މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާރޓްސްއިން ހިންގާ “ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގުރާމް”ގެ ދަށުން މެރިއޮޓް އިންޓަނޭޝަނަލްގެ ދެވަނަ ބެޗުގައި ތަމްރީނުވުމަށް ހުޅުވާލައިފިއެވެ.
ދެވަނަ ބެޗުގައި ބައިވެރިވުމަށް މިއަދު ހުޅުވާލާފައިވާއިރު މި ޕްރޮގްރާމުގައި ރަޖިސްޓްރީވުމަށް މި އީމެއިލްއަށް އަށް ވަނަވަރު މެއިލް ކުރައްވާށެވެ.
މި ޕްރޮގުރާމުގެ ދަށުން “އޯޕެން ޑޭ” ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އޯޕެން ޑޭ ބޭއްވުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް އިންޓިޓިއުޓް އޮފް ޓެކްނޮލޮޖީގައި މާދަމާ 11:30 އިން 15:00 އަށެވެ. ޝައުގުވެރިވާ ފަރާތްތަކަށް މި އޯޕެން ޑޭގައި މި ޕްރޮގްރާމާ ބެހޭ އިތުރު މައުލޫމާތު ލިބި، އެޕަރެންޓް އަށް ރަޖިސްޓްރީ ކުރެވޭނެއެވެ.
ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގުރާމްގެ ދަށުން މެރިއޮޓް އިންޓަނޭޝަނަލްގެ ފުރަތަމަ ބެޗްގެ ބައިވެރިން މާރޗް މަހުގެ ތެރޭގައި 43 ޒުވާނުން ގްރެޖުއެޓުވިއިރު އޭގެ ތެރެގައި 21 ޒުވާނުންނަށް ވަޒީފާ ޔަގީންވެފައިވާ ކަމަށް ޔޫތު މިނިސްޓްރީން ވިދާޅުވި އެވެ.
މިއަހަރު މެރިއޮޓް އިންޓަނޭޝަނަލް މޯލްޑިވްސް ރިސޯޓްތަކުގެ 7 ޕްރޮޕަޓީއަކުން 100 އަށް ވުރެ ގިނަ އެޕްރެންޓިސްޝިޕް ސްލޮޓް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ޕްރޮގުރާމުގެ ބައިވެރިންނަށް މަހުން މަހަށް ދޭ އެލަވަންސާއި ކެއުމާއި ހުރުން ވެސް ހަމަޖެހިގެންދާއިރު ޕްރޮގްރާމް ނިމުމުން ގްރެޖުއޭޓުވާ ފަރާތްތަކަށް އެމްއެންއެސްޑީއޭ އިން ނެޝަނަލް ސެޓްފިކެޓް އެމްއެންކިއުއެފް ލެވެލް 3ގެ ލިބިގެންދާނެއެވެ.
ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގުރާމަކީ މަސައްކަތުގެ މާހައުލުގައި ތިބެގެން އެ މަސައްކަތުގެ ތަޖުތިބާކާރުންގެ ބެލުމުގެ ދަށުން މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ގައުމީ ފެންވަރުގައި ހުޅުވާލައިގެން ކުރިއަށްގެންދާ ޕްރޮގުރާމެކެވެ.
މިޕްރޮގްރާމްތައް ހިންގާނީ މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ނެޝަނަލް ސްޓޭންޑަރޑްތަކާ އެއްގޮތަށެވެ.
މި ޕްރޮގުރާމުގެ މަގުސަދު ތަކުގެ ތެރޭގައި
- މަސައްކަތްތެރިކަމުގެ ދާއިރާގެ ތަމްރީނު ހޯދުމަށް ޝައުޤުވެރިވާ ޒުވާނުންނަށް މަސައްކަތްތެރިކަމުގެ ދާއިރާއިން ސަރުކާރު ޤަބޫލުކުރާ ފެންވަރުގެ ތަމްރީނު ހޯދުމުގެ ފުރުޞަތު ފަހިކޮށްދިނުން
- މި ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށް މަސައްކަތްތަކާ ގުޅޭގޮތުން ނެޝަނަލް ކޮމްޕިޓެންސީ ބޭސްޑް ޓްރެއިނިންގް ސްޓެންޑާރޑްތަކުގައި ހިމެނޭ ކޮމްޕިޓެންސީއެއް ހާސިލު ކުރެވިފައިވާކަން ޔަގީންކުރުމަށްފަހު ތަމްރީން ފުރިހަމަކުރި ކަމުގެ ޤައުމީ ސަނަދު ދޫކުރުން
- މަސައްކަތްތެރިކަމުގެ ދާއިރާގައި މިހާރު ހަރަކާތްތެރިވާ ބިދޭސީންގެ އަދަދު މަދުކޮށް، އެވަޒީފާތައް އަދާކުރުމަށް ދިވެހި ޒުވާން މަސައްކަތްތެރީންތަކެއް ވަޒީފާގެ ބާޒާރަށް ނެރުން.
- ތެދުވެރިކަމާއި، ނަޒާހަތްތެރިކަމާއިއެކު އަމިއްލަ މަސައްކަތުން ދިރިއުޅުމުގެ ޚަރަދުބަރަދު ހަމަޖައްސާލެވޭނެ މިންވަރުގެ އާމްދަނީއެއް ހޯދައި، އަބުރުވެރިކަމާއިއެކު ދިރިއުޅެވޭނެމަގު ޒުވާން ދިވެހީންނަށް ފަހިކޮށްދިނުން
ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ތަމްރީނުތައް ހާއްސަކޮށްފައި ވަނީ ފަތުރުވެރިކަމުގެ ދާއިރާއަށާއި ދަތުރުފަތުރުގެ ދާއިރާ، އިމާރާތްކުރުމުގެ ދާއިރާ އާއި، އިޖްތިމާއީ ދާއިރާ، އަދި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާ، އަދި އިންފޮމޭޝަން، ކޮމިޔުނިކޭޝަން ޓެކްނޮލޮޖީ ދާއިރާ އަށެވެ.

