މި މަހުގެ 21 ވަނަ ދުވަހު ހެނދުނު ހެނދުނާ އެންމެން އެކުގައި ގައުމުގެ ހަމަޖެހުމަށާއި ތަރައްގީއަށް ވޯޓު ދިނުމަށް ގެއިން ނުކުތުމަށް ތައްޔާރުވާންވާންވީ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ބައިވެރިވެވަޑައިގެންނެވި ޕީޕީއެމް/ޕީއެންސީ ގަލޮޅު ދެކުނު ދާއިރާގެ ކެންޑިޑޭޓްގެ ކެމްޕެއިން ޖަގަހަ ހުޅުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަަވަމުން ރައީސް ވިދާޅުވީ، ރައްޔިތުން މަޖިލީސް އިންތިހާބުގެ ވޯޓުލާން ވީ ދުވަސް ވަރަށް ކުޑަތަންވެފައިވާއިރު، އަވަސްވެގަންނަންވީ މި ގައުމުގެ މިނިވަންކަމާއި މި ގައުމުގެ ސިޔާދަތާއި އަމަންްމާންކަމުގެ ރައްކާތެރިކަަމަށް ވޯޓު ދިނުމަށް ތައްޔާރުވުމަށްކަމަށެވެ. އަދި މި އެޕްރީލް މަހު 21 ވަނަ ދުވަހު ހެނދުނު ހެނދުނާ އަވަސްވެގަންނަންވީ ގައުމުގެ ހަމަޖެހުމަށާއި ތަރައްގީއަށް އެންމެން އެކުގައި ބާރު ލާފައި ނުކުތުމަށް ތައްޔާރުވާންވީ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މި ކަންކަން ހާސިލްވާން އޮތީ ބުއްދީގެ ބޭނުންކޮށް، ވަކިއަތަކަށް ނުޖެހި، ތައައްސުބުން އެއްކިބާވެ ހުރެ މިނިވަންކަމާއި އިންސާފުވެރިކަމާއި، ސަރުކާރަށް ތާއިދުކުރާ ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓު ދީގެން އެކަނި ކަމަށެވެ. އަދި ކުރިމަތިން ފެންނަން ހުރި ކަންކަމަށް ބަލާއިރު، މިހާރު އޮތް މަޖިލީހުގެ ތެރެއިން ފެންނަމުންދާ ހަގީގަތްތަކަށް ބަލާއިރު، މި ނޫން އިތުރު އެއްވެސް ޖަވާބެއް ނާންނަ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނާއި މިސަރުކާރުގެ ފިކުރަކީ ތަރައްގީގެ ފިކުރުކަމަށާއި ބޭނުންވެލައްވަނީ މުޅި ރާއްޖޭގެ ތަރައްގީ ޔަގީންކޮށްދިނުމަށް ކަމަށެވެ.

