ފުރަތަމަ ފަހަރަށް ޣައްޒާއަށް އަމާންކަން ލިބިއްޖެ ކަމުގެ އިހުސާސް ކުރެވި، ހަނގުރާމަ މަތީ އެއްވެސް ބޯޓެއްގެ ހިލަމެއް ނުވާކަމަށް ޜިޕޯޓުތައް ބުނަންފަށައިފިއެވެ.
އީރާނުން އިސްރާއީލަށް މިސައިލާއި ޑްރޯން ހަމަލާ ދޭން ފެށިފަހުން ޣާއްޒާގެ މަތީގައި އުދުހުނު ހުރިހާ ބޯޓުތަކެއް އަނބުރާ ގޮސްފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.
އީރާނުން އިސްރާއީލާ ދިމާލަށް އެތައް ޑްރޯންތަކެއް ފޮނުވާލުމުން އިޒްރޭލުގެ އޮފިޝަލުން ދަނީ ރައްޔިތުން ބިރުނުގަނެ ސަމާލުވުމަށް އަންގަމުން ކަމަށް ދުނިޔޭގެ މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.
އިޒްރޭލުގެ ސްކޫލްތަކާއި ޔުނިވާސިޓީތަކާއި ކޭމްޕްތައް ބަންދުކޮށްފައިވާއިރު، 1000 އަށް ވުރެ ގިނަ މީހުން އެއްވެ އުޅުން ވަނީ މަނާކޮށްފަ އެވެ.
އިޒްރޭލުގެ ދިފާއީ ބާރުތަކުން މީގެ ކުރިން ހޮނިހިރު ދުވަހު ބުނެފައި ވަނީ އީރާނުގެ ހަމަލާއެއް ދީފާނެ ކަމުގެ ބިރު އޮތުމުން އިޒްރޭލުގައި ހިންގާ ތައުލީމީ ހަރަކާތްތައް މެދުކަނޑާލާނެ ކަމަށާއި އެއްވުންތައް މަދުވާނެ ކަމަށެވެ.
އީރާނުން ފުރަތަމަ އިސްރާއީލަށް ފޮނުވާފައިވަނީ ޑްރޯން ހަމަލާތަކެވެ. އެހެން ނަމަވެސް އޭގެ ފަހުން 50 މިސައިލް ހަމަލާވެސް ފޮނުވާފައިވާ ކަމަށް އީރާނުގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ.
އީރާނުގެ އަސްކަރިއްޔާގެ ގޮފިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އިޒްރޭލުގެ ވަކި ތަންތަނަށް އެތައް ޑްރޯންއަކާއި މިސައިލަކުން ހަމަލާދީފައިވާ ކަމަށެވެ.
އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްއިން ބުނީ މި ހަމަލާ ދީފައިވަނީ ދިމިޝްގުގައި ހުންނަ އީރާނުގެ އެމްބަސީގެ ކޮންސިއުލާ ސެކްޝަނަށް ދިން ހަމަލާގެ އިތުރުން ނުބައި ޒަޔަނިސްޓް ސަރުކާރުގެ ގިނަ ޖަރީމާތަކަކާ ގުޅިގެން ކަމަށެވެ.
ފޮނުވާލި މިސައިލްތަކުގެ ސީދާ ތަފްސީލެއް އަދި މިހާތަނަށް އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްއިން ކަށަވަރުކޮށްދީފައި ނުވި ނަމަވެސް އޭގެ ތެރޭގައި ކްރޫސް މިސައިލްއާއި ބެލިސްޓިކް މިސައިލްތައް ހިމެނޭކަމަށް ރިޕޯޓުތައް ބުނެއެވެ.

