ކޮންމެ މީހަކީވެސް ދިރިއުޅުމައްޓަކާއި ވަރަށް ބޮޑު ހުވަފެންތަކެއް ދެކޭނެ މީހެކެވެ. އުއްމީދުތަކާއި ޔަގީން ކަމެއް އޮވެގެން ދިރިއުޅުން ކުރިއަށްދާނެ ގޮތް ހިޔާރުވެސް ކުރާނެވެސް މީހެކެވެ. ނަމަވެސް ބައެއްފަހަރު ދިރިއުޅުމަށް އަންނަ ބަދަލެއްގެ ސަބަބުން އެހާލަތު ބަދަލުވެދެއެވެ. ވޭނާއި ރިހުމާއި އަނިޔާއާއި ކުރިމަތިލާން ޖެހެއެވެ.
އެކްސިޑެންޓްތައް ގިނަ މި ރާއްޖޭގައި އެތައްޒުވާނުން ތިބީ ނުކުޅެދޭ ހާލަތާއި ކުރިމަތިލާން ޖެހިފައެވެ. އެއްފައި ނެތް އެއްއަތް ނެތް ޒުވާނުން ގިނައެވެ. ޕެރަލައިޒްވެ ގޮނޑީގައި އިންނަން ޖެހިފައިވާ ޒުވާނުންވެސް އެހާމެ ގިނައެވެ. އާއިލީ އުފާތަކުން މަހުރޫމްވެ މުޅި ދުނިޔެއިން ވޭން ތަހައްމަލުކުރަން ޖެހިފައިވާ ފަރާތްތައްވެސް ތިބި އިރު، މި އާޓީކަލްގައި ދައްކަން މި އުޅެނީ އެފަދަ ޒުވާނެއްގެ ވާހަކައެވެ.
މިހިނގާ އޭޕްރީލް މަހުގެ 2 ވަނަ ދުވަހު ޏ. ފުވައްމުލަކު ހިނގި އެކްސިޑެންޓަކާއި އެކު އާންމުންގެ އެހީއަށް އެދެން ޖެހިފައިވާ ޒުޥާނެއްގެ ވާހަކައެވެ. އަބްދުﷲ އަހުމަދު 32 ގޮންގޯލި، މިވަގުތު އޮތީ އައިޖީއެމްއެޗްގައި އަވަސްފަރުވާ ބައިގައެވެ. ހިނގައިދިޔަ ނުރައްކާތެރި އެކްސިޑެންޓަކާއިއެކު، ބޮލަށް ލިބުނު އަނިޔާގައި އޭނާ އަށް އައިޖީއެމްއެޗް ހޮސްޕިޓަލުން ވަނީ ބްރެއިން ސާޖަރީއެއް ހަދާފައެވެ. އަދި އަތުގެވެސް ސާޖަރީއެއް ހަދާފައެވެ. އޭނާގެ އާއިލާއިން މައުލޫމާތުދޭ ގޮތުގައި އަބްދުﷲ ކޯ ކަށިގަނޑުވެސް ވަނީ ބިންދައިގެން ގޮސްފައެވެ.

ޏ. ފުވައްމުލައް އަބްދުﷲ އަހުމަދު ގޮންގޯލި/ އެކްސިޑެންޓްވެ ބޮލަށް ލިބުނު އަނިޔާ އަށް ފަރުވާ ހޯދަނީ
އަދިވެސް ވަރަށްގިނަ ސާޖަރީތަކެއްވެސް އޭނާ އަށް ވަނީ ހަދަންޖެހިފައެވެ. އެހެންކަމުން އައިޖީއެމްއެޗްއިން އަބްދުﷲ ގެ އާއިލާއަށް މައުލޫމާތުދީފައިވަނީ އޭނާގެ ފަރުވާ އަވަސްކުރަން ޖެހޭ ކަމަށެވެ. އަދި ރާއްޖެއިން ބޭރަށްދާން ޖެހޭ ކަމަށް އައިޖީއެމްއެޗްއިން ލަފާ ދެއްވާފައިވާތީ ފުރަން ތައްޔާރުވަމުން އަންނަ ކަމަށެވެ.
ނަމަވެސް އާއިލާގެ މާލީ ހާލަތު ހުރިގޮތުން އަދިވަނީ ފުރޭ ގޮތް ނުވެފައެވެ. މިހާރު އާސަންދަ ވެސް ލިބިފައިވާ ކަމަށާއި، ނަމަވެސް ރާއްޖޭން ބޭރަށް ގޮސް ތިބުމާއި ހުރުމުގައި ބޮޑެތި ހަރަދުތައް ކުރަން ޖެހިފައިވާތީ އާއިލާގެ ފުދުންތެރިކަން ހުރިވަރުން ކުޅަދާނަ ކަމަކަށް އެކަން އަދި ނުވާކަމަށް އާއިލާއިން ބުނެއެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ 2 އޭޕްރީލްވީ ދުވަހުގެ ރޭ 11:43 އެވެ. ފުލުހުން އޭރު ބުނީ މި އެކްސިޑެންޓްގައި އަނިޔާވި މީހާގެ ހާލު ވަރަށް ދެރަ ކަމަށެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ސައިކަލެއް ކޮންޓްރޯލްނުވެ ޒިބްރާކްރޮސް ދަޑީގައި ޖެހިގެން ކަމަށްވެސް ފުލުހުން ބުނެއެވެ. މި އެކްސިޑެންޓްގައި އަނިޔާވި މީހާ އަށް ފުރަތަމަ ފަރުވާދިނީ ފުވައްމަލަކު ހޮސްޕިޓަލުގައެވެ. ނަމަވެސް އިތުރުފަރުވާ އަށް އެދުވަހު ވަގުތުން ވަގުތަށް ވަނީ މާލެ ގެނެވިފައެވެ.
މި ކަމުގައި އާންމުންގެ އެހީތެރިކަން ބޭނުންވާ ކަމަށާއި، އެހީވެވޭނެ ތަނަވަސްކަން ނެތް ފަރާތްތަކުން މި އާޓިކަލް ޝެއާ ކޮށްލަދިނުމަށްވެސް އާއިލާއިން އެދެއެވެ.
ރުފިޔާ އެކައުންޓް: 7711505337101 އައިޝަތު އަހުމްދު
ޔޫއެސްޑީ: 7730000414898 އައިޝަތު އަހުމަދު
ގުޅޭނެ ނަމްބަރު: 7837668
ނޯޓު: "ހުވަދޫ މީޑީއާ" އެހީގެ ދަށުން ލިޔެފައިވާ އާޓިކަލްތަކުގައި ވާ ފަރާތްތަކަށް އެހީވުމުގެ ކަންކަން އެ ފަރަތާއި ގުޅައިގެން ކުރިއަށް ގެންދިއުން އެދެމެވެ.

