ރ. އަލިފުށީ މަގު ހެދުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.
މިއަދު ހަވީރު އަލިފުށީގައި ބޭއްވުނު ރަސްމިއްޔާތެއްގައި މި މަޝްރޫޢު ފައްޓަވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރުއެވެ.
އެ ރަސްމިއްޔާތުގައި އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރޓ) އަލީ ޒުހައިރު އާއި ކުންފުނީގެ އިސް ބޭފުޅުންގެ އިތުރުން ކައުންސިލް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގައި ސޮއި ކުރެވުނީ 2023 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 16 ވަނަ ދުވަހުއެވެ.
އެ މަޝްރޫޢުގެ ޖުމްލަ އަގަކީ 90,956,112.97 ދިވެހި ރުފިޔާއެވެ. ރ. އަލިފުށީ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން 7 މަގެއްގެ މަސައްކަތް ކުރެވޭނެ ކަމަށާއި، އެއީ ޖުމްލަ 3819.4 މީޓަރ. ރ. އަލިފުށީގެ މަގުތައްވެސް ތަރައްޤީ ކުރެވިގެންދާނީ ސްޓޯރމް ވޯޓަރ ނެޓްވޯކާއި ފެން ހިއްކުމަށް ގަޓަރުތައް ހެދުމާއި ފެނާއި ނަރުދަމާ ހިމެނޭހެން ޔުޓިލިޓީ ލައިންތަކަށް ބޭނުންވާ ޖަންކްޝަންތައް ބެހެއްޓުމާއި ތާރު އެޅުމުގެ އިތުރުން މަގު ބައްތި ޖެހުމާއި ސްޕީޑް ބްރޭކަރާއި ރޯޑް ސައިން ބޯޑު ހަރުކުރުން ފަދަ މަސައްކަތް ކުރެވިގެން ކަމަށްވެސް ވަނީ ބުނެފައެވެ.
މަގު ހެދުމުގެ މަޝްރޫޢަށް ބޭނުންވާ ސާމާނު އިތުރުން ވެހިކަލްތައް މިހާރުވަނީ އެރަށް ފޮނުވިފައި ކަމަށްވެސް ވަނީ ފާހަގަ ކޮށްފައެވެ. އަދި މީގެ އިތުރުން ތާރު އެޅުމާއިއެކު މަގު ބައްތި ޖެހުމާއި ސްޕީޑް ބްރޭކަރާއި ރޯޑް ސައިން ބޯޑު ހަރުކުރުން ފަދަ މަސައްކަތް ވެސް ކުރާނެކަމަށް އާރްޑީސީން ވަނީ ބުނެފައެވެ.

