އެންޓި ޑިފެކްޝަން ބިލު (ޤާނޫނު ނަންބަރު: 2024/3) ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު ތަސްދީޤު ކުރައްވައިފިއެވެ.
މިބިލަކީ ޕާޓީގެ ޓިކެޓުގައި ރައްޔިތުން މަޖިލީހުގެ މެންބަރުކަމަށް އިންތިހާބުވާ މެންބަރުން ޕާޓީ ބަދަލުކުރުމުން މެންބަރުކަމުން އިސްތިއުފާ ދޭން ޖެހޭ ގޮތަށް 2024 އެޕްރީލް މަހުގެ 1 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 20 ވަނަ ޖަލްސާގައި ފާސްކުރި ބިލެކެވެ.
މަޖިލީހުން އެންޓި ޑިފެކްޝަން ބިލު ފާސް ކުރިތާ ދެހަފްތާ އެއްހާ ދުވަސް ފަހުން މިއަދު ރައީސް ޑރ މުހައްމަދު މުއިއްޒު މިވަނީ އެ ބިލު ތަސްދީގު ކުރައްވާފައެވެ.
އެންޓި ޑިފެކްޝަން ބިލް ތަސްދީގުކުރެއްވުމާ އެކު އެ ގާނޫނު މިއަދު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައެވެ. އަދި އެއާ އެކު މިއަދުން ފެށިގެން އެ ގާނޫނަށް އަމަލުކުރަން ފަށާނެ ކަމަށް ވެސް ރައީސް އޮފީހުން ވަނީ ހާމަކުރައްވާފައެވެ.
މިއީ މެންބަރުން ގަނެވިއްކުން ހުއްޓުވުމުގެ ބޭނުމުގައި އިދިކޮޅު އެމްޑީޕީގެ ފަރާތުން މަޖިލީހަށް މިދިޔަ ފެބްރުއަރީ މަސް ތެރޭ ހުށަހަޅައި މި މަހު އެއް ވަނަ ދުވަހު 33 މެންބަރުންގެ ވޯޓާއެކު ބިލު ފާސްކުރީ އެންމެ ފަހުން ގޮނޑި ގެއްލުމަކީ އިހުތިޔާރީ ކަމަކަށްވާ ގޮތަަށެވެ. އެގޮތުން އެންޓި ޑިފެކްޝަން ބިލު މަޖިލީހަށް ހުށަހެޅިއިރު، އެ ބިލުގައި، ޕާޓީ ބަދަލު ކުރާ ހާލަތުގައި ގޮނޑި ގެއްލޭނެ ކަމަށް ބުނެފައިވެއެވެ.
މިހެންވުމުން، މިހާރު ގާނޫނުގައި އޮތް ގޮތުން އިސްތިއުފާ ދޭން ޖެހޭ ހާލަތްތަކުގެ ގޮތުގައި އޮތީ ބިލު ހުށަހެޅި އިރު ގޮނޑި ގެއްލޭނެ ކަމަށް ބަޔާންކޮށްފައިވާ މައިގަނޑު ތިން ހާލަތެވެ. އެ ތިން ހާލަތަކީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށްގެން އިންތިހާބުވުމަށް ފަހު، އެ އިންތިހާބުވި ދައުރުގެ ތެރޭގައި، އިންތިހާބުވި ޕާޓީގެ މެންބަރު ކަމުން އަމިއްލައަށް ވަކިވާން ހުށަހަޅައި އެކަން އިލެކްޝަންސް ކޮމިޝަންގައި ދަފްތަރުވުމާއި އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގައި ދަފްތަރުވުން އަދި އަމިއްލަ ގޮތުން އިންތިހާބުވި މެންބަރަކު އެ މީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުން މިއެވެ.
އެ ތިން ހާލަތުން ކުރެ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެ މެންބަރަކު “މެންބަރުކަމުން އިސްތިއުފާ ދޭންވާނެ” ކަމަށް ގާނޫނުގައި ބުނެފައިވެއެވެ.
އޭގެ އިތުރުން، ކޮމިޓީ މަރުހަލާގައި ގާނޫނަށް ގެނެސްފައިވާ އިސްލާހުތަކުގެ ތެރޭގައި ޕާޓީން އެ މެންބަރަކު ވަކިކުރާ ހާލަތުގައި އަމަލު ކުރާނެ ގޮތްތައް ބަޔާންކޮށްފައިވެ އެވެ. އެގޮތުން އިންތިހާބުވި ޕާޓީން އެ މެންބަރުންގެ ޕާޓީގެ މެންބަރުކަމުން އޭނާ ވަކިކުރާ ތާރީހުން ފެށިގެން ހަތް ދުވަސް ތެރޭ އެ ނިންމުމަކާ ގުޅޭ ގޮތުން ކޯޓަށް މައްސަލަ ހުށަހެޅުމުގެ އިހްތިޔާރު ލިބިގެންވެއެވެ. އަދި އެ މުއްދަތުގައި މައްސަލަ ކޯޓަށް ހުށަހަނާޅާ ނަމަ އެ ސިޔާސީ ޕާޓީގެ މެމްބަރުކަމުން ވަކިވެފައިވާކަން އިލެކްޝަންސް ކޮމިޝަނުން އެންގުންމުން މަޖިލިސް މެންބަރުކަމުން އިސްތިއުފާ ދޭން ވާނެ ކަމަށާއި އަދި އެ މެންބަރަކު ޕާޓީން ވަކިކޮށްފައި ވަނީ ރަނގަޅަށް ކަމަށް ކޯޓުން ނިންމައިފި ނަމަ، އެ މެންބަރަކު އެ ސިޔާސީ ޕާޓީގެ މެމްބަރުކަމުން ވަކިވެފައިވާކަން އިލެކްޝަންސް ކޮމިޝަނުން އެންގުންމުން މަޖިލިސް މެންބަރުކަމުން އިސްތިއުފާ ދޭން ވާނެ ކަމަށްވެސް ވެއެވެ. ހަމައެެހެންމެ މަޖިލިސް މެންބަރުންގެ އިތުރުން، ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ވެސް މިފަދަ ހާލަތްތަކުގައި އިސްތިއުފާ ދޭން ވާނެ ކަމަށް ގާނޫނުގައި ބުނެފައިވެއެވެ.

