ވިއްސާރަވުމުގެ ސަބަބަުން ކެމްޕެއިން ބޯޑުތައް ވެއްޓޭތީ ސަމާލުވާން ފުލުހުން އިލްތިމާސް ކޮށްފިއެވެ.
ފުލުހުން ބުނީ މޫސުން ގޯސްވެ ވައި ގަދަވުމުގެ ސަބަބުން ބައެއް ކެމްޕެއިން ބިލްބޯޑް ވެއްޓުމުގެ ހާދިސާތައް މިހާރު ހިނގަމުންދާ ކަމަށެެވެ. އެހެންކަމުން ވައިގަދަވާ ވަގުތު ތަކުގައި މަގުމަތި ބޭނުންކުރައްވާއިރު މިކަމަށް ސަމާލުވެ ލެއްވުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ.
މަގުތަކުގެ އެއްފަރާތުގައި ބަހައްޓާފައިހުރި ބިލްބޯޑް ތަކަކީ ރައްކާތެރި ގޮތުގައި ރަނގަޅަށް ހަރުކޮށްފައި ހުރި އެއްޗެހިކަން ކަށަވަރު ކުރުމަށް އެތަކެތި ބަހައްޓާފައިވާ ފަރާތްތަކަށް މި ތަކެތި ރަނގަޅު ގޮތުގައި ހަރުލުރުމަށް ވެސް ވަނީ އަންގާއި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މޫސުން ގޯސްވުމުގެ ސަބަބަުން މިހާރުވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް ރީދޫ ސަމާލުވެސް ނެރެފައެވެ. އެގޮތުން މެޓް އޮފީހުން ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި ވިއްސާރަ ކުރާނެ ކަމަށާއި، މޫސުން ގޯސްވުމުގެ ސަބަބުން ވައިވެސް ބާރުވާނެ ކަމަށެވެ.

