ފަސް އަހަރުގެ ދައުރެއް އެމްޑީޕީއަށްދީ، 19 ވަނަ މަޖލީހުގެ ސުޕަމެޖޯރިޓީ ވެސް އެމްޑީޕީއަށް ދިނީމަ، ކަމެއްނުކުރެވުނު ބަޔަކަށް ދެންވެސް މަޖިލީސް މެޖޯރިޓީ ދިނުމަކީ ގޯހެއްކަމަށް ޕީޕީއެމް/ޕީއެންސީގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ހީނާ މިހެން ވިދާޅުވީ މިހާރު ޕީޕީއެމް/ ޕީއެންސީން ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި އިދިކޮޅުން މަޖިލިސް އިންތިހާބާއި، ގުޅުވައިގެން ކުރިއަށްގެންދާ ކެމްޕޭނުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ހީނާ ވިދާޅުވީ ސަރުކާރު ނިމިދިޔައީ ރައްޔިތުންނަށްވީ ވައުދުތައްވެސް ނުފުއްދެވި ކަމަށާއި، އެހެންކަމުން ދެންވެސް ފުރުސަތު ދެއްވިގެން ނުވާނެ ކަމަށެވެ.
“ދެން ހޮވުނަސް ކޮންކަމެއްތޯ ކުރައްވާނީ. އިދިކޮޅާއި ސުވާލު ކޮށްލަވަން ފެނޭ ކޮން ކަމެއްތޯއޭ ކުރެއްވޭނީ. 5 އަހަރު ދުވަހު މަސައްކަތެއް ނުކުރެވުނު ބަޔަކަށް އެއްވެސް ކަމެއް ކުރެވޭނެ ކަމަކަށް ނުބެލެވޭ.” ހީނާ
ހީނާ ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި އެޕާޓީއަށް ކުރެވުނު ހަމައެކަނި ކަމަކީ އިދިކޮޅު ލީޑަރު ޖަލުގައި ބޭއްވުން ކަމަށެވެ. ނަމަވެސް އެއާހިލާފަށް ޕީޕީއެމް/ ޕީއެންސީ ކަންތައްކުރައްވަނީ އެގޮތަށްނޫން ކަމަށެވެ. މިނިވަންކަމާއި އެކި ކޮންމެ ޕާޓީއަކަށްވެސް ކެމްޕޭނު ކުރެއްވޭނެ ފުރުސަތު ސަރުކާރު ޕާޓީން ވަނީ ދީފައި ކަމަށެވެ.
2019 ވަނަ އަހަރު އިދިކޮޅު ލިޑަރު ފައިގައި ކަސްތޮޅު އަޅުއްވައިގެން މެޖޯރިޓީ މަޖިލީހުން ނެންގެވި ގޮތަަށް މި ސަރުކާރުން އެކަން ނުކުރާނެ ކަމަށްވެސް ހީނާ ވަނީ ފާހަގަ ކުރައްވާފައެވެ.

