މ. އަތޮޅާ މާލެ އާއި ދެމެދު ސްޕީޑް ފެރީގެ ހިދުމަތް ދިނުމަށާއި ނ. ރ. އަދި ބ. އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ފެށުމަށް ޓްރާންސްޕޯޓް މިނިސްޓްރީ އާއި އެމްޓީސީސީއާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
މީރުމާ އިވެންޓް ހޯލުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މުހައްމަދު އަމީން އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަބްދުﷲ ޒިޔާދެވެ.
އެމްޓީސީސީން ބުނީ، މ. އަތޮޅާއި މާލެއާ ދެމެދު ސްޕީޑް ފެރީގެ ހިދުަމތް ފެށުމުން އެ އަތޮޅުގެ ރައްޔިތުންނަށް އިގުތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގިނަގުނަ ފައިދާތަކެއް ލިބި، ރައްޔިތުން ރަށު ބަންދުން ވީއްލި، ދަތުރުފަތުރުގެ އިންގިލާބީ އާ ބާބެއް ފެށޭނެ ކަމަށެވެ.
އާރްޓީއެލް ފެރީގެ ހިދުމަތް ނ. ރ. ބ އަތޮޅުގައި ފުޅާ ކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓްރީ މަރިޔަމް ޝަހާނާއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެެއްވީ ސީއީއޯ އަބްދުﷲ ޒިޔާދެވެ.
އެމްޓީސީސީން ބުނީ، އާރުޓީއެލް ހިދުމަތް ފުޅާކުރުމުގެ ގޮތުން އިތުރު ސަރަހައްދުތަކުގައި ހިދުމަތް ފެށުމަށް ބޭނުންވާ އުޅަނދުތައް ބަނުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ތައްޔާރީތައް ދައުލަތުގެ މިނިސްޓްރީތަކާ ގުޅިގެން ކުރަމުން އަންނަ ކަމަށްވެސް ބުންޏެވެ.

