ދިވެހިރާއްޖޭގައި ނުހަނު ފުޅާދާއިރާއެއްގައި ހަށިވިއްކުމާއި އޮންލައިން ކޮށް އެކިކަހަލަ އެހެނިހެން ކުށް ކުރުމަށް ގެންގުޅުނު “ޖަޒީރާ” ޓެލެގްރާމް ގުރޫޕާ ގުޅުން ހުރި ޓެކްސީ ޑްރައިވަރު ހައްޔަރުކޮށް ބަންދުގެ މުއްދަތު ދެވަނަ ފަހަރަށް އިތުރުކޮށްފިއެވެ.
މިކަމާ ގުޅިގެން މައުލޫމާތު ދެމުން ފުލުހުން ބުނީ “ޖަޒީރާ”ގެ ނަމުގައި ހިންގި ޓެލެގްރާމު ގުރޫޕުތަކާ ގުޅުން ހުރި ޓެކްސީ ޑްރައިވަރު މިނިމުނު މާރިޗް މަހުގެ 30 ވަނަ ދުވަހު ހައްޔަރުކޮށްފައިވާ ކަމަަށެވެ. އުމުރުން 60 އަހަރުގެ މި ދިވެހި ފިރިހެންމީހާ ހައްޔަރުކުމަށްފަހު މުއްދަތަށް ކޯޓަށް ގެންދިއުމުން މުއްދަތުކޮމިޓީއިން އޭނާގެ ބަންދަށް ފުރަތަމަ ޖެހި 15 ދުވަސް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެ 15 ދުވަަސް ހަމަވުމުން ދެވަނަ ފަހަރަށް ވެސް 15 ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން ދީފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
ތަފާތު ބޮޑެތި ކުށްތަކަށް އަރައިގަތުމަށް “ޖަޒީރާ އެޑްމިން”، “ޖަޒީރާ ގާލްސް”، “ޖަޒީރާ އެސްކޯޓް ގެލެރީ”، “ޖަޒީރާ ސްކޭމް އެލާޓް” އަދި “ޖަޒީރާ ލިންކް” ހަބަރުގެ ނަމުގައި 2023 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ހިންގަމުން ގެންދިޔަ ޓެލެގްރާމް ޗެނަލްތަކުގެ މައްސަލައިގައި ހަށިވިއްކުން މަގު ފަހި ކުރުމަށް ވަކި ހާއްސަ ޓެކްސީއެއް ގެންގުޅުނު ކަމަށް ފުލުހުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ބުނެފައެވެ.
ޖަޒީރާ ޓެލެގްރާމް ގްރޫޕު ހިންގުމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކުރީ ދެ މީހެކެވެ. އެއީ 28 އަހަރު ދިވެހި ފިރިހެނަކާއި 39 އަހަރުގެ ދިވެހި އަންހެނެކެވެ. އެ މައްސަލައާ ގުޅުންހުރި ހަތަރު ތަނެއް ބަލައި ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ވެސް ގެންދިޔައެވެ.
ފުުލުހުން ބުނީ މި މައްސަލައިގައި ބަލަން ޖެހޭ ކަންކަން ބަލައި އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

