ނ. ކެނދިކުޅުދޫ އަދި އއ. ތޮއްޑޫގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތައް ފެށުމަށް، ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ތައްުޔާރުވެއްޖެއެވެ.
އެގޮތުން ކުރިއަށް ދާ ތައްޔާރީތަކުގެ ތެރޭގައި، ނ. ކެނދިކުޅުދޫގެ މަގުތައް ހެދުމުގެ މަޝްރޫއުގެ މަސައްކަތްތަކަށް ބޭނުންވާ ސާމާނާއި ވެހިކަލުގެ އިތުރުން ސައިޓް ހެދުމަށް ބޭނުންވާ މެޓީރިއަލް އިއްޔެގެ ވަގުތެއްގައި ވަނީ އެރަށަށް ފޮނުވާފައެވެ. އަދިހަމަމިއާއެކު، އއ. ތޮއްޑޫ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫޢުގެ މަސައްކަތްތަކަށް ބޭނުންވާ ސާމާނުގެ އިތުރުން ވެހިކަލުތަކާއި ސައިޓް ހެދުމަށް ބޭނުންވާ މެޓީރިއަލް ލޯޑް ކުރުމާއި އެރަށަށް ފޮނުވުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެއެވެ.
ޒައިން އެންޑް ބިލްޑް އުސޫލުން ނ. ކެނދިކުޅުދޫ މަގު ހެދުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކުރީ 1 ޖޫން 2023ގަ އެވެ. މިއީ 90.9 މިލިއަން ރުފިޔާއަށް 540 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ހަވާލުކުރި މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން ކެނދިކުޅުދޫގެ 3.7 ކިލޯމީޓަރުގެ މަގުގައި ތާރު އަޅައި، މަގުތަކުގައި ފެން ހިންދާ ނިޒާމު ގާއިމުކޮށް މަގުތަކުގައި މަގު ބައްތި ޖަހާނެ އެވެ.
އާރްޑީސީއިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޒަމާނީ ފެންވަރަށް މަގުތައް ހެދުމުގެ މަޝްރޫއުތައް ހިންގަމުންނެވެ. މި ދެރަށުގެ މަގުހެދުމަކީވެސް އެގޮތުން ކުރަމުން އަންނަ މަސައަކަތުގެ ތެރެއިން ހިންގާ މަޝްރޫޢުތަކެކެވެ.

