ބޭންކް އޮފް މޯލްޑިވްސް އިން ހިންގާ "ކޮމިއުނިޓީ ފަންޑު" ގެ ދަށުން 4 ޕްރޮޖެކްޓެއް ކާމިޔާބު ކަމާއެކީ ނިންމާލައިފިއެވެ.
ބޭންކް އޮފް މޯލްޑިވްސްއިން ބުނީ ސ. ހިތަދޫގައި މޯލްޑިވްސް މަންތާ ކޮންޒަވޭޝަން ޕްރޮގްރާމުގެ ދަށުން ވަނީ "ރަށްވެށި ޕްރޮގްރާމް" އެއް ބާއްވާފައެވެ. މި ޕްރޮގްރާމުގެ ދަށުން އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް މަންތާ ސާރވޭ ފީލްޑްޓްރިޕް ހިމެނޭހެން ވަނީ 1 މަހުގެ މެރިން އެޑިއުކޭޝަން ކޯހެއް ވެސް ހިންގާފައި ކަމަށެވެ.
މި ޕްރޮޖެކްޓްގެ ދަށުން އާންމުންގެ ހޭލުންތެރިކަން އިތުތުކުރުމަށް ޖަމިއްޔާއިން ކުރަމުންދާ ރީސާރޗް މަސައްކަތްތަކާ ގުޅޭގޮތުން ވަނީ މައުލޫމާތު ފޯރުކޮށްދީފައެވެ. އަދި ޖަމިއްޔާއިން ކަނޑުދަތުރުކުރާ ފަރާތްތަކާ އިންޓަވިއުކޮށް އެފަރާތްތަކަށް ކަނޑާ ގުޅޭގޮތުން ލިބިފައިވާ އަގުނުކުރެވޭނެ ފަދަ މައުލޫމާތުތައް ރެކޯޑުކޮށް އެކަންކަން ބަލާ އެކަމާ ގުޅޭ ރިޕޯޓެއް ޝާއިއު ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ކޮމިއުނިޓީ ފަންޑުގެ ދަށުން ހދ. ނެއްލައިދޫގެ ފަތޯ ސްޕޯޓްސް އެކަޑަމީ އިން ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމް ހިންގުމަށް އެހީތެރިވުމަށް ކުޅިވަރާ ގުޅޭ ސާމާނުވަނީ ގަނެފައެވެ. މި ޕްރޮގްރާމުގެ ދަށުން އުމުރުން 6 އަހަރާއި 15 އަހަރުގެ އުމުރުފުރާގެ ކުދިންނަށް ފުޓްބޯޅަ، ހޭންޑްބޯލް، ވޮލީބޯޅަ ކުޅުމުގެ ޓްރެއިނިންގ ޕްރޮގްރާމް ހިންގުމަށް އެހީތެރިކަން ފޯރުކޯށްދެނޭވެއެވެ.

މ. މުލަކުގައި، އެރަށަށް ނިސްބަތްވާ ޖަމިއްޔާ ކޮމިއުނިޓީ އެމްޕަވަރމަންޓް ލިންކޭޖް ގެ ފަރާތުންވަނީ މުލަކު ސްކޫލުގައި ރީޑިންގ ޕާކެއް ތަރައްގީކޮށްފައެވެ. މި ޕްރޮޖެކްޓްގެ މަގްސަދަކީ ދަރިވަރުންގެ މެދުގައި ފޮތްކިއުމަށް ލޯބި އިތުރުކުރުން ކަމަށް ވެސް ބީއެމްއެލްއިން ބުނެއެވެ.
މީގެ އިތުރުން، އެސޯސިއޭޝަން އޮފް ލޭޑީ އެންޓްރަޕްރެނާސް އިން ވަނީ ލައިފް ކޯޗިންގ އަދި ކެޕޭސިޓީ ޕްރޮގްރާމެއް އއ. އުކުޅަސް، ހއ. މާރަންދޫ އަދި ހއ. ތަކަންދޫގައި ކުރިޔަށްގެންގޮސްފައެވެ. އަންހެނުންނަށް އަމާޒުކޮށް ހިންގި މި ޕްރޮގްރާމްގައި ވަނީ ސެލްފް އެމްޕަވަރމަންޓް، ސްރެސް މެނޭޖް ކުރުމާއި، ކޮމިއުނިކޭޝަން އަދި ޑިޖިޓަލް މާކެޓިންގ އަދި އިންޓްރޮޑަކްޝަން ޓު ބިސްނަސް ފަދަ ދާއިރާތަކުން މައުލޫމާތު ހިއްސާކޮށްފައެވެ.
ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ. މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 100 ޕްރޮޖެކްޓެއް ހިންގުމަށް ފައިސާގެ އެހީ ވަނީ ފޯރުކޮށްދެވިފައެވެ.

