ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް މުލަކަތޮޅު މުލައް، މުސްތަރީގެ، ޙަސަން ޒަކަރިއްޔާ، ޢައްޔަން ކުރައްވައިފިއެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 167 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތީން އުފައްދައިފައިވާ އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް، ޙަސަން ޒަކަރިއްޔާ، ޢައްޔަނު ކުރެއްވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 168 ވަނަ މާއްދާގެ (ށ) އާއި، ޤާނޫން ނަންބަރު 8/2008 (އިލެކްޝަންސް ކޮމިޝަންގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތީންނެވެ.
މެންބަރުކަމަށް ޢައްޔަން ކުރެއްވިކަމުގެ ލިޔުން، ޙަސަން ޒަކަރިއްޔާއާ ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރެއްވީ، އެކަމަށްޓަކައި މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ލިޔުން ހަވާލު ކުރެއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިންގެ ކުރިފުޅުމަތީގައި، ޙަސަން ޒަކަރިއްޔާ، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވައި ކުރައްވައި، ހުވައިގެ އިޤުރާރުގައި ސޮއި ކުރެއްވިއެވެ.
އީސީގެ ނައިބު ރައީސްގެ މަގާމުގައި ކުރިން ހުންނެވި އިސްމާއިލް ހަބީބުގެ ދައުރު ހަމަވާތީ ހުސްވާ މަގާމަށް އައްޔަނު ކުރަން ޒަކަރިއްޔާގެ ނަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފައިވަނީ މިދިޔަ މަހުގެ 10 ވަނަ ދުވަހުއެވެ.
އީސީގެ އެސްޖީގެ މަގާމަށް ހަސަން ވަޑައިގެންނެވީ 2021 ގައެވެ.
އީސީ ގައި މިހާރު ތިއްބަވަނީ ކޮމިޝަންގެ ރައީސް، ފުވާދު ތައުފީގް، ނައިބު ރައީސް އަލީ ނަޝާތު، ކޮމިޝަންގެ މެމްބަރ ޑރ. މުޙައްމަދު ޒާހިރު އާއި މުހައްމަދު އާސިފްއެވެ.

