ރާއްޖޭގެ ހަވަނަ ލޯކަލް އޮތޯރިޓީ ކުންފުނި، ކ މާފުށީގައި ހުޅުވައިފިއެވެ.
މިކަން ހާމަކުރައްވާފައި ވަނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު އެކްސް.ކޮމްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެޕޯސްޓުގައި އާދަމް ޝަރީފު ވިދާޅުވެފައިވަނީ މާފުށީގައި ލޯކަލް އޮތޯރިޓީ ކުންފުންޏެއް ހުޅުވާފައިވާ ކަމަށެވެ.
އާދަމް ޝަރީފު ވިދާޅުވީ، އެ ކުންފުންޏެއް ސަބަބުން ރަށުގެ އިގްތިސާދީ ދުވެލި ހަލުވިވާނެ ކަމަށާއި ރައްޔިތުންނަށް ބޭނުންވާ މުނިސިޕަލްގެ ހިދުމަތްތައް ދިނުން އަވަސްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ރޭ މާފުށީގައި ހުޅުވި އޮތޯރިޓީއަކީ ރާއްޖޭގައި ހުޅުވުނު ހަވަނަ ލޯކަލް އޮތޯރިޓީ ކުންފުނިކަމަށް ވަޒީރު އާދަމް ޝަރީފް ވިދާޅުވިއެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވަނީ “ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި އަމިއްލަ ފަރާތްތަކާ އެކު ވިޔަފާރިކުރުމާ ބެހޭ ގަވައިދު” އޭޕްރީލް، 2021، ގައި ގެޒެޓުކޮށްފައެވެ.
އެންމެ ފުރަތަމަ ލޯކަލް އޮތޯރިޓީ ކުންފުންޏެއް ރަޖިސްޓްރީ ކުރީ އއ. ތޮއްޑޫ ކައުންސިލުން ޑިސެމްބަރު 19، 2022 ގައިއެވެ.
އެ ގަވާއިދާއެކު ކުންފުނި ހަދައިގެން ކައުންސިލްތަކުން ވިޔަފާރިކުރެވޭނެ ފުރުސަތު ވަނީ ކައުންސިލްތަކަށް ފަހިވެގެން ގޮސްފައެވެ.

