ގައުމުގެ ކުރިއެރުމާއި ތަރައްގީއަށް ހުރަސް އަޅާނެ ބަޔަކު މަޖިލިހަށް ގެންނަން ޖެހޭ ސަބަބެއް ނެތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ބައިވެރިވެވަޑައިގެންނެވި ޕީޕީއެމް/ޕީއެންސީ ގަލޮޅު ދެކުނު ދާއިރާގެ ކެންޑިޑޭޓްގެ ކެމްޕެއިން ޖަގަހަ ހުޅުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަަވަމުން ރައީސް ވިދާޅުވީ، ރައްޔިތުން މަޖިލީސް އިންތިހާބުގެ ވޯޓުލާން ވީ ދުވަސް ވަރަށް ކުޑަތަންވެފައިވާއިރު ވޯޓު ދިނުމާމެދު ވިސްނައި ގޮތްނިންމާއިރު ތަރައްގީ ގެނައުމަށް މި ސަރުކާރުން ރެއާދުވާލު ސަރުކާރަށް ޖެއްސުންކޮށް، ވަކި އެޖެންޑާއެއްގައި މަސައްކަތް ކުރާ ބަޔަކަށް މަޖިލީހުގެ މެޖޯރިޓީ ދިނުމުން އެ މަސައްކަތް ކުރިއަށްގެންދިޔަ ނުދޭނެކަން ދެނެގަތުމަށެވެ.
ރައީސް ވިދާޅުވީ ރައްޔިތުން މިދިޔަ އަހަރު އިތުބާރުކޮށް އެމަނިކުފާނަށް ޤައުމުގެ ކަންކަން އިސްލާހު ކުރުމަށް ފުރުސަތު ދެއްވާފައިވާއިރު، އެކަން ހާސިލް ކުރުމަށް އެއްބާރުލުން ދެއްވާނެ މެންބަރުން މަޖިލީހަށް ބޭނުންފުޅުވާކަމަށެވެ.
“އަޅުގަނޑުމެންގެ ފިކުރަކީ ތަރައްގީގެ ފިކުރު، އަޅުގަނޑުމެން ބޭނުންވަނީ މުޅި ރާއްޖޭގެ ތަރައްގީ ޔަގީންކޮށްދޭން،މި މާލެ ސިޓީގެ ރައްޔިތުންނަށް ނުވެފައި ހުރި މި މުހިންމު މައިގަނޑު ކަންތައްތައް ގެދޮރުވެރިކަމުން ގޮސް އެންމެ ކުދި ކަންކަމާއި ހަމައަށް ތަރައްގީ ޔަގީންކޮށްދޭން،”. ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، މި ތަރައްގީ ޔަގީން ކުރުމަށްޓަކައި މިދިޔަ ރިޔާސީ އިންތިހާބުގައި ވޯޓު ދެއްވި ކަަމަށެވެ. މާލެ އާއި މުޅި ރާއްޖޭގެ ރައްޔިިތުންނަށް އެންމެ ބޭނުންވާ ކަންކަމަކީ ގެދޮވެރިކަން ކަމަށް ވާއިރު، ގައުމީ މިނިވަންކަމުގެ ކަންކަމަށް ފަހު ދެން އެންމެ ފުރަތަމަ ވައުދަކަށްވެސް ވެވަޑައިގެންނީ ގެދޮރުވެރިކަމުގެ ކަންކަން ކަމަށް ރައީސް ވިދާޅުވިއެވެ.
“މި ވައުދު ނުފުއްދޭނެ މިކަމަށް ހުރަސް އަޅާނެ ބަޔަކު ރައްޔިތުންގެ ތެރޭގައި ރެއާ ދުވާލު، ސަރުކާރާއި ދެކޮޅަށް ވަކި އެޖެންޑާތަކެއް ކުރިއަށް ލައިގެން ކުރިއަށްދާނެ ބަޔަކު އިހްތިޔާރުކޮށްފިއްޔާ،”.
އޭގެ ބަދަލުގައި މި މުހިންމު ހައްސާސް މައްސަލަ ބާރު ސްޕީޑްގައި ގެންގޮސް، އެމަނިކުފާނު ވައުުވެވަޑައިގެންނެވި ގޮތަށް މި ފަސް އަހަރު ގެދޮރުވެރިކަން ޔަގީންކަން، ހާސިލް ކުރެވޭނީ ވިސްނުމާއި އެއްގޮތަށް އެއްބާރުލުން ދޭނެ ބަޔަކު ހިޔާރު ކޮށްގެން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
“ސަރުކާރުން ބިލެއް ހުށަހަޅާއިރަށް ބޭރުކޮށްލާ، ސަރުކާރުން ގެދޮރުވެރިކަމުގެ މަޝްރޫއެެއް ހިންގަން ވެގެން ބޭރުގެ އެހީއެއް ހޯދަން ހުއްދައަށް އަހާލާއިރުގައި އެކަން އެޖެންޑާ ނުކޮށްދީ، އެކަން ދުވަހެއް ބޭކާރުކޮށްލާ، މަޖިލީހުން އެކަން އެތައް ގޮތްގޮތުން އުނދަގޫކޮށް، ރައްޔިތުން އެކަން ކުރުމުގެ ފުރުސަތު ދިނުން، މިފަދަ ކަންކަމަށް މި މަޖިލީސް ދޫކޮށްލަންވީ އެއްވެސް ސަބަބެއް ވިސްނާ ވިސްނާވެސް އަޅުގަނޑަކަށް ގައިމުވެސް ނުވިސްނޭ.” ރައީސް ވިދާޅުވިއެވެ.
އަދި އެގޮތަށް މަޖިލީސް ދޫކޮށްލަންވީ އެއްވެސް ސަބަބެއް ނެތް ކަމަށް ރައީސް ވިދާޅުވިއެެވެ.

