ރާއްޖޭގައި ވީޗެޓް ޕޭ ފެށުމަށް މަޝްވަރާ ކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ ވިޔަފާރިވެރިންނަށް ބޭރުން ގެންނަ ތަކެއްޗަށް ފައިސާދެއްކޭނެ އިތުރު ގޮތްތަކެއް ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ޓެންސެންޓް/ވީޗެޓް ޕޭގެ ރީޖަނަލް ޑިރެކްޓަރާއި ބައްދަލުކޮށް މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
ވީޗެޓް ޕޭ އަކީ، ކިއުއާރް ކޯޑް ސްކޭން ކޮށްލައިގެންނާއި، އެ އެޕްލިކޭޝަން މެދުވެރިކޮށް ފަސޭހައިން ފައިސާގެ އޮންލައިން މުއާމަލާތްތައް ފޯނުން ކުރުމަށް ޗައިނާއިން ތައާރަފް ކޮށްފައިވާ ޑިޖިޓަލް ވޮލެޓްގެ ހިދުމަތް ލިބޭ އެޕްލިކޭޝަނެކެވެ. މި އެޕްލިކޭޝަން މިހާރު ޗައިނާގެ އިތުރުން އެހެން ގައުމުތަކުން ވެސް ވަނީ ބޭނުންކުރަން ފަށާފައެވެ. މިކަމާއި ގުޅިގެން މަޝްވަރާ ކުރިކަމަށް ވިދާޅުވީ ނަމަވެސް، އެކަމާއި ގުޅިގެން އިތުރު މައުލޫމާތު މިނިސްޓަރު ހިއްސާ ކުރައްވާފައެއް ނުވެއެވެ.

