރުމުގެ އިޚުތިޔާރު ބަންޑާރަނައިބަށް ލިބިގެންވާ ކަމަށެވެ.

