ދިވެހި ތަރިކައިގެ ކޮލެޖް އަދި ގައުމީ ޗާޕުޚާނާ ދާދި އަވަހަށް އުފެއްދިގެން ދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިފާޅުވީ ދިވެހި ބަހުގެ ދުވަހުގެ މުނާސަބަތުގައި ފޮނުވި ހިތާބުގައެވެ.
އެ ހިތާބުގައި ދިވެހިބަހުގެ މުނާސަބަތުގައި ރާއްޖޭގެ ފަޚްރުވެރި ދިވެހި ބަހުގެ ދުވަހުގެ ހެޔޮ އެދުންތައް ދިވެހި ބަހުގެ އެދުރުންނަށާއި ދިވެހި ބަހުގެ ޚިދުމަތްތެރީންނަށާއި، މުޅި ދިވެހި ރައްޔިތުންނަށް ނުހަނު އުފަލާއެކު އަރިސްކުރައްވައި ރައީސް ވިދާޅުވީ ދިވެހި ތަރިކައިގެ ކޮލެޖް އުފެއްދުމާއެކު ޤައުމީ ތަރިކަތަކާއި ބަހާތަކާ މެދު ޢިލްމީ ގޮތެއްގައި ފިކުރުކުރާނެ ރަސްމީ ވިޔުގައެއް އުފަންވާނެކަމަށެވެ. އަދި ހަމައެއާއެކު ދިވެހި ޤައުމީ ޗާޕުޚާނާއެއް އުފެދުމުން ދިވެހިބަހުގެ އުފެއްދުންތައް ގިނަވެގެން ދާނެ ކަމަށެވެ.
ދިވެހި ބަހަކީ ދިވެހީންގެ އެއްބައެއްވަންތަކަން ހާމަކޮށްދޭ އެންމެ ފާޅުކަން ބޮޑު ފާހަގައެވެ. ދިވެހި ބަހަކީ ދިވެހީންގެ އެއްޤައުމުވަންތަކަން ސާބިތުކޮށްދޭ އެންމެ ސާފުކަން ބޮޑު ޢިލްމީ ޙަޤީޤަތެކެވެ. 4000 އަހަރުވީ ދިވެހީންގެ ޤައުމު އެއްބައިވަންތަކަމާއެކު މި ދިވެހި ފަސްގަނޑު ރައްކާތެރިކޮށްގެން އުފެއްދުންތެރި މަސައްކަތްތެރި އަދި ގުޅުންތެރި ބައެއްގެ ގޮތުގައި ދެމި ތިބުމުގައި ދިވެހި ބަހުގެ ދައުރު ކިތަންމެހައި ވެސް ފުޅަލެވެ. ދިވެހި ބަހުގެ އަސަރު ނިހާޔަތަށް ވަރުގަދައެވެ. އެހެންކަމުން ދިވެހި ބަހުގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށް، އެ ދުވަހުގެ ހައިބަތު ދިވެހި ދަރީންގެ ހިތްތަކުގައި މަތިވެރިކުރުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ކޮންމެހެން ވެސް ކުރަން ޖެހޭނެ ކަމެކެވެ.
ދިވެހިބަހުގެ ދުވަސް ނިސްބަތްކުރެވެނީ ފަޟީލަތުއްޝައިޚް އަލްމަރްޙޫމު ޙުސައިން ޞަލާޙުއްދީނަށް ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެމަނިކުފާނަކީ ދިވެހިރާއްޖެ ދުށް އެންމެ އުފެއްދުންތެރި އަދީބު ކަމަށާއި އަދި ދިވެހި އަދަބުގެ ފަތިހުގެ ތަރިކަމަށެވެ.
"އެމަނިކުފާނަކީ ކުޅަދާނަ މުތަރުޖިމެއް ތަޤުރީރު ކުރުން ތެރިއެއް. ލިޔުންތެރިއެއް. ޢަދުލުވެރި ފަނޑިޔާރެއް، ޙިކްމަތްތެރި ފިޤުހު ޢިލްމުވެރިއެއް، ހިސާބު ޢިލްމާއި ތާރީޚާއި ބަހާއި ޅެންވެރިކަމުގައި ވެސް އަރައިހުންނެވި ޢިލްމުވެރިއެއް، ޢިލްމު ފެތުރުއްވުމުގައި ދީލަތި ކުޅަދާނަ އުސްތާޛެއް. އޯގާވަންތަ ﷲ މަރުޙޫގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ޖަޒާ މިންވަރު ކުރައްވާށި!" ރައީސް ގެ ހިތާބުގައި ވިދާޅުވެފައިވެއެވެ.
ދިވެހި ބަހުގެ ދުވަސް ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީނަށް ނިސްބަތްކުރެވޭ އިރު، ފާހަގަކޮށްލަން ޖެހޭ ކަންތައްތަކެއް އެމަނިކުފާނުގެ ޙަޔާތްޕުޅުން ފެންނާން އެބަ ހުރިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެމަނިކުފާނު ކިޔަވައިވިދާޅުވީ ދިވެހިރާއްޖެއިން ކަމަށާއި ބޭރުގެ އެއްވެސް ޔުނިވަރސިޓީއަކަށް ކޮލެޖަކަށް ވަޑައިގެން ދުވަސްތައް ހޭދަކުރައްވައިފައެއްނުވާ ކަމަށެވެ. އެހެންނަމަވެސް އެމަނިކުފާނުގެ ޢިލްމުވެރިކަން ފުންކަމަށާއި ތަނަވަސްކަމަށެވެ
"އަޅުގަނޑުމެން ކޮންމެ ރޯދަ މަހަކު މި އަޑު އަހާ ކީރިތި ރަސޫލާގެ ސިޔަރަތަކީ އެމަނިކުފާނުގެ ޢިލްމީ ހަދިޔާތަކުގެ ތެރެއިން އެންމެ އަގު ހުރި އެއް ހަދިޔާ، އެންމެ ގިނަ ބަޔަކަށް އޭގެ ޢިލްމު ފޯރާ ޢިލްމީ އުފެއްދުން." ރައީސް ޑރ މުއިއްޒު ވަނީ އެ ތަރުޖަމާގެ މޮޅުކަމާއި އޮމާންކަމާއި ފަސޭހަކަމަށް އަދުގެ ޢިލްމުވެރީން ވެސް ހެކިވެވަޑައިގަންނަވާކަން ހާމަކުރަައްވައި ފަޟީލަތުއްޝައިޚަކީ އަމިއްލަފުޅު މަސައްކަތްޕުޅުން އަމިއްލަ ވަޒަނުގައި ހުންނަވައިގެން ޢިލްމުވެރިކަން ހޯއްދެވި ބޭފުޅެއްކަން ފާހަގަ ކުރައްވާފައެވެ.
ރައީސް ވިދާޅުވީ މިކަމުން ލިބޭ ފިލާވަޅުތަކެއް އެބަ ހުރިކަމަށާއި ދިވެހި ބަހުން ކިޔަވައިގެން ޢިލްމުވެރިވެވިދާނެކަމެވެ. ހަމަ އެހެންމެ އެހެން ބަސްބަހުގެ ޢިލްމުތައް ދިވެހި ވެށްޓަށް ގެނެވިދާނެ ކަމަށާއި ތިމާގެ އަމިއްލަ މާދަރީ ބަހަށްް މޮޅުވުމުން އެހެން ބަސްބަހާއި ޢިލްމުތަކަށް މޮޅުވެވޭނޭ ކަން ކަށަވަރުވާކަމަށެވެ.
"އަޅުގަނޑު ބޭނުންވަނީ ދިވެހި ބަހުން ވިސްނާ ޖީލުތަކެއް ބިނާކުރަން. އަޅުގަނޑު އެދެނީ ދިވެހިބަހުން ދޫ ހިނގާ، ގަލަން ހިނގާ ޒުވާނުންތަކެއް އުފެދުން."
އެހެން ބަސްބަހާއި ޢިލްމުތަކަށް މޮޅުވުމާއެކު ދިވެހި ބަހަށް ލޯބިކުރުމާއި ދިވެހި ބަހަށް ފަރިތަކަން ލިބިގަތުމަށް ރައީސް ަވަނީ އިލްތިމާސް ކުރައްވާފައެވެ. ދިވެއްސަކަށް ވީތީ ފަޚްރުވެރިވާ ދިވެހީންގެ ރާއްޖެއަކަށް އަލުން މި ޤައުމު އަލިވިލޭން ޖާގަ ދެއްވުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.
"ދިވެހި ބަހުގެ ދުވަހަކީ ޤައުމުގެ ހުރިހައި ދާއިރާއަކުން ދިވެހި ބަހާމެދު ފިކުރު ހިންގާންވި ދުވަސް، ދިވެހި ބަހަށް އިސްކަން ދިނުމުގެ ޤާނޫނަށް ތަބާވުން. ދިވެހި ބަސް ހެޔޮ ގޮތުގައި ބޭނުންކުރުމަށް ޢަޒުމު ކަނޑައެޅުން." ރައީސް ވިދާޅުވިއެވެ.
އޮފީސްތަކާއި ޚަބަރު ފަތުރާ ވަސީލަތްތަކާއި، ތަޢުލީމާއި، މުޢާމަލާތުގެ ހުރިހައި ދާއިރާއަކުން ވެސް ދިވެހި ބަހަށް އިސްކަން ދިނުމަށް ރައީސް ގޮވާލެއްވިއެވެ
"ދިވެހި ޤައުމިއްޔަތު މާއްދާގެ ފިލާވަޅުތަކުން ކިޔަވާ ކުދީންނަށް ހެޔޮ އަސަރުތަކެއް ފޯރާނެ، އަޅުގަނޑުމެންގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ ތެރޭގައި ޤާއިމު ކުރެވުނު ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުގެ ކިޔެވުން ފެށުމުން، ޒުވާނުންނާއި އާންމު އެންމެހާ ފަރާތްތަކަށް މި ފުރުޞަތުތައް ފަހިވެގެންދާނެ. ދިވެހި ތަރައިގެ ކޮލެޖު ނުވަތަ ދިވެހި ޤައުމިއްޔަތުގެ އިސްވަރު ދާދި އަވަހަށް އުފެއްދޭނެ." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކޮލެޖު ނުވަތަ އިސްވަރު އުފެދުމާއެކު މުޅި ރާއްޖެ ބައިވެރިވާ ޤައުމީ ތަރިކަތަކާއި ބަހާތަކާ މެދު ޢިލްމީ ގޮތެއްގައި ފިކުރުކުރާނެ ރަސްމީ ވިޔުގައެއް އުފަންވާނެކަމަށެވެ. ހަމަ އެއާއެކު ދިވެހި ޤައުމީ ޗާޕުޚާނާއެއް އުފައްދާ ކަމުގެ އުފާވެރި ހަބަރު ދެއްވަމުން ރައީސް ވިދާޅުވީ ޗާޕުޚާނާ އުފަންވުމާއެކު ދިވެހިބަހުން ލިޔެވިފައިވާ ޒަމާނީ ފޮތްތަކާއި އެ ނޫންވެސް ޒަމާނީ ޑިޖިޓަލް އުފެއްދުންތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދިވެހި ބަހުން އާންމުވެގެންދާނެކަަށެވެ. އަދި މި ކަންކަމާއެކު ރާއްޖޭގެ ރަށްރަށުގައި ކުތުބުޚާނާތަކާއި ސަގާފީ މަރުކަޒުތައް ޤާއިމުކުރެވޭނެ ކަމަށްވެސް ރައީސް ވަނީ ފާހަގަކުރައްވައިފައެވެ.
ދިވެހި ބަހާއި ދިވެހި ޤައުމިއްޔަތާ މެދު އެމަނިކުފާނުގެ ތަޞައްވުރުގައި މި ފަދަ އެތައް މަޝްރޫޢުތަކެއް ރޭވިފައިވާ ކަމަށާއި އެކަންކަމާ ގުޅޭ މަސައްކަތްތައް ހިނގަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކަނޑައެޅިފައިވާ ތާރީޚުތަކަށް މި ކަންކަން ނިމެމުން ރައްޔިތުންނަށް މި ކަންކަމުގެ ލާބައާއި މަންފާ ލިބެމުންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

