އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރު ވެގެންދާނީ، ދިވެހި ކޮންމެ ރައްޔިތަކު ވެސް ފަހުރުވެރިވާނެ ފަސް އަހަރަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާ އަށް ވާދަ ކުރައްވާ އިބްރާހީމް މުހައްމަދު(އިބުޓީ)ގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ވެވަޑައިގެންނެވި ކޮންމެ ވައުދުފުޅެއް ވެސް ފުއްދަވާނެ ކަމަށާއި، އެކަންތައް ރައްޔިތުންގެ އެއްބާރުލުމާއި އެކީގައި ފުރިހަމަ ކުރެވޭނެ ކަމަށެވެ.
އިދިކޮޅުން ޖަވާބުދާރީ ކުރުވުމުގެ ނަމުގައި ދައްކަމުން ދަނީ ސަރުކާރު ބަދަލު ކުރާ ވާހަކަ ކަމަށާއި، ގާނޫނީ ހަމަތަކުގެ ތެރެއިން ސަރުކާރެއް ބަދަލު ކުރުމުގެ ފުރުސަތު، ފަސް އަހަރުން އެއް ފަހަރު ރައްޔިތުންނަށް ލިބޭ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.
އެމަނިކުފާނުގެ ވެރިކަމަށް ފަސް މަސް ވީއިރު، ވައުދުތަކުގެ ތެރެއިން، ސަރުކާރަށް ނިންމެން އޮތް ކަމެއްނަމަ، ނިންމަވާފައިވާނެ ކަމަށާއި، ރައްޔިތުންނަށް ވެވަޑައިގެންނެވި ހުރިހާ ވައުދުފުޅެއް ވެސް މަޖިލީހުން އެއްބާރުލުން ލިބޭނަމަ ފުއްދަވާނެ ކަމަށެވެ.
މަޖިލިސް އިންތިހާބުގެ ވަގުތު ކުޑަތަން ވަމުން އަންނައިރު އިދިކޮޅުން ދަނީ މިސަރުކާރާއި ރައީސް ޑރ މުއިއްޒު ބަދުނާމު ކުރުނަށް ދޮގު ވާހަކަ ފަތުރައި ވެރިކަން ވައްޓާލާ ފަދަ ވާހަކަތައް ވެސް ދައްކަމުންނެވެ.

