ތިނަދޫ ސިޓީ ގެ ކުޅަދާނަ ފަންނަނުން ކަމުގައިވާ އަދި ޓިކްޓޮކް ގެ ޕްލެޓްފޯމް ގައި މަޝްހޫރު ތަރި ނައުފަލް ނަސީމް އިސްވެ ހިންގާ ސްޓޫޑިއޯ 33 އިން އީދާ ދިމާކޮށް ތައްޔާރު ކުރާ ކުރު ޑުރާމާގެ ސިލްސިލާ އަށް މިފަހަރު އިތުރު ކުރި "ޙަސަންހުތާ ގޮޅެޔާ" ރިލީޒް ކުރިތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި މިވަނީ އާންމުގެ ވަރަށް ބޮޑު ސަމާލު ކަމެއް ހޯދާފައެވެ. އެގޮތުން ސްޓޫޑިއޯ 33 ގެ ފޭސްބުކް ޕޭޖްގައި އަޕްލޯޑް ކުރިތާ އެއްދުވަސް ތެރޭގައި ސަތޭކައަކުން ވުރެ ގިނަ ބަޔަކު ވަނީ އެ ވީޑިއޯ ޝެއަރ ކޮއްފައެވެ. އެތައް ހާސް ބަޔަކު ބާލާފައެވެ.
ނައުފަލްގެ އިތުރުން އޭނާގެ ކޮއްކޮ.(ކޮއްޔާ) އަދި ބޭބެ (ފޮޑަހާހާޑާ ފަޒީލް) ފެނިގެންދާ މި ކުރު ޑްރާމާގައި ފެނިގެން ދަނީ ފަޒީލް އޭނާގެ ރައްޓެހި ޙަސަން ފުތުގެ އަތުން ގެނައި ރާބަނދި، މީހަކު ވަގަށް ނަގައިގެން ގޮސްގެން އެކަމާ ކަންބޮޑުވެގެން އުޅޭ ތަނެވެ. ސްޓޫޑިއޯ 33 ގެ ކުރިން ގެނެސްދޭ ޑްރާމާތައް ފަދައިން މީހުން ހެއްވާ ގޮތަކަށް ގެނެސް ދީފައިވާ ވެސް ވަނީ ތިނަދޫ ބަހުރުވަ ބޭނުން ކޮށްފައެވެ. ތިނަދޫ ބަހުން ރާބަނޖަށް ކިޔަނީ ރާގޮޅެޔާ ނުވަތަ(ގޮޅެޔާ) އެވެ. މި ޑުރާމާ ގެ ކެމެރާ އަދި އެޑިޓިންގ މަސައްކަތް ކޮއްފައި ވަނީ މާޖިދުއެވެ.

މީގެ ކުރިން ޑުރާމާ "އާމިންދިޔެ އައްޕަނާ" އަކީ ވަރަށް ބޮޑަށް ޢީދާ ގުޅުވައިގެން ހަދާފައިވާ ޑުރާމާ އެކެވެ. އޭގައި ދައްކައި ދީފައިވަނީ ޢީދަށް އެޅި ބޯކިބަލެއް ވަގަށް ނަގައިގެން އުޅޭ ތަނެވެ. ތިނަދޫ ނުވަތަ ހުވަދޫ ބަހުރުވައިން ޢީދަށް އަންހެންވެރިން އަޅާ ޚާއްޞަ ބޯކިބަލައް ކިޔަނީ "އައްޕަން" އެވެ. އެ ޑުރާމާ ވެސް ކުޅެފައިވަނީ ރަށު ބަހުންނެވެ.

