ހުޅުމާލޭގައި 2 މިސްކިތެއް ބިނާކުރުމަށް ބޭނުންވާ ބިން އެޗްޑީސީން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އާ ހަވާލުކޮށްފި އެވެ. އެއީ ހުޅުމާލޭ 2 ވަނަ ފިޔަވަހީގައި ބިނާކުރާ މިސްކަތަކާއި، ހުޅުމާލޭ 3 ވަނަ ފިޔަވަހީގައި ބިނާ ކުރާ މިސްކިތެކެވެ.
މިސްކިތް ބިނާކުރުމަށް ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި މި ކޯޕަރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދެވެ. އަދި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެވެ.
މިސްކިތް ބިނާކުރުމަށް ހުޅުމާލޭ 2 ވަނަ ފިޔަވަހިން ދޫކޮށްފައިވަނީ 27،920 އަކަފޫޓުގެ ބިމެކެވެ. އަދި ހުޅުމާލޭ 3 ވަނަ ފިޔަވަހިން ދޫކޮށްފައި ވަނީ 21،952 އަކަފޫޓޫގެ ބިމެއް ކަމަށް ވެސް އެ އެޗްޑީސީން ބުނެއެވެ.
ހުޅުމާލޭގައި ދިރިއުޅޭ އާބާދީއަށް ބޭނުންވާ ހިދުމަތްތަކާއި ވަސީލަތްތައް ފުރިހަމަކޮށްދިނުމަށް މި ކޯޕަރޭޝަނުން އަބަދުވެސް އަންނަނީ މަސައްކަތް ކުރަމުން ކަމަށްވެސް އެޗްޑީސީން ވަނީ ބުނެފައެވެ.

