މި ފިތުރު އީދު ތެރޭގައި ސޯޝަލްމީޑިޔާގައި ގިނަ ބައެއްގެ ޝައުގުވެރިކަން ހުއްޓުނު ވީޑިޔޯއެކެވެ. ފޭސްބުކް އިން ވައިރަލްވި މި ވީޑިޔޯ އަޕްލޯޑް ކުރިތާ ދެ ދުވަސް ތެރޭގައި 15000 މީހުން ބަލާފައިވާއިރު، 31 ކޮމެންޓާއި 145 ރިއެކްޓް ކޮށްފައިވާއިރު އޭގެތެރޭގައި ދިވެހި ބަހުގެ އެކަޑަމީގެ ކުރީގެ ރައީސް އަޝްރަފް އަލީވެސް ހިމެނޭކަން ފާހަގަކުރެވެއެވެ.
ފޭސް ބުކުގެ އިތުރުން ޓިކްޓޮކްގައިވެސް މި ވީޑިއޯ ވަނީ ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
ގިނަ ބައެއްގެ ތަރުހީބު ލިބިފައިވާ މި ވީޑިއޯއާއި އެކު ކޮމެންޓްތަކުން ފެންނަންހުރީ އެކި ޝުއޫރުތަކެވެ. ހުވަދޫގެ ތާރީހާއި ގުޅިފައިވާ "ހުވަދޫ އަތޮޅުވައްޓާ" ފަރިތަކަމާއިއެކު އެއް ވާނެއްގައި ކިޔާލީ އެ އަތޮޅު ކަނޑުހުޅުދޫ އަންހެންކުއްޖެވެ.
މި އަންބާ ދަސް ކުރި ގޮތް ހުވަދޫ ނޫހަށް ކިޔައިދެމުން ދިވެހި ޗެނެލްގެ ވީޑިއޯ ޖާނަލިސްޓެއްގެ ގޮތުގައި މިހާރު މަސައްކަތްކުރަމުން އަންނަ މުސްލިމާ ހަސަން ބުނީ މި އަންބާ ދަސްކުރީ ގުރޭޑް އަށެއްގައި ކިޔަވަމުންދިޔައިރު، 2006 އެއްގައި ކަމަށެވެ. މިއީ ކަނޑުހުޅުދޫގެ އުމުރުން ދުވަސްވީ ފަރާތެއް އޭނާއަށް ހަދިޔާ ކުރެއްވި މުހިންމު ބަންޖެއް ކަމަށެވެ. މުސްލިމާ ބަނދި ކިޔާފައިން ގޮތް ހަލުވިވެފަ ފަރިތައެވެ.
ފޭސްބުކުގެ މި ޕޯސްޓަށް ކޮށްފައިވާ ބައެއް ކޮމެންޓްތަކުން މި ބަނދި ރާގަށް ކިޔަން ބުނި މީހުންވެސް ތިބިއެވެ. ނަމަވެސް މިއީ ރާގަކަށް ފައްތައިގެން އެއްއިރެއްގައި އެއްވެސް ބަޔަކު ކިޔާފައި އޮތް އެއްޗެއް ނޫނެވެ.
ހުވަދު އަތޮޅު ބޭފުޅެއް ކަމަށްވާ ކުރީގެ ހޯމް މިނިސްޓްރީގެ ނައިބުގެ މަގާމުގައިވެސް ފުރުއްވި ދިވެހި ބަހުގެ އެކަޑަމީގެ ކުރީގެ ރައީސް އަޝްރަފް އަލީ މި ޕޯސްޓަށް ކޮމެންޓްކުރަމުން ވިދާޅުވީ "ހުވަދޫ އަތޮޅު ވައްޓާ" ތާރީހުގެ ތާރީހުގެ ތެރެއަށް ގެންނަން ކުރި މަސައްކަތަކީ ވަރަށް ރަނގަޅު މަސައްކަތެއް ކަމަށެވެ. ނަމަވެސް ބައެއް ރަށްރަށާއި، ގުޅިގެން ބައެއް ސިފަތަށް އަދިވެސް މަދު ކަމަށެވެ.

ހުވަދުއަތޮޅު ޗާޓު
ނޫސްވެރިއެއްގެ މަގާމުގައި 14 އަހަރު ހޭދަކުރެއްވި އަދި މިހާރު އިސްލާމިކް މިނިސްޓްރީގެ ޗީފް އެގްޒެކްޓިވް އޮފިސަރެއްގެ މަގާމުގައި ހުންނެވި ޒަމްއަތު އަހުމަދު ވަހީދު ވިދާޅުވީ މިފަދަ ބަންޖެއް މިގޮތަށް ގެނައުމަކީ ހުވަދުއަތޮޅުގެ ތާރީހަށްޓަކައި ކުރެވުނު މުހިންމުންމު ކަމެއް ކަމަށެވެ. މިފަދަ ޒުވާނުން އަތޮޅުގައި ގިނަވާންޖެހޭ ކަމަށާއި، މި ކުރެވުނު މަސައްކަތަކީ ރަނގަޅު މަސައްކަތެއް ކަމަށެވެ.
ޒަމާން ބަދަލުވެ، ދިވެހިންގެ އުޅުމާއި ވައްޓަފާޅިވެސް އަދުގެ ތާރީހަށް ބަދަލުވެއްޖެއެވެ. ނަމަވެސް ތާރީހުން ހިނގާފައިވާ ކަންތައްތަކަށް ބަދަލެއް ނާދެއެވެ. އެންމެ އެވޭލާ ޒަމާނުއްސުރެ ހިނގަމުން އައި ކަންކަން އަދިވެސް ދޫދޫ މަތިން ކިޔާ އުޅެއެވެ.
ބައެއް ކަންތައްތައް ތާރީހުގައި ލިޔެވިފައިވާއިރު، އަނެއްބައި ކަންތައްތަކަކީ ތާރީހުން ފެންނަން ނެތަސް ތާރީހަށް ގެންނަން ޖެހޭ މުހިންމު ކަންތައްތަކެއްކަން ޔަގީނެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ތާރީހަށް ބަލާލިނަމަވެސް ފެންނަން އޮތީ މި ހަނގީގަތެވެ. އުތުރާއި ދެނކުނުން ފެންނަން އޮތް މި ހަނގީގަތާއިއެކު، ހުވަދުއަތޮޅުގެ ތާރީހަށް ބަލާލިނަމަވެސް ފެންނަންއޮތީ ތާފާތު ވާހަކަތަކެވެ. އެ އަތޮޅުގެ "އަތޮޅު ވައްޓާ" މީ ތަފާތު ހާދިސާއެކެވެ. އެތައްބަޔަކު މިހާރުވެސް ހަގީގީ ހާދިސާއެއްގެ ގޮތުގައި ގަބޫލުކުރާ ހާދިސާއެއްގެ މައްޗަށް ބިނާވެ ކިޔަމުން އަންނަ ބަންޖެކެވެ.

ހަވަރު-ތިނަދޫގެ މަންޒަރެއް….ފޮޓޯ: ޓައިމްސްއޮފްއައްޑޫ
ހުވަދޫ އަތޮޅު ވައްޓާ އަކީ ކޮބާ؟
މިއީ ބުނެވޭ ގޮތުގައި މީގެ ދެ ގަރުނެއް ކުރިގައި ހިނގާފައިވާ ކަމެކެވެ. މި ހާދިސާ ދިމާވީ ގދ. ވާދޫންއިންނެވެ. ނަމަވެސް މުޅި އަތޮޅާއި، މި ހާދިސާއާއި ވަނީ ގުޅިފައެވެ. ބުނެވޭ ގޮތުގައި މިއީ ކަނޑު ފުރޭތައިގެ ކަމެކެވެ. މުޅި ހުވަދު އަތޮޅަގެ ހުރިހާ ރަށަކަށް އަރާ މި ފުރޭތަ ކަލޭގެ ވަނީ ރަށްރަށުގެ ސިފަތައް ބަންޖެއްގެ ގޮތުގައި ކިޔާ އަމުނާފައެވެ.
މި ވާހަކައަށް ބާލާއިރު އޭރުގެ މުސްކުޅިން ކިޔާ ގޮތުގައި މިއީ ކޮންމެވެސް މީހެއްގެ ކާފައެއް މާމައެއް ކިޔަދީފައިވާތީ އެގުނުގޮތަކަށް ކިޔަމުން އައި ބަންޖެކެވެ.
ބުނެވޭގޮތުގައި އެންމެ އެވޭލާ ޒަމާނުގައި މި ހާދިސާ ހިނގި ރަށް، ވާދޫ އަންހެނަކު ވަނީ އޭނާގެ އަންހެންދަރިއެއް ކަމަށްވާ ދޮންދީދީ ބަސްނާހާ، ނުކިޔަވާތީ ގެއިން ނެރެފައެވެ.
އެއީ ރޭގަނޑަކަށް އިރު އޮއްސެމުން އައި ވަގުތެވެ. އެ ޒަމާނަކީ ކަރަންޓް އޮތް ޒަމާނެއްނޫން ކަމުން މުޅި ރަށް އޮތީ ހަމަހިމޭންވެ ކަނު އަނދިރީގައެވެ. ބަސް ނާހާ، ނުކިޔަވާ ކުދިނަށް ބިރު ދެއްކުމަށް ގެއިން ބޭރަށް ނެރުމަކީ އޭރު އާންމު ކަމެކެވެ.
ދޮންދީދީވެސް ގެއިން ނެރުނީ ނުކިޔެވީމައެވެ. ދޮންދީދީ ގެއިން ނެރެލާފައި އޭނަ މަންމަ ބުންޏެވެ.
"އޭ ފުރޭތަޔާ މީ ބަސް ނާހާ ކުއްޖެއް. މީ ނުކިޔަވާ ކުއްޖެއް. މި ކުއްޖާ ގެންދޭ،" މިހެން ބުނެފައި ދޮންދީދީ ގެއިންނެރެ ބޭރަށްލުމަށްފަހު އެ އަންހެންމީހާ ގޭތެރެއަށް ވަދެ ދޮރުލައްޕައިލީއެވެ.

އިހުގައި އަތޮޅުތަކުގައި ރަށްރަށުގައި ގެތައް ހުންނަނީ މިފަދަ ގޮތަކަށް، ރޭގަނޑު ފުޅަލި ލައްޕާލިުިމަށްފަހު ދެނެއް އެއްވެސް މީހަކު ބޭރަކަށް ނުނިކުންނާނެ
ދޮންދީދީ ބިރުން ރޯން ފެށިއެވެ. ރޮއި ރޮއި ވަރުބަލިވެ ގިސްލެވި، ނޭވާ އުފުރެންދެން ރުޔެވެ. ނަމަވެސް މަންމަގެ ހިލަމެއް ނުވިއެވެ.
އޭގެ އެތައް ގަޑި އިރު ފަހުން ދަރިފުޅުގެ އަޑެއް ނީވުމުން ދޮންދީދީގެ މަންމަ ބޭރަށް ނުކުމެ ބަލައިލިއެވެ. ދަރިފުޅު ފެންނާކަށް ނެތެވެ.
ފުޅި ބައްތީގެ އަލީގައި ގެ ކައިރި ވަށައި ހޯދައިލިއެވެ. އެތައްގަޑިއިރެއް ހޭދަވީ އިރުވެސް ކުއްޖާއެއް ނުފެނުނެވެ.
ދޮންދީގެ މަންމަ ރަށު މުދިމު ހޯދަން ދިޔައީ ދެން ހަދާނެ ގޮތެއް ނޭނގި ގޮތްހުސްވުމުންނެވެ. މުދިމު އަރިހަށް ގޮސް ދޮންދީދީގެ މަންމަ ވެގެންއުޅޭ ގޮތް ކިޔައިދިނެވެ.
"ސުބުހާނައްﷲ އޭ،" ބުނެ މުދިމު އަވަސްވެގަތީ ސަންގު ފުމެ، ދޮންދީދީ ފެނޭތޯ ހޯދުމަށް އަވަސްވެގަތެވެ. ބިގަރާއި ފާނޫޒުތައް ދިއްލައިގެން މުޅި ވާދޫ ވަލުތެރެއާއި މޫދާއި ހުރިހާ ތަނެއް ހޯދަމުން ދިޔައެވެ. ރައްޔިތުން އެއްކޮށްގެން ކުރި މަސައްކަތް މެންދަމަށް އަލިވި އިރުވެސް ކާމިޔާބެއް ނުވިއެވެ.
ރަށުތެރޭގައި ތަކުބީރު ބަދެ، ކުދިބޮޑު އެންމެން ކުރި މަސައްކަތް ކާމިޔާބުނުވެ ފަތިހަށް ހާ ގޮވީއެވެ. އޭރު އެއްބައިމީހުން ދޮންދީދީ ހޯދުމަށް ފުރަފުރައިން ބޮއްކުރާތަކުގައި ކައިރި ރަށްރަށް ވެސް ގޮސްފިއެވެ.

އިހުގައި އަތޮޅުތަކުގައި ރަށްރަށުގެ މަންޒަރެއް
ހޯދަމުންދިޔަ ފިރިހެންވެރިންނަށް ދޮންދީދީ ފެނުނީ ވާދޫއާއި ޖެހިގެން އޮތް ފަރެހު ތުޑިންނެވެ. އެ އަތޮޅު ބަހުން (އެރަޓު ހުއްޓޭ ކޮނޑުން) އެރަށު ތުޑީ ކޮޅުގައި ހުރި ކަށިކެޔޮ ގަހެއްގެ ދެ އަޑަފިގަނޑު ދޭތެރޭގައި ދޮންދީދީ އިންދައެވެ.
އޭރު އިރު އަރައިފިއެވެ. އޭރު ދޮންދީގެ އެއްލޯ ނެތެވެ. ލޯ އޮތީ ބޯލާފައެވެ.
ވީ ކިހިނެއްކަން ކިޔައިދިނުމަށް ހޯދަން ދިޔަ މީހުން ދޮންދީދީ ކައިރީ އެދުނެވެ. ބިރުން ހުރި، ދޮންދީދީ ކިޔައިދޭން ބޭނުމެއް ނުވިއެވެ. އެއްވެސް ކަމެއް ނުވާނެ ކަމަށް އެމީހުން ބުނުމުން ދޮންދީދީ ވާހަކަ ކިޔަދޭން ފެށިއެވެ.
"އަހަރެން ކައިރީ ބުނީ މިވާހަކަ ނުދައްކަން ދައްކައިފިއްޔާ އަރަހެން މަރާލާނެ. އަހަރެން ލޯ ބޯލީ ފުރޭތަ. އޭނާ އަހަރެން ގޮވައިގެން މި އަތޮޅު ހުރިހާ ރަށަކަށް އެރި. ކޮންމެ ރަށަކަށް އަރާ އެ ރަށަކުން ފެނުނު މަންޒަރު ކިޔައިދިން. ފުރޭތަ ބުނީ ބަސް ނާހާ ކުދިންނަށް މިފަހަރު ދުނިޔެ ދައްކާލާނަމޭ."
ދޮންދީދީ ކިޔައިދިން ގޮތް ކަމަށް ބުނެ ދޫދޫމަތިން މި ވާހަކަ އައިސްފައިވަނީ މި ބުނާ ގޮތަށެވެ.
"ފުރަތަމަ ފުރޭތަ އައީ މަންމައަށް ހެދިގެން އައިސް ބުނީ ގެއަށް ވަންނަން ހިނގާށޭ. ވަކި ހިސާބަކަށް ދެވުނު އިރުވެސް ގެއެއް ނުފެނުނު. ދެން ފުރޭތަ އަހަރެން ކޮނޑަށް ލައިގެން ދާން ފެށި، މޫދާ ކައިރިއަށް ގޮސް ކަނޑަށް އެރުނު. ބުނި ހަމަޖެހިގެން އޮންނާށޭ. އެހެން ކިޔައި ބަންޖެއް ކިޔަން ފެށި. ވާދޫން ފުރާ ފަންޏާ. ކަނޑަހަލަގަލަ ނުބަލަންޏާ…………………………"
މީއީ ހުވަދޫ ބަހުން ކިޔާފައި އޮތް ބަންޖެކެވެ.
ވާދޫއިން ފުރައިގެންނޭ މިދަނީ، ކަނޑެއް ހަލެއް ގަލެއް ނުބަލާނަމޭ،
އެބުނާ އަތޮޅު ވައްޓާ:
- ވާދޫން ފުރާ ފަންޏާ
ކަނޑަހަލަގަލަ ނުބަލަންޏާ
ފުއްޓަރު ބޭރުން ލަންޏާ
ކެރެދި ކަނޑާ ރެހާދޮގޭ
ފެންފިލައޭ މަގުއްދުއޭ
މަސްފަޅުވާ ގަޒީރޭ
ގަންވަލަވަދެ އަލަކޮނަކާ ވަގުތަކުނޭ
ގައްދޫ ކުދިން ކުޅޭ ކުޅިއާ ވާކުޅިއާ އަނބިފިރިއާ
މަސްނުމަރާ ރޮދަބައެކޭ
މާވައްދޫ އެތަރެހެވޭ ބޭރެނުބޭ
ކަޅަހަމަދު ދެ ކޮޅު ދެ ނާއިބުން ތިބޭ
ގޮޅާއްލަކީ ގޮޅާލިކަމާނާގެ ރަށޭ
މެންތައްދޫ ދެރަށްބަލާ ނެރައްދޮގޭ
ހުޅުވާރަލު ތަހިލިލާ ފަރަހުޅަދޫ ފަރަ ނަމަކަށް ކިޔުނު ރަށޭ
ކޮނޑާނަހުށީ ހޯހަޑި ތަޅާ ރަށޭ
މާވަރަލު މިނިމެރިއާ
ހުޅަދޫގޭ ދޮރެއްނެތޭ
އެންމެ މުޅައްގަޑެއް ހުއްޓޭ އެ މުޅައްގަޑާ އެރުޅިގަތޭ ފެރުޅިގަތޭ
ލަސްނުކުރޭ ބާއިލަޅޭ
ދެން ގޮސް މަ އެރީ މާފަހެލާ
މާފެހެލާން އިލެކަނޑެގެން މައްތުރެހެން މައުވޭގެން
މާފުއްޓަށް އަރާތަނާއި
ކަނބުލަގެތާ އެއްވަގަތޭ ލެއްވެގަތޭ
ކުނބުރު ދޮގޭ ހަންޑިތިބޭ ނުބޯ ދޮގޭ ފެންމީރޭ
ކުކުޅު ބިސްނާޅާ ބިސްރެހެއޭ
ވަސްމިދުވާ މަސްމިކަނި ގެމަނަފުށީ މާނުހިނގާ ނުކުތު ރަށޭ
ކަށިކޭވައް މެދަ ހުއްޓޭ
ކަރުމަޅިޖެހި ދިޔަދުއަނޭ
ކޮނޑޭ މަލާ ރީތިމަލާ ބައްދަމަލާ
ފަތް ގިނަޔޯ އިހަލަކު ދެ ކުރުނބާ ގިނަޔޯ
ރޯމަސް ދަންޑަށް ގިނަޔޯ
ކޮނޑޭމަތީ ލާބަދުވޭ ފަންޖަހަޅޭ ހަރުކުނަދޫ ބާވޮނަދޫ
ބޮޑުކުރުބާ ދިގަދުއަނޭ ފުނަދުއަނޭ ބޭރު ރެހާ ވިލިގިއްޔޭ
ބޭރު ތެލާ މަހައްދުވޭ ކަންހިންފަޅޭ ވޮޑަމުލޭ
ދާންދޫ ކަނބާ ތަކުނޭ ނެލަންދޫ ސޫފިތަނުކޭ
ދިގުވާ ދިގުރަށޭ ހުޅަމެންދޫ އަލިފާނޭ
ކަނދަމެރި މާމެންދޫ ބޮޑުންތިބޭ
ކޫއްޑޫ އެއްވަޅަކުން ދެ ވަޅު ކޮނޭ އަމާންނުވި ބިންގަނޑެކޭ
ހަލަ މިރަށުން ބާއިލަޅޭ
ވިލިގިއްޔޭ އޮޅުކިލަލޭ މަދިރި ކައޭ ނުމެކުނިދޭ
ފަޅު ރީތި ރާވެއްރެހާ މާމުޓަހޭ ތާމުޓަހޭ
ފަރަހަލަންނަ އަރޭ ވައްގަބުޅު ކަންނަންހޭ
މާފުއްޓަށް އަރާތަނާ ކަނބުލެގަތާ އެއްވެގަތޭ ލެއްވެގަތޭ
ބަޅުން ކިޔާ ބައުޅަގަލ ހޯހަރިއަރާ މިނިމެއްސޭ
ތެނަދު ކުދިން ހެއްސިގަތާ ލެއްވިގަތާ
އަފުން ނުލާ ކަފުންދޮގޭ
އަދި މީގެ ތެރެއިން ކޮނަށި ދޮގޭ
މަޑަވެލި ކުފުރުންގެ ރަށޭ
ހޯޑެއްދޫ ކޭވަކަ ފެނަ ފޮނި ކަންޏާ
ނަޑާލީ ކަނބުރުންގެ ރަށޭ
ފިޔޯރީ ހާވިއްކާ ކާ ރަށޭ
ލާބަހެވޭ ލާބަ އިތުރުވާ ރަށޭ
އެއްލޮނޑި ތަކުރުންގެ ރަށޭ
ހޫނުތޮޑި ތޮޑާ ދޮގޭ
މެދަށް އޮތީ ކަޅައިދުއޭ ފަރަހު ހުއްޓޭ ކޮޑަށް އެއްލައިލޫ……..
މި ބަނދީގައި ހުވަދުއަތޮޅު މަދު ރަށްތަކެއް ފިޔަވާ ހުރިހާ ރަށެއްވެސް އެބަހުއްޓެވެ. މިހާރުވެސް އެ ރަށްރަށުން ފެންނަ ސިފަޔާއި އެއްގޮތް ކަންތައްތަކެއް އެބަހުއްޓެވެ. މީހުންގެ އުޅުމާއި ވައްޓަފާޅިވެސް ބަނދީގައި ބުނާ ކަންތަކާ އެއްގޮތެވެ.

ވާދޫގެ ވަލުގެތެރެ މަންޒަރެއް
ކަނޑެއް ހަލެއް ގަލެއް ފަރެއް ނުބަލާ ފުއްޓަރު ފަރާތުން އަރައިގެން ފަޅުރަށްތައް ފަހަނައަޅާ ފުރޭތަ އެރީ ގައްދޫ ގަމަށެވެ.
ގަމަކީ އޮޅު އަލަ އޮތް ރަށަކަށްވީމަ ވަލަށްވަދެ އަލަ ހޮވީއެވެ. ގައްދޫ ކުދިން ކުޅޭ ކުޅިއާ ވާކުޅިއާ އަނބިފިރިއާ، ގައްދޫމީހުން ތިބީ އަނބިފިރި ޒުވާބުގައި ކަމަށް ބެލެވެއެވެ.
ވަސްމިދުވާ މަސްމިކަނީ ގެމަނަފުށީ މާ ނުހިނގާ ނުކުތުރަށޭ، މިހާރުވެސް އެރަށަކީ މަސްވެރި ރަށެވެ. އަދި އެބުނާ ވަސްނުދުވާ މަސްމިކަނީ، މީގެ މާނަ އެނގޭނީ ހަމަ އެހެންކީ އެއްޗަކަށެވެ.
ކޮނޑޭމަލާ ރީތިމަލާ ، އޭރުވެސް މިހާރުވެސް ކޮނޑޭއަކީ މަލަމަތި ރީތި ރަށެކެވެ.
ނަމަވެސް މިހާރު ބައެއް ރަށްތަކުން މިރަށްތަކުގެ ސިފަޔާއި ގުޅުވައިގެން ތަފާތު ވާހަކަތައް ދެއްކި ނަމަވެސް ސިފަތަކާއި، ނުގުޅޭ ރަށްތައް އެބަހުއްޓެވެ.
ތިނަދޫ ކުދިން ހެއްސިގަތާ ލެއްވިގަތާ މިއީ ތިނަދޫއަށް ފުރޭތަ ހާއްސަކުރި ސިފައެވެ.
އަދިވެސް އެހެން ރަށްތައްހުރިއިރު، ނަޑެއްލާ އަށް ކިޔާފައިވަނީ ނަޑާލީއެވެ. ބެލެވޭ ގޮތުގައި އޭރު މިރަށަށް ކިޔާއުޅުނީ މި ނަންބާއޭވެސް ސުވާލު އުފެދެއެވެ. ނަމަވެސް އެއްވެސް އިރެއްގައި މި ރަށުގެ ނަމަށް އިތުރު ބަދަލެއް އައި ކަމެއް މުސްކުޅިންގެ ފަރާތުން ވެސް އެނގިފައެއެއް ނުވެއެވެ.
މިހާރު ސުވާލަކީ މިވާހަކަ މިއަދާ ހަމަޔަށް ދެމި އޮތީ ކިހިނެއްހޭ، މިއީ އެތައްބައެއްގެ ސުވާލެކެވެ.
ޖަވާބަކީ އެޒަމާނުގައި ކުދިން ނިންދެވުމަށާއި، އެކި ކަންކަމުގައި ކިޔާ އުޅުނު ބަންޖަކަށް ވާތީ ކަމަށް އިހުގެ މުސްކުޅިންގެ ފަރާތުން ވަނީ އެނގިފައެވެ. އަދި ބައެއް ރަށްތައް އުނިވެފައިވާ ވާހަކައަކީވެސް ސުވާލެއެވެ. ޖަވާބަކީ އެއީ އެ ބުނާ ޒަމާނެއްގައި ނެތް ރަށްތައް ކަމުގައިވެސް ވެދާނެއެވެ. އަދި ފުރޭތަ ނާރާ ރަށްތައްކަމުގައިވެސް ވުމަކީ އެކަށީގެންވާ ކަމެކެވެ.
އަތޮޅުގެ މެދުގައި އޮންނަން ދެއްވަދޫ އަށް ފުރޭތަ އަރާފައެއް ނުވެއެވެ. އަދި ބަނދިން ދެއްވަދޫގެ ވާހަކަ އެއް ނާދެވެ. ދެއްވަދޫ އަކީ އިހުގެ ދަންނަ ބޭކަލެއް ކަމަށްވާ ދެއްވަދޫ ރަސްގެފާނުގެ ރަށް ކަމަށްވާތީ އެރަށަށް އަރަން ޖެހިލުންވީ ކަމަށްވެސް ވެދާނެއެވެ.
މި ވާހަކައަކީ ހަގީގަތެއް ކަމެއް އަދި ނޫންކަމެއް ވެސް އެނގޭނެ މާބޮޑު ހެއްކެއްނެތެވެ. އޭރު ހުރި ހިކުމަތްރިއެއްގެ މޮޅު ވިސްނުމުން ގެނެވުނު ވާހަކައެއް ކަމަށްވެސް މި ވާހަކަ ވުމަކީ އެކަށީގެންވާ ކަމަށެވެ.
ފުރޭތަ ދޮންދީދީ ކައިރީ މި ވާހަކަ ނުދައްކާށޭ ބުނި ނަމަވެސް އެވާހަކަ ދޮންދީދީ ކިޔައިދިނީ އެއްވެސް ކަމެއް ނުވާނެ ކަމަށް ބުނުމުންނެވެ. އެކަމަކު ވާހަކަ ދައްކާ ނިމުނުތަނާ ދޮންދީދީ މަރުވީއެވެ.

