މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އިން ބުނީ މިއީ ދަނޑުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމުގެ ގޮތުން ހަދާ ދަނޑުވެރިކަމުގެ ސެންސަސްއެއް ކަމަށެވެ.
މި ސެންސަސް ނެގުމުގައި ދަނޑުވެރިކަމުގައި އަންނަނިވި ފަރާތްތަައް ރަޖިސްޓްރީ ވުމަށް ވަނީ ހުޅުވާލާފައެވެ.
- ވިޔަފާރި އުސޫލުން ދަނޑުހައްދާ ފަރާތްތައް،
- ވިޔަފާރި އުސޫލުން ކުކުޅާއި ކުދި ޖަނަވާރު ގެންގުޅޭ ފަރާތްތައް،
- ވިޔަފާރި އުސޫލުން ގަސް ހައްދައި ވިއްކާ ފަރާތްތަކާއި ނާސަރީ ގެންގުޅޭ ފަރާތްތައް
މިފަރާތްތައް ހަރަކާތްތެރިވާ ކުންފުނި، ޖަމިއްޔާ، ކޯޕަރޭޓިވްސް އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގައި ހިމެނޭ ފަރާތްތައް ރަޖިސްޓްރީވުމަށް މިވަނީ ހުޅުވާލާފައެވެ.
ރަޖިސްޓްރީވުމަށް ފޯމް ފުރުއްވުމަށްފަހު މި އޭޕްރީލް މަހުގެ 30 ވަނަ ދުވަހުގެ ކުރިން info@agriculture.gov.mv އަށް މެއިލް ކުރުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.
އަދި މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް މިނިސްޓްރީގެ ފޯން ނަންބަރު 3339261، ނުވަތަ 3339263 އާ ގުޅުމަށް ވެސް ވަނީ އެދިފައެވެ.
މީގެ ކުރިން ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން ވަނީ ހއ، ހދ އަދި ށ އަތޮޅުގެ 26 ރަށުގެ ދަނޑުވެރިންނާއި ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިވެރިންނަށް 15 މިލިޔަން ރުފިޔާގެ ސްކީމެއް ކުރިއަށްގެންދަން ނިންމާފައެވެ. އަދި މި ސެންސަށްފަހު ދަނޑުވެރިކަމުގެ މަސައްކަތަކީވެސް ކޮންމެވެސް “ނަމެއް” އޮންނަ، ވަޒީފާއެއްގެ ގޮތުގައި މުޖުތަމައު ތެރޭގައި ބަލައިގަންނާނެ ފަދަ މަސައްކަތެއް ކަމަށް ވާނެ ކަމުގެ އުއްމީދު ބޮޑެވެ.

