ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި މާލޭގައި ބަހައްޓާފައި ހުރި ބައެއް ބިލްބޯޑުތައް ވެއްޓެމުން ދާތީ ސަމާލުވާން ފުލުހުން އެދިއްޖެއެވެ.
މިކަން ހާމަކުރުމަށް ފުލުހުން ކުރި އެކްސް ޕޯސްޓެއްގައި، މޫސުން ގޯސްވެ ވައި ގަދަވުމުގެ ސަބަބުން ބައެއް ކެމްޕެއިން ބިލްބޯޑް ވެއްޓުމުގެ ހާދިސާތައް ހިނގަމުންދާކަން ފާހަގަކޮށް ފުލުހުން ވަނީ ވައިގަދަވާ ވަގުތު ތަކުގައި މަގުމަތީ އުޅޭ ފަރާތްތަކުން މިކަމަށް ސަމާލުވުމަށް އެދިފައެވެ.
ފުލުހުން ބުނީ، މަގުތަކުގެ އެއްފަރާތުގައި ބަހައްޓާފައި ހުރި ބިލްބޯޑުތައް ހުރީ ރައްކާތެރި ގޮތުގައި ރަނގަޅަށް ހަރުކޮށްފައިތޯ ކަށަވަރު ކުރުމަށް އެތަކެތި ބަހައްޓާފައިވާ ފަރާތްތަކަށް އަންގާފައި ވާނެކަމުގައެވެ.
މިމަހުގެ 21 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ، ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް ވާދަކުރަމުންދާ ގިނަ އަދަދެއްގެ ކެނޑިޑޭޓުން ވަނީ މާލޭގެ އެކި ހިސާބުތަކުގައި ބޮޑެތި ބިލްބޯޑުތައް ބަހައްޓާފައެވެ. އޭގެތެރެއިންވެސް، ބިޔަ ބޮޑު ބިލް ބޯޑުތައް އެންމެ ގިނަ އަދަދަކަށް ބަހައްޓާފައިވާ އެއް ސަރަހައްދެއްގެ ގޮތުގައި ފާހަގަވެފައިވަނީ ސިނަމާ ބުރިޖްގެ ފެށޭ ސަރަހައްދާއި ނިމޭ ސަރަހައްދުކަން ފާހަގަ ކޮށްލެވެއެވެ.

